[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 103

107ވަނަ ޤަވާޢިދު (ޖުމްލަ 189): القُرْآنُ يُبَيِّنُ بَعْضُهُ بَعْضاً

މި ޤަވާޢިދުގެ ތަރުޖަމާ: {ޤުރުއާން އޭގެ އެއް ބައިން އަނެއް ބައި ބަޔާން ކޮށްދޭ}

މި ޤަވާޢިދުގެ މުރާދު: ޤުރުއާނުގެ އެއް ތަނެއްގައި ވާހަކަދެކެވިފައިވާ ކަމެއް، ޤުރުއާނުގެ އެހެން ތަނެއްގައި އިތުރަށް ބަޔާންކޮށްދީ ފުރިހަމަކޮށްދީފައި އޮވެދާނެއެވެ. އެހެންކަމުން، ބަޔާނަަކަށް ބޭނުންޖެހޭ ނައްޞެއް ޤުރުއާނުން ފެނިއްޖެނަމަ، އޭގެ މާނަ ޤުރުއާނުގެ އެހެން ނައްޞަކުން ލިބޭތޯ ހޯދައި ބެލުން މުޖުތަހިދު ޢިލްމުވެރިޔާގެ މައްޗަށް ވާޖިބުވެގެން ވެއެވެ. ޤުރުއާނުން ނުފެނިއްޖެނަމަ، ސުންނަތުން ނުވަތަ ޤިޔާސާއި ބަސްފަދަ އެހެން މަގަކުން ލިބޭތޯ ބެލުން މުޖުތަހިދު ޢިލްމުވެރިޔާގެ މައްޗަށް ވާޖިބުވެގެން ވެއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَاسْتَشْهِدُوا شَهِيدَيْنِ مِنْ رِجَالِكُمْ) (ސޫރަތުލްބަޤަރާ: 282 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ތިޔަބައިމީހުން ތިޔަބައިމީހުން ކުރެ ދެ މީހުން ހެކިކުރާށެވެ!] މިއީ މުޠުލަޤުކޮށް އޮތް އާޔަތެކެވެ. މި އާޔަތް މުޤައްޔަދުކޮށް، ހެކިވެރިންގެ ކިބައިގައި ޢަދުލުވެރިކަން ހުރުން ޝަރުޠުކުރައްވައި ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. (وَأَشْهِدُوا ذَوَيْ عَدْلٍ مِنْكُمْ) (ސޫރަތުއްޠަލާޤު: 2 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ތިޔަބައިމީހުން ތިޔަބައިމީހުން ކުރެ ޢަދުލުވެރިން ހެކިކުރާށެވެ!] އެހެންކަމުން، ޤުރުއާން އޭގެ އެއް ބައިން އަނެއް ބައި ބަޔާން ކޮށްދެއެވެ.

108ވަނަ ޤަވާޢިދު (ޖުމްލަ 189): بَيَانُ حُكْمِ آيِ القُرْآنِ وَالـمُتَوَاتِرِ مِنَ السُّنَّةِ بِأَخْبَارِ الآحَادِ جَائِزٌ

މި ޤަވާޢިދުގެ ތަރުޖަމާ: {އާޙާދު ޚަބަރުން، ޤުރުއާނުގެ އާޔަތްތަކުގެ، އަދި ސުންނަތުގެ ތެރެއިން މުތަވާތިރުގެ ޙުކުމް ބަޔާން ކުރުން ހުއްދަވެގެން ވޭ}

މި ޤަވާޢިދުގެ މުރާދު: ޤުރުއާނުގެ އާޔަތެއްގައި ނުވަތަ މުތަވާތިރު ސުންނަތެއްގައި މުޖުމަލުކޮށް އޮތް ޙުކުމެއްގެ ތަފްސީލު، އާޙާދު ޚަބަރަކުން (ޚަބަރުލްވާޙިދަކުން) ބަޔާން ކުރުން ހުއްދަވެގެން ވެއެވެ. މިއީ، ވަރަށް ގިނަ އުޞޫލީ ޢިލްމުވެރިންގެ ރައުޔެވެ. އޭގެ ތެރޭގައި، އަބުލްޙުސައިން އަލްބަޞަރީއާއި އަލްޣަޒާލީއާއި އައްސާލަމީ ހިމެނިވަޑައިގަންނަވައެވެ.

މިއާ ޚިލާފަށް، ބައެއް ބޭފުޅުންގެ ނަޒަރުގައި، ޤުރުއާނުގެ އާޔަތެއްގައި ނުވަތަ މުތަވާތިރު ސުންނަތެއްގައި މުޖުމަލުކޮށް އޮތް ޙުކުމެއްގެ ތަފްސީލު، އާޙާދު ޚަބަރަކުން ބަޔާން ކުރުން ހުއްދަވެގެން ނުވެއެވެ. ސަބަބެއް ކަމުގައި ވިދާޅުވަނީ، އެ ދޭއްޗަށް ވުރެ އާޙާދު ޚަބަރުގެ ދަރަޖަ ދަށްވެގެން ވާއިރު، ދަރަޖަ މަތި އެއްޗެއް ބަޔާން ކޮށްދިނުމުގެ ގޮތުން ދަރަޖަ ދަށް އެއްޗެއް ބޭނުން ނުކުރެވޭނެތީއެވެ. އެހެންނަމަވެސް، މި ބޭފުޅުން ދެ ބަޔަކަށް ބެހިވަޑައިގެން، އެ ތަނުން އެއް ބައި ބޭފުޅުން، އޭގެ ތެރޭގައި އަބުލްޙަސަން އަލްކަރްޚީ ހިމެނިވަޑައިގަންނަވާ، ވިދާޅުވަނީ، ބާރުގަދަ ކަމުގެ ގޮތުން ބަޔާނާއި މުބައްޔަން ހަމަހަމަ ވުން ވާޖިބު ކަމުގައެވެ. އަދި އަނެއް ބައި ބޭފުޅުން، އޭގެ ތެރޭގައި އަލްއާމިދީއާއި އިބްނުލްޙާޖިބު ހިމެނިވަޑައިގަންނަވާ، ވިދާޅުވަނީ، މުބައްޔަނަށް ވުރެ ބަޔާން ވަރުގަދަ ވުން ވާޖިބު ކަމުގައެވެ.

އަދި މިއާ ޚިލާފަށް، އަލްއާމިދީއާއި އިބްނުލްޙާޖިބު އިޚްތިޔާރު ކުރައްވާފައިވާ ރައުޔެއްގައި ވަނީ، މުޖުމަލެއް ބަޔާން ކުރުން ކަމުގައި ވާނަމަ، އާޙާދު ޚަބަރެއް އެއީ ބަޔާނަކަށް ވުން ހުއްދަވެގެން ވާ ކަމުގައެވެ. މިއާ ޚިލާފަށް، ޢާއްމެއް ނުވަތަ މުޠުލަޤެއް ބަޔާން ކުރުން ކަމުގައި ވާނަމަ، އާޙާދު ޚަބަރެއް އެއީ ބަޔާނަކަށް ވުން ހުއްދަވެގެން ނުވާ ކަމުގައެވެ.

އަދި މިއާ ޚިލާފަށް، ޢިރާޤުގެ ޢިލްމުވެރިންގެ ފަރާތްޕުޅުން އަލްޤާޟީ އަލްބާޤިއްލާނީ ނަޤުލު ކުރައްވާފައިވާ ރައުޔެއްގައި ވަނީ، مَا تَعُمَّ بِهِ البَلْوَى ގެ ދަށަށް ނުވަންނަ މައްސަލައެއް ނަމަ، އެ މައްސަލައިގައި އާޙާދު ޚަބަރަކުން މުޖުމަލެއް ބަޔާން ކުރުން ހުއްދަވެގެން ވާ ކަމުގައެވެ. އޭގެ ދަށަށް ވަންނަ މައްސަލައެއް ނަމަ، އެ މައްސަލައިގައި އާޙާދު ޚަބަރަކުން މުޖުމަލެއް ބަޔާން ކުރުން ހުއްދަވެގެން ނުވާ ކަމުގައެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَأَقِيمُوا الصَّلَاةَ) (ސޫރަތުލްބަޤަރާ: 43 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ތިޔަބައިމީހުން ނަމާދު ޤާއިމު ކުރާށެވެ!] މި އާޔަތް އެ ވަނީ މުޖުމަލުކޮށެވެ. މި މުޖުމަލުގެ ބަޔާން (ނަމާދު ކުރަންވީ ގޮތުގެ ތަފްސީލުތައް) އާޙާދު ޚަބަރުތަކުގައި އައިސްފައި ވެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =