[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 73

76ވަނަ ޤަވާޢިދު (ޖުމްލަ 189): الأَمْرُ بِالشَّيءِ أَمْرٌ بِلَوَازِمِهِ

މި ޤަވާޢިދުގެ ތަރުޖަމާ: {ކަމަކަށް އަމުރު ކުރުމީ އެއިން ލާޒިމު ކުރާ ކަންކަމަށް ވެސް ކުރެވުނު އަމުރެއް}

މި ޤަވާޢިދުގެ މުރާދު: ޝަރުޢުކުރައްވާ ފަރާތުން ވަކި ކަމަކަށް އަމުރު ކުރައްވައިފިނަމަ، އެއީ އެ ކަން ކުރުމަށް އޮތް އަމުރެއް ކަމުގައި ވާފަދައިން، އެއީ އެ ކަމުން ލާޒިމު ކުރާ ކަންކަން ކުރުމަށް ވެސް އޮތް އަމުރެއް ކަމުގައި ބެލެވޭނެތެވެ. ސަބަބަކީ، އެއްޗަކުން ލާޒިމު ކުރާ ކަންތައް އެއާ ވަކި ނުކުރެވޭނެތީއެވެ. އެގޮތުން، ނަމާދު ކުރަން އަމުރުވެވުމުން، އެއީ ނަމާދު ކުރުމަށްޓަކައި ބޭނުންޖެހޭ ޠަހާރަތާއި ޤިބުލައަށް ކުރިމަތިލުމާއި ޢައުރަ ނިވާކުރުންފަދަ ކަންކަމަށް ވެސް އޮތް އަމުރެއް ކަމުގައި ބެލެވޭނެތެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (يَا أَيُّهَا الَّذِينَ آمَنُواْ إِنَّمَا الْخَمْرُ وَالْمَيْسِرُ وَالأَنصَابُ وَالأَزْلاَمُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ) (ސޫރަތުލްމާއިދާ: 90) މާނައީ: [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި ނަޞީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބުމަށްޓަކައެވެ.] މި އާޔަތުގައި ﷲ ތަޢާލާ އެ ވަނީ، ބަނގުރާ ޙަރާމް ކުރައްވައި އެ ނަހީ ކުރައްވާފައެވެ. ބަނގުރާ ޙަރާމް ކުރެއްވުމީ، ބަނގުރާގެ ޖިންސުގެ ތެރެއަށް ވަންނަ އަދި ބަނގުރާގެ ނަން ދިނުން ޞައްޙަ ކޮންމެ ޚާއްޞަ އެއްޗަކަށް ވެސް އޮތް ޙުކުމެކެވެ. ސަބަބަކީ، ޢާއްމު ކަންތައް ނަފީ ކުރުމުން، ޚާއްޞަ ކަންތައް ނަފީ ކުރުން ލާޒިމު ކުރާތީއެވެ. އެހެންކަމުން، ބަނގުރާއިން ދުރުހެލިވިކަމަށް ބެލެވޭނީ، ހުރިހާ ބަނގުރާއެއް ވެސް ބޭނުންކުރުން ހުއްޓާލުމުންނެވެ. އަދި ހަމައެގޮތަށް، ބަނގުރާ ޙަރާމްކުރެއްވުމީ، ބަނގުރާ ބުއިމަށް ގެންގޮސްދޭ އެންމެހާ ކަމެއް، އޭގެ ތެރޭގައި އެ ގަނެވިއްކުމާއި އެ ވިއްކަން ފިހާރަތައް ހެދުމާއި އެ ބޯން ތަންތަން ހެދުމާއި އެ ރައްކާކޮށްފައި ބެހެއްޓުން ހިމެނޭ ގޮތުން، ޙަރާމް ވާނޭ ކަމެކެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =