79ވަނަ ޤަވާޢިދު (ޖުމްލަ 189): كُلُّ فِعْلٍ كَسْبِيٍّ أَحَبَّهُ الشَّارِعُ أَوْ أَحَبَّ فَاعِلَهُ فَهُوَ مَأْمُورٌ بِهِ
މި ޤަވާޢިދުގެ ތަރުޖަމާ: {އެ ކަމަކަށް ޝަރުޢުކުރައްވާ ފަރާތުން ލޯބިކުރައްވާ، ނުވަތަ އެ ކަމެއް ކުރާ މީހާއަށް ލޯބިކުރައްވާ ކޮންމެ ހާސިލުކުރެވޭ ކަމަކީ، އަމުރުވެވިގެންވާ ކަމެއް}
މި ޤަވާޢިދުގެ މުރާދު: ކަމެއް އެއީ މުކައްލަފަށް ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ އަދި އެ ކަން ހާސިލު ކުުރުމުގެ ކުޅަދާނަކަން ލިބިގެންވާ ކަމެއް ކަމުގައި ވެފައި، ޝަރުޢުކުރައްވާ ފަރާތުން އެ ކަމަކީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ ކަމެއް ކަމުގައި ބަޔާންކުރައްވައިފިނަމަ، ނުވަތަ އެ ކަން ކުރާ މީހާއަށް އެކަލާނގެ ލޯބިވެވޮޑިގަންނަވާ ކަމުގައި ބަޔާންކުރައްވައިފިނަމަ، އެއިން ދަލީލުކޮށްދެނީ، އެ ކަމަކީ ކުރަން އަމުރުވެވިގެންވާ ކަމެއް ކަމެވެ. އަދި މުކައްލަފު އެ ކަން ކޮށް އެ ކަން ހާސިލު ކުރުމަށް ޝަރުޢުކުރައްވާ ފަރާތުން ޤަޞްދު ކުރައްވާކަމެވެ. މަންދޫބުކަމެެއްގެ ގޮތަށް ނުވަތަ ވާޖިބުކަމެއްގެ ގޮތަށެވެ. މިއީ، އަލްޢިއްޒު ބްނު ޢަބްދިއްސަލާމް ކަނޑައަޅުއްވާފައިވާ ޤަވާޢިދުތަކުގެ ތެރެއިން ޤަވާޢިދެކެވެ.
ދެން ފަހެ، މި ޤަވާޢިދުގައި ބަޔާންވެފައިވާ ހާލަތުގައި އެ ކަމަކީ އަމުރުވެވިގެންވާ ކަމެއް ކަމުގައި ވާއިރު، އެ އަމުރު އޮންނަހުށީ އެހެންޏާ މަންދޫބުކަމުގެ މާނައިގައެވެ. ނޫންނަމަ، ވާޖިބުކަމުގެ މާނައިގައެވެ. އެއީ، އެ އަމުރުން ލިއްބައިދޭ މާނަ އެނގިއްޖައުމަށް ދާންދެނެވެ. އަދި މި ހާލަތުގައި، ތަރުޖީޙުދޭން ބޭނުންކުރެވޭ އެހެން ކަންކަމަށް ބޭނުންޖެހިގެން ވާނެތެވެ.
މި ޤަވާޢިދުގެ މިސާލަކީ، ރަސޫލުﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((إِنَّ اللَّهَ يُحِبَّ أَنْ يُرَى أَثَرُ نِعْمَتِهِ عَلَى عَبْدِهِ)) މާނައީ: [ހަމަކަށަވަރުން، ﷲ އެ އިލާހު ދެއްވި ނިޢުމަތްތަކުގެ އަސަރު އެ އިލާހުގެ އަޅާގެ ކިބައިން ދުށުމަށް ލޯބިކުރައްވަތެވެ.] މި ޙަދީޘްފުޅުގައި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އެ ވަނީ، އަޅާއަށް ﷲ ދެއްވާ ނިޢުމަތްތައް ފާޅު ކުރުމަށް އެދިވަޑައިގަންނަވާފައެވެ. އެގޮތުން، ތަނަވަސްކަން ދެއްވައިފިނަމަ، އެ ކަމަށް ޝުކުރުވެރިވުމުގެ ގޮތުން، އިސްރާފަކަށް އަދި ބޮޑާވުމަކަށް ނުވާ ގޮތުން، ރިވެތި ހެދުން ލުމާއި، ރަނގަޅު ކާނާ ކެއުމާއި އަދި ރިވެތި ގެޔެއްގައި ދިރިއުޅުންފަދަ ކަންކަން ކުރުމެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =