[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 75

78ވަނަ ޤަވާޢިދު (ޖުމްލަ 189): الأَمْرُ بَعْدَ الاِسْتِئْذَانِ يَرْفَعُ الاِسْتِئْذَانَ وَيَكُونُ كَمَا قَبْلَهُ

މި ޤަވާޢިދުގެ ތަރުޖަމާ: {ހުއްދަ ދިނުމަށްފަހު އަމުރު ކުރުމުން، ހުއްދަ އުފުލިގެންދޭ، އަދި ހުއްދަ ދިނުމުގެ ކުރިން އޮތް ގޮތަށް ބަދަލުވެގެންދޭ}

މި ޤަވާޢިދުގެ މުރާދު: ޝަރުޢުކުރައްވާ ފަރާތުން ކަމެއް ކުރަން ހުއްދަ ދިނުމަށްފަހު، އެ ކަން ކުރުމަށް އަމުރު ކުރެއްވުމުން، އެ ހުއްދަކަން ނެތިގެން ދެއެވެ. އަދި އެ ކަމުގެ ޙުކުމަކީ އެ ކަމުގެ ހުއްދަ ދެއްވުމުގެ ކުރިން އޮތް ޙުކުމް ކަމުގައި ވެގެންދެއެވެ. ކުރިން އޮތީ ވާޖިބުކަމެއްގެ ގޮތުގައި ކަމަށް ވަނީނަމަ، އެ ވާހުށީ ވާޖިބުކަމަކަށެވެ. އަދި ކުރިން އޮތީ މުބާޙުކަމެއްގެ ގޮތުގައި ކަމަށް ވަނީނަމަ، އެ ވާހުށީ މުބާޙުކަމަކަށެވެ. މިއީ، އާލު ތައިމިއްޔާއިންނާއި އިބްނުލްހުމާމާއި އިބްނު ޢަބްދިއްޝަކޫރާއި އައްޒަރުކަޝީ އިޚްތިޔާރު ކުރެއްވި ރައުޔެވެ.

ދެން ފަހެ، މި ޤަވާޢިދުގެ ދަށުން އުފެދިފައިވާ ރައުޔުތަފާތުވުންތަކަކީ ވެސް އިސްވެދިޔަ ޤަވާޢިދުގެ ދަށުން އުފެދުނު ރައުޔުތަފާތުވުންތައް ކަމުގައި ވާތީ، އެ ހުރިހާ ރައުޔުތަފާތުވުންތަކެއް މި ތަނުގައި ތަކުރާރު ކުރުމުގެ ބޭނުމެއް ނެތެވެ. އެ ރައުޔުތަފާތުވުންތައް ބެއްލެވުމަށް އިސްވެދިޔަ ޤަވާޢިދު ބައްލަވާށެވެ.

މި ޤަވާޢިދުގެ މިސާލަކީ، ޖަމަލުމަސް ކެއުމަށްފަހު ވުޟޫ ކުރުމާ ގުޅޭ ގޮތުން ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައާ ސުއާލުވެވުނު ޙަދީޘެވެ. އިބްނު ޙިއްބާންގެ ރިވާޔަތުގައިވާ ގޮތުން، ޖަވާބުގައި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((نَعَمْ، تَوَضَّأْ مِنْ لُحُومِ الإِبِلِ)) މާނައީ: [އާއެކެވެ. ޖަމަލުމަސް ކައިފިނަމަ ވުޟޫ ކުރާށެވެ!] މި ޙަދީޘްފުޅުގައި އެވާ [تَوَضَّأْ] (ވުޟޫ ކުރާށޭ) އިން ގިނަ ޙަންބަލީން ނަންގަވަނީ އެ ކަން ވާޖިބުވެގެންވާ ކަމުގެ މާނައެވެ. ސަބަބަކީ، ޙަންބަލީންގެ އަރިހުގައި ޖަމަލުމަސް ކައިފިނަމަ އަޞްލަކީ ވުޟޫ ކުރުން ވާޖިބުވުމެވެ. އެހެންކަމުން، ސުއާލަށްފަހު ވެސް އެ ޙުކުމަކަށް ބަދަލެއް ނާންނާނެއެވެ. އެހެންނަމަވެސް، އެހެން ބޭފުޅުންގެ އަރިހުގައި އޭގެ ޙުކުމަކަށް ވާހުށީ މުބާޙުކަމެވެ. އެހެނީ، އެހެން ބޭފުޅުންގެ ނަޒަރުގައި، ޖަމަލު މަސް ކައިފިނަމަ އަޞްލަކީ ވުޟޫ ކުރުން މުސްތަޙައްބުވުމެވެ. ވާޖިބެއް ނުވާނެއެވެ. އެހެންކަމުން، ސުއާލަށްފަހު އަދި އޮޅުންފިލުވައިދިނުމަށް އެދުމަށްފަހު ވެސް އެ ޙުކުމަކަށް ބަދަލެއް ނާންނާނެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =