[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދެ ޖަމާޢަތް

الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا محمد وعلى آله وصحبه أجمعين. أما بعد

ބިންމަތީގައި އިންސާނުން ލެއްވިއިރު، ﷲތަޢާލާވަނީ އެބައިމީހުންނަށް ކަންތައްތަކެއް ކުރުމަށް އަމުރުކުރައްވައި، ކަންތައްތަކަކުން ދުރުހެލިވެ ރައްކާތެރިވުމަށް އަންގަވާފައެވެ. އަދި އިމްތިޙާންކުރެއްވުމަށްޓަކައި ނިޢުމަތްތަކެއް ދެއްވައި، ނިޢުމަތްތަކަކުން މަޙުރޫމު ކުރައްވާފައެވެ. ދެންފަހެ، މީސްތަކުން ދެ ޖަމާޢަތަކަށް ބެހިގެން ހިނގައްޖެއެވެ.

ފުރަތަމަ ޖަމާޢަތަކީ، ﷲގެ އަމުރުފުޅުތަކަށް ފުރަގަސްދީ، ނަހީ ކުރައްވާފައިވާ ކަންތަކަށް އަރައިގަނެ، ޝުކުރުވެރިވުމުގެ ބަދަލުގައި ނިޢުމަތްތަކާމެދު ޣާފިލުވެ، ނިޢުމަތަކުން މަޙުރޫމްވެއްޖެހިނދު ﷲތަޢާލާ މިންވަރުކުރެއްވި ގޮތާމެދު ނުރުހުންތެރިވާ ޖަމާޢަތެވެ. މިއީ ﷲތަޢާލާގެ ޢަދުއްވުންނެވެ. އެމީހުންގެ ޢަދާވާތްތެރިކަން ވާހުށީ މިޞިފަތައް އެމީހުންގެ ކިބައިގައި ވާމިންވަރަށެވެ.

އަދި ދެވަނަ ޖަމާޢަތަކީ ތިމަންމެންނީ ﷲގެ އަޅުންކަމުގައި ބުނެ، އެއިލާހުގެ އަމުރުފުޅުތަކަށް ތަބަޢަވުމުގައި އަވަސްވެގަނެ، ނަހީތަކުން ދުރުހެލިވެ، ނިޢުމަތްތަކަށް ބަހުންނާއި ޢަމަލުން ޙަމްދާއި ޝުކުރުކޮށް، ނިޢުމަތަކުން މަޙުރޫމްވެއްޖެހިނދު މަޑުމޮޅިކަމާއެކު ﷲތަޢާލާއަށް ދުޢާ ދަންނަވައި ޛިކުރުކުރުންމަތީ ދެމިތިބޭ ޖަމާޢަތެވެ.

އެއުރެންނާއި ސުވަރުގެއާ ދެމެދު ހުރަހެއްކަމުގައި، މިދުނިޔޭގެ ޙަޔާތް މެނުވީ ނުވެއެވެ. މަރުއައިސް ބައްދަލުކޮށްފި ހިނދު، ލޮލުގެ ފިނިކަން ކަމުގައިވާ ދާއިމީނިޢުމަތް އެބައިމީހުންނަށް ހުއްޓެވެ. އަދި ފުރަތަމަ ޖަމާޢަތުގެ މީހުންނާއި ނަރަކައާއި ދެމެދުވެސް ހުރަހެއްކަމުގައި، މިދުނިޔޭގެ ޙަޔާތް މެނުވީ ނުވެއެވެ. މަރުއައިސް ބައްދަލުކޮށްފި ހިނދު، ވޭނާއި ކެކުޅުމާއި އަބާއްޖަވެރިކަން އެބައިމީހުންނަށް ހުއްޓެވެ.

ހިތުތެރޭގައި ދުނިޔަވީ ލަޝްކަރާއި، އުޚްރަވީ ލަޝްކަރު ބައްދަލުކޮށްފި ހިނދު، ތިބާވަނީ މި ދެ ޖަމާޢަތުގެ ތެރެއިން ކޮންޖަމާޢަތެއްގައިތޯ ބަލަން ބޭނުންވެއްޖެނަމަ، ތިބާ ބުރަވަނީ ކޮން ލަޝްކަރަކަށްތޯ ބަލާހުށިކަމެވެ. އަދި ތިބާ ހަނގުރާމަކުރަނީ ކޮން ލަޝްކަރެއްގައިތޯ ދެނެގަންނަހުށިކަމެވެ. އެހެނީ އެއްވެސް މީހަކު މި ދެލަޝްކަރުގެ މެދުގައި ނުހުންނާނެތެވެ. ކޮންމެވެސް އެއްލަޝްކަރެއްގައި ހިމެނޭނެތެވެ.

ދެންފަހެ އެބައިމީހުންގެ ގޮވައްޗެއް ކަމުގައި ސުވަރުގެ ވާނޭ ޖަމާޢަތުގެމީހުން ދަންނައެވެ. ހަވާނަފްސުގެ ކެހިވެރި މަޅިތަކާއި އެބައިމީހުން ޚިލާފުވިއެވެ. އޭގެ ޛަރީޢާއިން އެހެނިހެން މަޚްލޫޤުންގެ މައްޗަށް އާދަމުގެ ދަރިން މާތްކުރެވުނު ބުއްދީގެ ބޭނުން އެންމެ ހެޔޮގޮތުގައި އެބައިމީހުން ހިފިއެވެ. ޚަލްޤުކުރެވުނު މަޤްޞަދާމެދު ފިކުރުކުރުމުގައި އެބައިމީހުންގެ ހިތްތައް މަޝްޣޫލުކުރުވިއެވެ. އަމުރުކުރެވިގެންވާ ކަންތައް ކުރުމުގައި ގުނަންތައް ބޭނުންކުރިއެވެ. އުޚްރަވީ ޙަޔާތުގެ މަންޒިލް ބިނާކޮށް، ޢާބާދުކުރުމުގައި ވަގުތުތައް ހޭދަ ކުރިއެވެ. ދެންމެދެންމެ އަޖަލުޖެހިދާނޭ ކަމަށް ވިސްނައި ހެޔޮޢަމަލު ކުރުމުގައި އަވަސްވެގަތެވެ. މިދުނިޔޭގައި އުޅުނެއްކަމަކު އެބައިމީހުންގެ ހިތްތައްވަނީ އުޚްރަވީ ޙަޔާތާއި ގުޅިފައެވެ. ދާއިމީ ޙަޔާތާއި ބައްދަލުވުމުގެ ކުރިންވެސް، އެބައިމީހުން އެތަނުގައި ވަޒަންވެރިވެއްޖެއެވެ.

___________________________________________

އަޞްލު: فوائد الفوائد لابن القيم الجوزية