74ވަނަ ޤަވާޢިދު (ޖުމްލަ 189): الأَمْرُ بِالشَّيءِ نَهْيٌ عَنْ ضِدِّهِ
މި ޤަވާޢިދުގެ ތަރުޖަމާ: {އެއްޗަކަށް ކުރެވޭ އަމުރަކީ އޭގެ އިދިކޮޅު ނަހީކުރުމެއް}
މި ޤަވާޢިދުގެ މުރާދު: ޝަރުޢުކުރައްވާ ފަރާތުން ވަކި ކަމެއް ކުރުމަށް ކޮށްފި އަމުރަކީ، އެ އަމުރުވެވުނު ކަންތައް ކުރުމަށް އޮތް އަމުރަކަށް ވާފަދައިން، އެއީ އެ އަމުރުކުރެވުނު ކަންތަކާ އިދިކޮޅަށް އަމަލުކުރުން ނަހީކުރެއްވުމެކެވެ. ސަބަބަކީ، އަމުރުވެވޭ ކަމެއް ކުރެވޭނީ އެ އަމުރާ ފުށުއަރާ އިދިކޮޅު ކަންތަކަށް ނިމުން ގެނެސް އެ ކަންތައް ހުއްޓައިލައިގެން ކަމުގައި ވާތީއެވެ. މިއީ، ފިޤުހުވެރިންނާއި އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.
މިއާ ޚިލާފަށް، މުޢުތަޒިލާއިންނާއި، އަދި ބައެއް ޝާފިޢީންގެ ނަޒަރުގައި، ކަމެއް ކުރުމަށް އޮންނަ އަމުރަކީ އެއާ އިދިކޮޅަށް ކަންކުރުމަށް އޮތް ނަހީއެއް ނޫނެވެ.
ދެން ފަހެ، މި ރައުޔުތަފާތުވުމުގެ ފައިދާ ފާޅުވަނީ، އަމުރުވެވިގެންވާ އަޅުކަންތަކުގައި އެ އަމުރުތަކަކީ އެއާ އިދިކޮޅަށް އަމަލުކުުރުމަށް އޮތް ނަހީއެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުއްވުމުގައެވެ.
އެގޮތުން، ބައެއް ބޭފުޅުންގެ ނަޒަރުގައި، އެ އަޅުކަންތައް ކުރުމުގެ ފުރުސަތު ފާއިތުވެގެން ނުދާނަމަ، އެ އަމުރުތަކަކީ އެއާ އިދިކޮޅަށް އަމަލުކުރުމަށް އޮތް ނަހީއެއް ނޫނެވެ. މިސާލަކަށް، ނަމާދުގައި ކޮޅަށް ހުރުމެވެ. ނަމާދު ކުރާއިރު ކޮޅަށް ހުންނަންޖެހޭ ހަރަކާތްތަކުގައި ކޮޅަށް ހުރުމީ އަމުރުވެވިގެންވާ ކަމެކެވެ. ނަމާދު ފެށުމަށްފަހު ކޮޅަށްހުރެފައި އިށީނދެފަ ދެން ކޮޅަށް ހުރެއްޖެނަމަ، ކަމަކަށް އޮތް އަމުރަކީ އެއާ އިދިކޮޅަށް އަމަލުކުރުމަށް އޮތް ނަހީއެއް ނޫން ކަމަށް ވިދާޅުވާ ބޭފުޅުންގެ އަރިހުގައި އޭނާގެ ނަމާދު ބާޠިލެއް ނުވާނެއެވެ. ސަބަބަކީ، އެ ބޭފުޅުންގެ ނަޒަރުގައި އެ ހާލަތުގައި އިށީނުމީ ނަހީވެގެންވާ ކަމަކަށް ނުވާތީއެވެ. މިއާ ޚިލާފަށް، މި ޤަވާޢިދާ އެއްގޮތަށް، ކަމަކަށް އޮތް އަމުރަކީ އެއާ އިދިކޮޅަށް އަމަލުކުރުމަށް އޮތް ނަހީއެއް ކަމަށް ވިދާޅުވާ ބޭފުޅުންގެ ނަޒަރުގައި، އޭނާ އެ ހާލަތުގައި އިށީނުމީ ނަހީވެގެންވާ ކަމެކެވެ. އެހެންކަމުން، ނަމާދުގައި ޤިޔާމުގައި ހުންނަންޖެހޭ ވަގުތު ޤަޞްދުގައި އިށީނދެއްޖެނަމަ، އެ ބޭފުޅުންގެ އަރިހުގައި އޭނާގެ ނަމާދު ބާޠިލުވާނެއެވެ.
އަދި މި ޤަވާޢިދުގައި ބުރަވެފައިވާ ރައުޔުގެ ދަށަށް އެހެން މައްސަލައެއް ވެސް ވަދެއެވެ. އެއީ، އޭގެ ތެރެއަށް ވާޖިބާއި މަންދޫބު ވެސް ވަންނާނެތޯ ނުވަތަ އޭގެ ތެރެއަށް ވަންނާނީ ވާޖިބު އެކަނިތޯ ކަނޑައެޅުމުގެ މައްސަލައެވެ. މި މައްސަލައިގައި އަލްއާމިދީއާއި އިބްނުލްޙާޖިބާއި އަދި އެހެންވެސް ބޭފުޅުން ދެ ރައުޔެއް ގެންނަވާފައި ވެއެވެ. އެ ތަނުން އެންމެ ޞައްޙަ ރައުޔަކީ، އަލްއިސްނަވީ ބަޔާންކުރައްވާފައިވާ ރައުޔެވެ. އެއީ، މި ކަމުގައި ވާޖިބާއި މަންދޫބުގައި އެއްވެސް ތަފާތެއް ނެތް ކަމެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =