[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 72

75ވަނަ ޤަވާޢިދު (ޖުމްލަ 189): الأَمرُ بِالأَمرِ بِالشَّيءِ أَمرٌ بِذَلِكَ الشَّيءِ

މި ޤަވާޢިދުގެ ތަރުޖަމާ: {ކަމަކަށް އަމުރު ކުރުމަށް އަމުރު ކުރުމީ، އެ ކަންތައް ކުރުމަށް ކުރެވުނު އަމުރެއް}

މި ޤަވާޢިދުގެ މުރާދު: ޝަރުޢުކުރައްވާ ފަރާތުން އެހެން މީހަކަށް ކަމެއް ކުރަން އަމުރު ކުރުމަށް މުކައްލަފަކަށް އަމުރު ކުރައްވައިފިނަމަ، އެއީ އެ ދެވަނަ މީހާއަށް އެ ކަން ކުރުމަށް ކުރެވުނު އަމުރެއް ކަމުގައި ބެލެވޭނެއެވެ. އެއްވެސް މެދުވެރިއެއް ނެތި އެ މީހާއަށް އެ އަމުރު ކުރިމަތިކުރެވުނުނަމަ ވެސް ކަންތައް ވާނޭ ގޮތަށެވެ. އެހެންކަމުން، އަމުރުގެ ތެރޭގައި މެދުވެރިއަކު ނެތި ކުރެވޭ އަމުރާއި މެދުވެރިއަކު ހުރެ ކުރެވޭ އަމުރު ވެއެވެ. އަދި މެދުވެރިއަކު ހުރެ ކުރެވޭ އަމުރަކީ ޙަޤީޤީ އަމުރާއި އެއްފަދަ އެއްޗެކެވެ. މިއީ، މާލިކީންކުރެ ޖަމާޢަތެއްގެ ބޭފުޅުންނަށް އަލްބަންނާނީ ނިސްބަތްކުރައްވާފައިވާ ރައުޔެކެވެ.

މިއާ ޚިލާފަށް، އުޞޫލީ ޢިލްމުވެރިންކުރެ ވަރަށް ގިނަ ބޭފުޅުންގެ ނަޒަރުގައި، އަމުރުކުރައްވާ ފަރާތުން އެހެން މީހަކަށް ކަމެއް ކުރަން އަމުރު ކުރުމަށް މުކައްލަފަކަށް ކުރެވުނު އަމުރަކީ، އެ ކަން ކުރުމަށް އެ މީހާއަށް އަމުރުކުރައްވާ ފަރާތުން ކުރެވުނު އަމުރެއް ކަމުގައި ނުބެލެވޭނެތެވެ. އެއީ، އެ ކަމަށް ދަލީލަކުން ދަލީލު ނުކޮށްދޭނަމައެވެ. އެހެނީ، މެދުވެރިއަކު ހުރެ ކުރެވޭ އަމުރަކީ ޙަޤީޤީ އަމުރެއް ކަމުގައި އެ ބޭފުޅުން ދެކިވަޑައެއް ނުގަންނަވަތެވެ.

އަދި މިއާ ޚިލާފަށް، އައްޒަރުކަޝީ ވިދާޅުވަނީ ފަހުގެ އުޞޫލީ ޢިލްމުވެރިންކުރެ ބައެއް ބޭފުޅުންގެ ނަޒަރުގައި، ފުރަތަމަ މީހާއަށް ކުރެވުނު އަމުރުގެ މުރާދަކީ ފޯރުކޮށްދިނުންކަން ލާޒިމު ކުރާ ޤަރީނާއެއް އޮވެއްޖެނަމަ، އެ އަމުރަކީ ދެވަނަ މީހާއަށް އޮތް އަމުރެއް ކަމުގައި ބެލެވޭނެތެވެ. އެހެން ނުވާނަމަ، އެއީ ދެވަނަ މީހާއަށް އޮތް އަމުރެއް ކަމުގައި ނުބެލެވޭނެތެވެ.

މި ޤަވާޢިދުގެ މިސާލަކީ، ހަތް އަހަރުވުމުން ނަމާދު ކުރަން ކުޑަކުދިންނަށް އަމުރުވެވިގެން ވުމެވެ. އެއީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅާ ގުޅިގެންނެވެ. ((مُرُوا أَوْلاَدَكُمْ بِالصَّلاَةِ وَهُمْ أَبْنَاءُ سَبْعِ سِنِينَ)) މާނައީ: [ތިޔަބައިމީހުންގެ ދަރީން ހަތް އަހަރު ވުމުން، އެ ކުދިން ނަމާދަށް ހާނުވާށެވެ!] މި ޙަދީޘްފުޅުގައި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އެ ވަނީ މައިންބަފައިންނަށް އަދި ހަތް އަހަރުވެފައިވާ ދަރިންނަށް އަމުރު ކުރައްވާފައެވެ. އެހެނީ، މި ޤަވާޢިދުގައި ވާފަދައިން، އަމުރު ކުރުމަށް އަމުރު ކުރުމީ އަމުރެކެވެ. މި ޤަވާޢިދާ ޚިލާފަށް ވިދާޅުވާ ބޭފުޅުންގެ ނަޒަރުގައި، މި ތަނުގައި މިވާ އަމުރަކީ، ހަމައެކަނި މައިންބަފައިންނަށް އޮތް އަމުރެކެވެ. އެއީ، ދަރިންނަށް އޮތް އަމުރެއް ނޫނެވެ. ސަބަބަކީ، ކުޑަކުދިންނަށް ތަކުލީފުޖެއްސެވިގެން މުޚާޠަބު ނުކުރެވޭނެ ކަމާ މެދު އަދި އެއުރެންނަށް ނަމާދު ކުރުމުގެ ތަކުލީފު ޖެއްސެވިގެން ނުވާ ކަމާ މެދު އިޖުމާޢުވެވިފައި ވާތީއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =