[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 74

77ވަނަ ޤަވާޢިދު (ޖުމްލަ 189): الأَمرُ بَعْدَ الـحَظْرِ يَرْفَعُ الـحَظْرَ وَيَكُونُ كَمَا قَبْلَ الـحَظْرِ

މި ޤަވާޢިދުގެ ތަރުޖަމާ: {މަނާ ކުރުމަށްފަހު އަމުރު ކުރުމުން، މަނާކަން އުފުލިގެންދޭ، އަދި މަނާ ވުމުގެ ކުރިން އޮތް ގޮތަށް ބަދަލުވެގެންދޭ}

މި ޤަވާޢިދުގެ މުރާދު: ޝަރުޢުކުރައްވާ ފަރާތުން ކަމެއް ކުރުން މަނާ ކުރެއްވުމަށްފަހު، އެ ކަން ކުރުމަށް އަމުރު ކުރެއްވުމުން، އެ މަނާކަން ނެތިގެން ދެއެވެ. އަދި އެ ކަމުގެ ޙުކުމަކީ އެ ކަން މަނާ ކުރެއްވުމުގެ ކުރިން އޮތް ޙުކުމް ކަމުގައި ވެގެންދެއެވެ. ކުރިން އޮތީ ވާޖިބުކަމެއްގެ ގޮތުގައި ކަމަށް ވަނީނަމަ، އެ ވާހުށީ ވާޖިބުކަމަކަށެވެ. އަދި ކުރިން އޮތީ މުބާޙުކަމެއްގެ ގޮތުގައި ކަމަށް ވަނީނަމަ، އެ ވާހުށީ މުބާޙުކަމަކަށެވެ. މިއީ، އާލު ތައިމިއްޔާއިންނާއި އިބްނުލްހުމާމާއި އިބްނު ޢަބްދިއްޝަކޫރާއި އައްޒަރުކަޝީ އިޚްތިޔާރު ކުރެއްވި ރައުޔެވެ.

މިއާ ޚިލާފަށް، އަލްހިންދީއާއި އަލްޢަލާއުލްބުޚާރީ ގިނަ ޢިލްމުވެރިންނަށް އަދި މުޢުތަޒިލާއިންނަށް އަދި ހަތަރު މަޒުހަބުގެ ބޮޑެތި ދަންނަބޭކަލުންނަށް ނިސްބަތްކުރައްވާފައިވާ ރައުޔެއްގައި ވަނީ، މަނާ ކުރުމަށްފަހު އޮންނަ އަމުރުން ދޭހަކޮށްދެނީ އެ ކަމުގެ ވާޖިބުކަމެވެ.

އަދި މިއާ ޚިލާފަށް، ވަރަށް ގިނަ ފިޤުހުވެރިންނަށް ނިސްބަތްކުރެވިފައިވާ ރައުޔެއްގައި ވަނީ، މަނާ ކުރުމަށްފަހު އޮންނަ އަމުރުން ދޭހަކޮށްދެނީ އެ ކަމުގެ މުބާޙުކަމެވެ.

އަދި މިއާ ޚިލާފަށް، އިމާމުލްޙަރަމައިނިއާއި، [އަލްމަންޚޫލް] ފޮތުގައި އަލްޣަޒާލީއާއި، އަދި އަލްއާމިދީ އިޚްތިޔާރު ކުރައްވާފައިވާ ރައުޔެއްގައި ވަނީ، މަނާ ކުރުމަށްފަހު އޮންނަ އަމުރުން ދޭހަކޮށްދެނީ އެ ކަމުގެ ވާޖިބުކަންތޯ ނުވަތަ މުބާޙުކަންތޯ ކަނޑައެޅުމުގައި ވަކިކޮޅެއް އިޚްތިޔާރުނުކޮށް ހުއްޓިހުރުމަށެވެ.

އަދި މި ނޫން ރައުޔުތައް ވެސް މި މައްސަލައިގައި ވާރިދުވެފައި ވެއެވެ.

ކޮންމެއަކަސް، މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((كُنْتُ نَهَيْتُكُمْ عَنْ زِيَارَةِ الْقُبُورِ فَزُورُوهَا فَإِنَّـهَا تُذَكِّـرُكُـمُ الْآخِرَةَ)) މާނައީ: [އަހުރެން ތިޔަބައިމީހުން ގަބުރުސްތާނަށް ޒިޔާރަތްކުރުން ނަހީކުރައްވާކަމުގައި ވީމުއެވެ. ފަހެ، ތިޔަބައިމީހުން އެ ތަނަށް ޒިޔާރަތްކުރާށެވެ! އެހެނީ، އެ ކަމަކީ ތިޔަބައިމީހުންނަށް އާޚިރަތުގެ މަތިން ހަނދުމަކޮށްދޭނޭ ކަމެކެވެ.] މި ޙަަދީޘްފުޅުގައި އެވާ އަމުރަކީ، މުބާޙުކަމުގެ މާނައިގައިވާ އަމުރެކެވެ. ސަބަބަކީ، ގަބުރުސްތާނަށް ޒިޔާރަތްކުރުމުގެ އަޞްލު ޙުކުމަކަށް ކުރިން އޮތީ މުބާޙުކަމެވެ. ދެން، އެ ކަން ނަހީކުރެއްވުމުން ޙަރާމްވީއެވެ. ދެން އަނެއްކާ ވެސް މި ޙަދީޘުގައިވާ ފަދައިން، އެ ކަން ކުރުމަށް އަމުރުވެވުނީއެވެ. އެހެންކަމުން، މަނާވުމަށްފަހު ވާރިދު މިވީ އަމުރުން ދޭހަކޮށްދެނީ އެ ކަމުގެ މުބާޙުކަމެވެ. އަދި މިއީ، މި ޤަވާޢިދުން ލާޒިމުކުރާ ގޮތެވެ. ސަބަބަކީ، މަނާކަން ފިލައިދިޔުމުން، މަނާވުމުގެ ކުރިން އޮތް އަޞްލު ޙުކުމަށް ޙުކުމް އިޢާދަވާނެތީއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =