[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

الإيمان ( އީމާންކަން ) – 2

ﷲ އަށް އީމާންވުން

ﷲ އަށް އީމާންވުން :- ﷲ އަށް އީމާންވުމަކީ އެއިލާހުގެ ހަޟްރަތުން ޝަރީޢަތެއް ބާވާލައްވާފައިވާކަމަށް އިޤުރާރުވެ އިޢުތިރާފުވުމާއިއެކު އެ ޝަރީޢަތުގައިވާ ޙުކުމުތަކާއިމެދު ޝައްކު ކުރުމެއްނެތި އަދި ނުރުހުންތެރިވުމެއްނެތި އެ ޙުކުމުތައް ހިތުގެ އަޑިން ޤަބޫލުކުރުމާއި އަދި މި ކާއިނާތު ވުޖޫދަށް ގެންނެވި ޚާލިޤުވަންތަ ﷲ ތަޢާލާ ވޮޑިގެންވާކަމާއި އަދި އެ ކަލާންގެއަކީ އިލާހުވަންތަކަމުގައާއި ، ރައްބުވަންތަކަމުގައި އަދި އިސްމުފުޅުތަކާއި ސިފަފުޅުތަކުގައިވެސް އެއްކައުވަންތަ އިލާހުކަމަށް އިޤުރާރުވެ އިޢުތިރާފުވުމެވެ.

 އެއްމެ ފުރަތަމަ : ﷲ ތަޢާލާ އަށް އީމާންވުމުގެ ތެރޭގައި ﷲ ތަޢާލާ ވޮޑިގެންވާކަމަށް އީމާންވުން :

1 – ބުއްދީގެ ގޮތުން : މި ކައުނާއި ކައުނުގައި ވާހާ އެއްޗެއް ދަލާލަތު ކޮށްދެނީ އެއްކައުވަންތަ ﷲ ތަބާރަކަ ވަތަޢާލާ ވޮޑިގެންވާކަމެވެ. އެއްމެ ކުޑަ މަޚްލޫޤާތްތަކުން ފެށިގެން އެއްމެ ބޮޑެތި މަޚުލޫޤާތްތަކަށް ނަޒަރު ހިންގާލިޔަސް ، އެތަކެތި ޚަލްޤުކުރައްވާފައިވާލެއް ފުރިހަމަކަމާއި އެތަކެތީގައިވާ އަޖާއިބު ކުރުވަނިވި ފުރިހަމަ ނިޒާމުތަކަށް ވިސްނައިފިނަމަ އެތަކެއްޗަކީ ވުޖޫދަށް ގެންނެވި ފަރާތެއްނެތި އަމިއްލަޔަށް ވުޖޫދަށް އައިސްފައިވާ ތަކެތިނޫންކަން އެނގިގެންދެއެވެ. ﷲ ތަޢާލާ الطور  ސޫރަތުގެ 35 އަދި 36 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. ” أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ * أَمْ خَلَقُوا السَّمَاوَاتِ وَالأَرْضَ بَل لاَّ يُوقِنُونَ  ” މާނަ : ” އަދި ކިއެއްތަ! ހެއްދެވިފަރާތެއް ނެތި އެއުރެން ހެދިގަތީހެއްޔެވެ. ނުވަތަ ހެއްދެވި ފަރާތްތަކަކީ އެއުރެންހެއްޔެވެ.”

އެގޮތުން جُبَيْرُ بِن مُطْعم ރަޟިޔަﷲ ޢަންހު އަށް މަތީގައި ބަޔާންކުރެވުނު އާޔަތްތަށް އިވިވަޑައިގަތުމުން ވިދާޅުވިއެވެ. ” كَادَ قَلْبِيْ أَنْ يَطِيْرَ ”  – متفق عليه –   މާނަ :  ” ތިމަންނާގެ ހިތް އުދުއްސައިގެން ދާން ކައިރިވިއެވެ. ”  ނަތީޖާއެއްގެ ގޮތުން  އެކަލޭގެފާނަށް ކުރި އަސަރެއްގެ ސަބަބުން އެކަލޭގެފާނުގެ ހިތްޕުޅުގައި އީމާންކަން ބިންވަޅުނެގިގެން ދިޔައެވެ. 

ހަމަ އެފަދައިން ﷲ ތަޢާލާވަނީ އެއިލާހުގެ އާޔަތްތަކުގެ ތެރެއިން އަހަރެމެންނަށް ފެންނަންހުންނަ ހެކިތަކަށް ބަލައި ވިސްނާ ފިކުރުކޮށް ހެދުމަށް ކީރިތި ޤުރުއާނުގެ އެތަށް އާޔަތެއްގައި އިރުޝާދު ދެއްވާފައެވެ. އެއިލާހު الذاريات ސޫރަތުގެ 20 ވަނަ އާޔަތުގައި ވަޙީކުރަށްވާފައިވެއެވެ. ” وَفِي الأَرْضِ آيَاتٌ لِّلْمُوقِنِينَ ” މާނަ : ” އަދި ޔަޤީންކުރާ ބަޔަކަށް ބިމުގައި ހެކިތަކެއް ވެއެވެ.” – އެހެނީ ބިމާއި ބިމުގައި ލައްވާފައިވާ މަޚުލޫޤާތްތަކާއި އަދި  އެ ބިމުގައި ހެދޭ ގަސްގަހާއި ގެއްސާއި ، އެގަސްތަށް ހެދި ބޮޑުވާ ގޮތާއި މިފަދަކަންކަމަށް ވިސްނައިފިނަމަ އެތަކެތި ޚަލްޤު ކުރެއްވި ފަރާތުގެ މަތިވެރިކަމާއި ހައިބަވަންތަކާއި ކުޅަދުންވަންތަކަން ހާމަވެގެންދާނެއެވެ.

އިމާމު އަބޫ ޙަނީފާ -ރަޙިމަހުﷲ- އެއްދުވަހެއްގައި މިސްކިތުގައި ކިޔަވައިދެއްވަން އިންނަވަނިކޮށް އެތީސްޓުން ގެ ބަޔަކު (ކަލަކުވޮޑިގެންވާކަމަށް ޤަބޫލުނުކުރާ ބަޔަކު) އައިސް އެކަލޭގެފާނާއި މުޚާތަބުކޮށް އެކަލޭފާނާއި ޗެލެންޖުކޮށް އެމީހުންނަށް ކަލަކު ވޮޑިގެން ވާކަން ސާބިތުކޮށްދޭން ބުންޏެވެ. އިމާމު އަބޫ ޙަނީފާ -ރަޙިމަހުﷲ- އެކަމާ އެއްބަސްވިއެެވެ. ދެން އެކަމަށްޓަކައި ބައްދަލުވާނޭ ތަނަކާއި ވަޤުތެއް ކަނޑައަަޅައި އިއްތިފާޤު ވިއެެވެ. ކަނޑައެޅިފައިވާ ވަޤުތު ޖެހިއްޖެއެވެ. އެ އެތީސްޓުންގެ ޖަމާއަތުގެ މީހުން ވަގުތަށް އެތަނަށް ދިޔައެވެ. ނަމަވެސް އިމާމު އަބޫހަނީފާ -ރަޙިމަހުﷲ- އަދިވެސް ޙާޟިރެއްނުވެއެވެ. އެކަލޭގެފާނު ޤަސްތުގާ ލަސްކޮށްލެއްވީއެވެ. ދެން އަބޫ ޙަނީފާ -ރަޙިމަހުﷲ- ގިނައިރުތަކެއްފަހުން ކަނޑައެޅިފައިވާ ތަނަށް ދިޔައިރު އެމީހުން އިންތިޒާރުގައި ތިއްބެވެ. އަދި އެކަލޭގެފާނު އެތައްއިރެއް ފާއިތުވި ފަހުން އައުމުން އެމީހުން  ޝަކުވާކުރިއެވެ. ދެން އިމާމު އަބޫ ޙަނީފާ – ރަޙިމަހުﷲ – ލަސްވި ސަބަބު ބަޔާންކޮށްދެއްވިއެވެ. ( ނޯޓު : އެކަލޭގަފާނު ލަސްކުރީވެސް ޤަސްތުގައެވެ. އަދި ލަސްވި ސަބަބުކަމަށް ބުނެ ވިދާޅުވި ބަސްފުޅަކީވެސް އެމީހުނަށް އެއްޗެއް ވިސްނޭތޯ ވިދާޅުވި ވާހަކަތަކެކެވެ.) އެކަލޭގެފާނު އެމީހުނަށް ކިޔާދެއްވިއެވެ. ތިމަންނާ މި ތަނަށް އަންނަން އައި މަގުމަތީގައި ބޮޑު ފެންކޯރެއް އޮތުމުގެ ސަބަބުން ތިމަންނާއަށް އެ ކޯރު ހުރަސްކޮށްފައި އާދެވޭނެ ގޮތެއް ނެތިފައި ހުރީއެވެ. ދެން ތިމަންނާ އެތާ ހުއްޓާ ކުއްލިއަކަށް ކައިރީން އެކި ދިމަދިމާއިން ގަސްތައް އަމިއްލައަށް ކެނޑި ، ފިލާ ފިލަޔަށް ވެ އެއްތަނަކަށް ޖަމާވެ އުޅަނދެއް ބަނދެވިއްޖެއެވެ. ދެން އެ އުޅަނދު އަމިއްލައަށް ތިމަންނަ ކުރިމައްޗަށް އައުމުން ތިމަންނަ އެއަށް އެރީއެވެ. ދެން އޭތި އަމިއްލައަށް ދުވަންފެށިއެވެ. ތިމަންނަ އަށް ކޯރުގެ އަނެއްފަރާތަށް އާދެވުނީ އެހެން ކަންތަށް ދިމާވީމައެވެ. މިހިސާބަށް އެކަލޭގެފާނުގެ ވާހަކަ ދިޔުމުން އެމީހުން ބުންޏެވެ. ތިޔައީ އަޖާބު ކުރަނިވި ވާހަކައެކެވެ. ތިޔަ ވާހަކަ ޤަބޫލުކުރާނީ ކިހިނެއްހެއްޔެވެ. އުޅަނދެއް އަމިއްލައަށް އުފެދޭނެ ކަމަކަށް އިންސާނުންގެ ބުއްދި ޤަބޫލެއްނުކުރާނެއެވެ. ދެން އެކަލޭގެފާނު އެމީހުން ބުނި ބަހުން އެމީހުނަށް ރައްދު ދިނެވެ. މި ކުޑަކުޑަ ދޯނި އެ ހެދި ފަރާތެއްނެތި އަމިއްލައަށް އުފެދިދާނެކަމީ ކަލޭމެންގެ ސިކުނޑިއަށް ޤަބޫލުކުރެވޭ ވަރު ކަމަކަށް ނުވިއެވެ. އެކަމާ ކަލޭމެން ތިތިބީ އަޖާއިބުވެފައެވެ. އެހެންނަމަވެސް މި އޮށް ބޮޑު ކައުނު އުޑާއި ބިމާއި ފަރުބަދަތަކާއި މި އިންސާނާ ޚަލްޤުކުރައްވާފައިވާ ފުރިހަމަ ނިޒާމައި އަދި ކާއިނާތުގައި ވާހާ ތަކެތި އުފެދިފައި މިވަނީ  އެ އުފެއްދި ޚާލިޤަކު ނެތި ކަމަށް ކަލޭމެންގެ ބުއްދި ޤަބޫލުކުރާކަމީ މާ އަޖައިބުކަން ބޮޑުކަމެކެވެ.  އެކަލޭގެފާނު އެ ދިން ރައްދުގެ ސަބަބުން އެންމެންގެ އަނގަތައް ބަންދުވެގެން ދިޔައެވެ.

މިއީ ވިސްނާބަޔަކަށް ޢިބްރަތްތަކެއް ޙާޞިލުވެގެންދާފަދަ ބުއްދީގެ ދަލީލެކެވެ.

2 – ޙިއްސީގޮތުން ﷲ ތަޢާލާ ވޮޑިގެންވާކަމަށް ދަލާލަތުކޮށްދެއެވެ. އެގޮތުން އަޅާ އޭނާ ބޭނުންވާ ކަންތައްތައް ޙާޞިލުކުރުމަށްޓަކައި ދުޢާކޮށްހަދައެވެ. އޭނާ ބުނެއެވެ. އޭ މިއަޅާގެ ވެރި ރައްބެވެ. މިވެނިކަމެއް ފުއްދަވައިދެއްވާށެވެ. މާ ލަސްތަކެއްނުވެ އޭނަގެ ދުޢާ އިޖާބަވެއެވެ. މިއީ އަޅުގަނޑުމެންގެ ލޮލަށްފެންނަމުންދާ ހަޤީޤަތެވެ. މިކަމުން އެ އިލާހު ސުބްހާނަހު ވަތަޢާލާ ވޮޑިގެންވާކަމަށް ދަލީލު ނުކުރޭހެއްޔެވެ؟ އިލާހަކު ވޮޑިގެންވާކަމަށް ޤަބޫލުނުކުރާކަމަށް ދަޢުވާ ކުރާ އެތީސްޓުންނާއި ކާފިރުންވެސް ހާލުގައި ޖެހޭ ވަޤުތުތަކުގައި އެއްކައުވަންތަ އިލާހަށް ދުޢާ ދަންނަވާ ކަމީ ހަޤީޤަތެކެވެ. އެގޮތުން މަޝްހޫރުު ދާޢީ އަކަށް ދިމާވެފައިވާ ހަޤީޤީ ޙާދިޘާއެއް ކިޔާދެއްވަމުން އެބޭފުޅާ ވިދާޅުވިއެވެ : (( އަހަރެމެން ބަޔެއް ރައްތަކަށް ކުރި ދަތުރެއްގައި، މަތިންދާބޯޓެއްގައި ދަތުރުކުރަމުން ދަނިކޮށް ، ކުއްލިޔަކަށް ބޯޓަށް ނުރައްކާތެރި ޙާދިޘާއަކާ ކުރިމަތިލާންޖެހުނު. ހުރިހާ ފަސިންޖަރުންވެސްނަށްވެސް ހީކުރެވުނީ  މިފަހަރު އެއްވެސް މީހަކު ސަލާމަތްނުވާނެކަމަށް. އަހަރެން އަވަހަށް އަހަރެންގެ ދަބަހުގައި އޮތް މުޞްޙަފު ނަގާ ކިޔަވަންފެށިން. އަހަންނާއި ދިމާއަށް އެތީސްޓަކު އައިސް ވަރަށްބާރަށް ބުނި: ((ކިޔެވުން އިތުރުކުރޭ. ކިޔެވުން އިތުރުކުރޭ ، އަޑު ބާރުކުރޭ! ﷲ އަހަރެމެން ސަލާމަތް ކޮށްދެއްވާފާނެ! )) الحمد لله މި ނުރައްކާތެރި ކަންތަކުން އަހަރެމެން ސަލާމަތް ކޮށްދެއްވީ ﷲ )) – ކޮންމެއަކަސް މިއީ އާއްމުކޮށް ހިނގާކަމެކެވެ. މުޞީބަތުގެ ހާލުގައި ރައްކާތެރިކަން ލިބޭނީ އެއްކައުވަންތަ ﷲ ފިޔަވާ ކޮށްފަރާތަކުން ހެއްޔެވެ؟ އެހެނީ މީގެކުރިން މުޝްރިކުންވެސް ކަންތައްކުރީ އެފަދައިންނެވެ. ﷲ ތަޢާލާ އަލްޢަންކަބޫތު ސޫރަތުގެ 65 ވަނަ އާޔަތުގައި ވަޙީކުރައްވާފައި ވެއެވެ. ” فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ ” މާނަ : ” ފަހެ އެއުރެން ނަވަކަށް އަރައިފި ހިނދު ( ކަނޑުގަދަވެ މުޞީބާތެއްގައި ޖެހިއްޖެނަމަ) ﷲ އަށް އިޚްލާސްތެރިކަމާއި އެކު ދުޢާދަންނަވައެވެ. ފަހެ އެކަލާންގެ އެއުރެން ސަލާމަތްކުރައްވައި އެއްގަމަށް ގެންދެވައިފިނަމަ އެކަލާންގެ އަށް އެއުރެން ޝަރީކު ކުރެތެވެ “

3 – އެންމެހާ އިންސާނުންގެ ފިތުރަތަކީ ﷲ ތަޢާލަ ވޮޑިގެންވާކަމަށް އީމާންވުމެވެ. މީސްތަކުންގެ ތެރެއިން ވަރަށްގިނަމީހުން ﷲ ތަޢާލާ ވޮޑިގެންވާކަމުގެ ފިތުރީ ޤަބޫލުކުރުން ބަދަލުނުވެހުރެއެވެ.  އިންސާނުންގެ ފިތުރަތުގައި އެމީހުން އެފަރާތަކަށް ރުޖޫޢަވާނެ ފަރާތެއް ވޮޑިގެންވާކަމަށް  ޤަބޫލުކުރެވެއެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގެ އަލްއަޢުރާފު ސޫރަތުގެ 172 އަދި 173 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. ” وَإِذْ أَخَذَ رَبُّكَ مِن بَنِي آدَمَ مِن ظُهُورِهِمْ ذُرِّيَّتَهُمْ وَأَشْهَدَهُمْ عَلَى أَنفُسِهِمْ أَلَسْتَ بِرَبِّكُمْ قَالُواْ بَلَى شَهِدْنَا أَن تَقُولُواْ يَوْمَ الْقِيَامَةِ إِنَّا كُنَّا عَنْ هَذَا غَافِلِينَ ” މާނަ : ” ކަލޭގެފާނުގެ ވެރި ރަސްކަލާންގެ އާދަމުގެ ދަރިންގެ ކިބައިން އެއުރެންގެ ބުރަކަށިތަކުން އެއުރެންގެ ދަރިފަސްކޮޅު ނެރުއްވައި އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް އެއުރެން ހެކިކުރެއްވި ހިނދު ހަނދުމަކުރާށެވެ. ތިޔަބައިމީުހްގެ ވެރި ރައްބު ކަމުގައި ތިމަން އިލާހު ވޮޑިގެން ނުވަމުހެއްޔެވެ؟  (އެމީހުން ބުންޏެވެ.) ނޫނެކެވެ. އެކަމަށް އަޅަމެން ހެކިވެއްޖައީމެވެ. އެކަން އެހެންވީ މިކަމާއިމެދު ޣާފިލުވެގެންވާ ބަޔަކުކަމުގައި ހަމަކަށަވަރުން  ތިމަންމެން ވީމުއޭ ޤިޔާމަތްދުވަހު ތިޔަބއިމީހުން ބުނާނެކަމަށްޓަކައެވެ.”

4 – ﷲ ތަޢާލާ ވޮޑިގެންވާކަމަށް ޝަރުޢީ ދަލީލު : އޭގައި މަޚްލޫޤުންތަކުގެ މަޞްލަޙަަތު އެންމެފުރިހަމައަށް އެކުލެވިގެންވާ، އޭގައި އެއްވެސް އުނިކަމެއްނުވާ ، ޣައިބުގެ ވާހަކަތަށްވެސް ބަޔާންކުރެވިފައިވާ އަދި މިޒަމާނުގެ ސައިންސާއި ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން ނޫނީ ނޭނގޭނެ އެތައް ޙަޤީޤަތްތަކެއް މީގެ އެތައް ސަތޭކަ އަހަރެއްކުރިން އޭގައި ބަޔާންކުރެވިފައިވާ ޝަރީޢަތްތަކާއިގެން ﷲ ތަޢާލާގެ ހަޟްރަތުންވަނީ ރަސޫލުން ފޮނުއްވާފައެވެ. މީގެން އެނގެނީ އެ ޝަރީޢަތްތަކާއިގެން ރަސޫލުން ފޮނުއްވެވި ފަރާތަކީ ޢާލަމުތަކުގެ އެންމެހާ ހަޤީޤަތްތައް އެންމެ މޮޅަށް ދެނެވޮޑިގެންވާ ، ކައުނު ޚަލްޤުކުރެއްވި އެއަކައުވަންތަ އިލާހު ކަމެވެ. އަދި އެއާއި އެކު ﷲ ތަޢާލާގެ ކަލާމްފުޅު ކީރިތި ޤުރުއާން އާއި އެއްފަދަ ފޮތެއް ގެނައުމަށް އިންސާނުން ވަނީ ނުކުޅެދިފައެވެ. އަދި އިންސާނާގެ ހަށިގަނޑުގެ ގުނަވަންތަށް އަތުރުއްވާފައިވާ ޙިކުމަތްތެރިގޮތާއި ، ކޮންމެ ގުނަވަނެއްވެސް އެގުނަވަނަކަށް އެންމެ އެކަށޭނެ ތަނުގައި ލައްވަވާ އިންސާނާއަށް އޭގެން އެންމެފައިދާކުރަނިވި ގޮތައް އެގުނަވަންތަކުން ޙަރަކާތް ކުރެވޭނޭ ގޮތަށް ލެއްވެވީ ގަދަކީރިތިވަންތަ ﷲ ތަބާރަކަ ވަތަޢާލާއެވެ. އެއިލާހު الذاريات ސޫރަތުގެ 21 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. ” وَفِي أَنفُسِكُمْ أَفَلا تُبْصِرُونَ ” މާނަ : ” އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގައިވެސް އެކަލާންގެ ކުޅަދުންވަންތަކަމުގެ ހެކިތަކެއްވެއެވެ. ފަހެ ތިޔަބައިމީހުން ވިސްނައި ނުބަލަނީހެއްޔެވެ. “

ދެވަނައަށް : ﷲ ތަޢާލާއަށް އީމާންވުމުގެ ތެރޭގައި އެއިލާހުގެ އިލާހުވަންތަކަމަށް އީމާންވުން ހިމެނެއެވެ. އެއީ ﷲ ތަޢާލާއީ އަޅުވެތިވުން ހައްޤު ހަމައެނިފަރާތްކަމަށާއި އެއިލާހަށް އަޅުވެތިވުމުގައި އެއިލާހާއި  އެއްވެސް ފަރާތެއްބައިވެރި ނުކުރެވޭނޭކަމާއި އެއިލާހު ފިޔަވާ މީސްތަކުން އަޅުކަންކޮށް އުޅޭ ފަރާތްތަކަކީ ބާތިލުފަރާތްތަކެއް ކަމަށް އިޤްރާރުވެ ހިތުގެ އަޑިން ޤަބޫލުކުރުމެވެ. ﷲ ތަޢާލާ الحج ސޫރަތުގެ 62 ވަނަ އާޔަތުގައި ވަޙީކުރެއްވާފައިވެއެވެ. ” ذَلِكَ بِأَنَّ اللَّهَ هُوَ الْحَقُّ وَأَنَّ مَا يَدْعُونَ مِن دُونِهِ هُوَ الْبَاطِلُ وَأَنَّ اللَّهَ هُوَ الْعَلِيُّ الْكَبِيرُ ” މާނަ : ”  އެހެނީ ﷲ އީ ހަމަކަށަވަރުން ހައްޤު އިލާހެވެ. އަދި ހަމަަކަށަވަރުން އެ އިލާހު ފިޔަވައި އެއުރެން އަޅުކަންކުރާ ފަރާތްތަކަކީ ބާތިލު ފަރާތްތަކެކެވެ. އަދި ހަމަކަށަވަރުން ﷲ އީ އެއްމެ މަތިވެރި އެއްމެ ބޮޑު ފަރާތެވެ.”

ﷲ ތަޢާލާގެ އިލާހުވަންތަކަމަށް އީމާންވުމުގައި ، އަޅުކަންތަކުގެ ބާވަތްތަކުގެ ތެރެއިން ބާވަތެއް އެއިލާހު ފިޔަވާ އެހެންފަރާތަކަށް އޭނާގެ ނިޔަތުންވިޔަސް ބަހުން ވިޔަސް އަދި ޢަމަލުންވިޔަސް އަނބުރާނުލުން ހިމެނެއެވެ. އެހެނީ އަޅުކަމަކީ ހަމައެކަނި ﷲ ތަޢާލާއަށް ޚާލިސްކޮށް އަދާކުރަންޖެހޭ އެއްޗެކެވެ. البقرة ސޫރަތުގެ 21 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙިކުރައްވާފައިވެއެވެ. ” يَا أَيُّهَا النَّاسُ اعْبُدُواْ رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ” މާނަ : ” އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ކުރީގެ މީސްތަކުން ހެއްދެވި ރައްބަށް ތިޔަބައިމީހުން އަޅުކަން ޚާލިސްކުރާށެވެ. އެއީ ތިޔަބައި މީހުން ތަޤުވާވެރިވުމަށްޓަކައެވެ. ”   އަދިވެސް النساء ސޫރަތުގެ 36 ވަނަ އާޔަތުގައި ވެއެވެ. ” وَاعْبُدُواْ اللَّهَ وَلاَ تُشْرِكُواْ بِهِ شَيْئًا ” މާނަ : ” އަދި ތިޔަބައިމީހުން ﷲ އަށް އެކަނި އަޅުކަންކުރާށެވެ. އަދި އެއިލާހާއި އެއްވެސް ފަރާތެއް ޝަރީކު ނުކުރާށެވެ.” އަދިވެސް الإسراء ސުރަތުގެ 23 ވަނަ އާޔަތުގައި ވެއެވެ. ” وَقَضَى رَبُّكَ أَلاَّ تَعْبُدُواْ إِلاَّ إِيَّاهُ ”  މާނަ : ” ކަލޭގެފާނުގެ ވެރި ރައްބު ، އެއިލާހު ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރުމަށް ކަނޑައަޅުއްވައި އަންގަވައެވެ. “ ރަސޫލުﷲ ޞައްލަﷲ ޢަލައިވަޞައްލަމަ ހަދީޘް ކުރައްވާފައިވެއެވެ. ” قَالَ اللهُ تَبَارَكَ وَتَعَالَى أَنَا أَغْنَى الشُّرَكَاءِ عَنْ الشِّرْكِ مَنْ عَمِلَ عَمَلًا أَشْرَكَ فِيهِ مَعِي غَيْرِي تَرَكْتُهُ وَشِرْكَهُ ” (صحيح مسلم) މާނަ: ” ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ހަމަކަށަވަރުން ޝިރްކު ކުރާ މީހުންގެ ޝިރްކަކަށް ﷲ ބޭނުންފުޅުވޮޑިގެން ނުވެއެވެ. ޢަމަލެއް ކުރާ މީހާ (އެބަހީ؛ އަޅުކަން ކުރާމީހާ) އެއަޅުކަމުގައި ތިމަން އިލާހު އާއި އެހެން އެއްޗެއް ބައިވެރިކޮށްފި ނަމަ އެމީހާއާއި، އެމީހާ ކުރި ޝިރުކާއި ތިމަން އިލާހު ދޫކޮށް ލައްވާހުށީމެވެ. “

އަޅާގެ މައްޗަށް ވާޖިބުވެގެން ވަނީ އަޅުކަމުގެ އެއްވެސް ވައްތަރެއް ، އެއީ ނަދުރު ބުނުން ކަމުގައި ވިޔަސް ، ذَبَحَ (ކަތިލުން ކަމުގައިވިޔަސް ) ، އަދި  ދުޢާ ކުރުން ކަމުގައި ވިޔަސް އަދި ކަންކަމުގައި ވާތްގަށް އެދުންކަމުގައި ވިޔަސް ، މިނޫނަސް މިފަދަ އެންމެހާ އަޅުކަންތައްތަކުގައި އަދި ނަމާދާއި ރޯދައާއި ޙައްޖު ކަމުގައިވިޔަސް އެއިލާހު ފިޔަވާ އެހެން ފަރާތަކަށް ލަނބާނުލުމެވެ.  އެހެނީ އެއްވެސް އަޅުކަމެއް އެއިލާހު ނޫން އެހެންފަރާތަކަށް އަނބުރާލުމަކީ ޝިރުކެވެ.

ތިންވަނައަށް : ﷲ ތަޢާލާއަށް އީމާންވުމުގެ ތެރޭގައި އެއިލާހުގެ އިސްމުފުޅުތަކާއި ސިފަފުޅު ތަކަށް އީމާންވުން ހިމެނެއެވެ. މީގެ މާނައަކީ ކީރިތި ޤުރުއާނާއި މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަޞައްލަމަ ގެ ސުންނަތުން ޘާބިތުވެފައިވާ އެއިލާހުގެ އިސްމުފުޅުތަކާއި ސިފަފުޅުތަކަށް ، އެ އިސްމުފުޅުތަކާއި ސިފަފުޅުތަކަށް އެއްވެސް ބަދަލެއް ގެނައުމެއްނެތި އަދި އެ އިސްމުފުޅުތަކާއި ސިފަފުޅުތަކަށް އިންކާރުކުރުމެއްނެތި އަދި އެ އިސްމުފުޅުތަކާއި ސިފަފުޅުތަކުގެ ވައްތަރުބަޔާންކުރުމެއްނެތި އަދި އެ އިސްމުފުޅުތަކާއި ސިފަފުޅުތައް އެއްވެސް މަޚްލޫޤަކާއި ވައްތަރުކުރުމެއްނެތި އެ އިސްމުފުޅުތަކާއި ސިފަފުޅުތަކަށް އީމާންވުމެވެ. ސޫރަތުލް އަޢުރާފުގެ 180 ވަނަ އާޔާތުގައި އެއިލާހު ވަޙީކުރައްވާފައި ވެއެވެ. ” وَلِلّهِ الأَسْمَاء الْحُسْنَى فَادْعُوهُ بِهَا  ” މާނަ : ” އެންމެ ރިވެތި ނަންފުޅުތައް މިލްކުވެގެންވަނީ އެއިލާހަށެވެ. ފަހެ އެނަންފުޅުތަކުން ތިޔަބައިމީހުން އެއިލާހަށް ދުޢާ ދަންނަވާށެވެ. “ އަދިވެސް އެ އިލާހު ސޫރަތުގެ 11 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. ” لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ البَصِيرُ  ” މާނަ : ” އެއިލާހާއި އެއްފަދަވެގެންވާ ހަމަ އެކައްޗެއްވެސް ނުވެއެވެ. އެއިލާހުއީ މޮޅަށް އައްސަވާ ވޮޑިގެންވާ އަދި މޮޅަށް ބައްލަވާ ވޮޑިގެންވާ އިލާހެވެ. “

އަޅާގެ މައްޗަށް ވަނީ އެއިލާހުގެ އިސްމުފުޅުތަކާއި ސިފަފުޅުތަކުގެ މަތިވެރިކަން ހިތްމައްޗަށް ގެނެސް އެ އިސްމުފުޅުތަކާއި ސިފަފުޅުތަކުން އެއިލާހަށް އަޅުކަންކުރުގައި ދެންނެވުމެވެ. އެހެނީ މި އިސްމުފުޅުތަކާއި ސިފަފުޅުތަކަށް އީމާންވުމުން އަޅާގެ ހިތުގައި އެއިލާހާއި މެދު ލޯބި އުފެދި އެއިލާހުގެ އަށް ހައްޤުގޮތުގައި ބިރުވެތިވެވި އެއިލާހުގެ ހަޟްރަތުން އުއްމީދު ލިބިގެންދެއެވެ.

– ނުނިމޭ –

ދެން އޮތް ބައިގައި މަލާއިކަތުންނަށް އީމާންވާންވީ ގޮތުގެ ތަފްޞީލު ގެނެސްދެވޭތޯ މަސައްކަތް ކުރާނަމެވެ.