[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 104

109ވަނަ ޤަވާޢިދު (ޖުމްލަ 189): الأَصْلُ فِي كُلِّ كَلَامٍ حَمْلُهُ عَلَى ظَاهِرِهِ

މި ޤަވާޢިދުގެ ތަރުޖަމާ: {ކޮންމެ ބުނުމެއްގައި ވެސް އަޞްލަކީ އެ އޭގެ ޡާހިރުކަންމަތީ ނެގުން}

މި ޤަވާޢިދުގެ މުރާދު: ބުނާ ބުނުމަކުން ވަކި މާނައަކަށް ޡައްނީ ގޮތުން ރާޖިޙުކޮށް ދަލީލުކޮށްދޭނަމަ، އަދި އެ ބުނުމުން އެ މާނަ ނޫން އެހެން މާނައެއްގެ އިޙްތިމާލު ވެސް އުފެދޭނަމަ، އަޞްލަކީ، އެ ބުނުމަކީ ޡައްނީ ގޮތުން ރާޖިޙުކޮށް ދަލީލުކޮށްދޭ މާނައިގައި ބޭނުން ކުރެވިފައިވާ ބުނުމެއް ކަމުގައި ބެލުމެވެ. އެހެން ޢިބާރާތަކުންނަމަ، ބުނާ ބުނުމެއްގެ ބޭރުފުށުން ވަކި މާނައެއް ދޭހަވުމާ އެކު، އެއިން އިތުރު އެހެން މާނަތަކެއްގެ އިޙްތިމާލު ވެސް އުފައްދައިދޭނަމަ، އަޞްލަކީ، އެ ބުނުމަކީ އޭގެ ބޭރުފުށުން ދޭހަވާ މާނައިގައި ބުނެފައިވާ ބުނުމެއް ކަމުގައި ބެލުމެވެ. ބުނުމެއް އޭގެ ޡާހިރީ ރާޖިޙު މާނަ ދޫކޮށް، މަރުޖޫޙު އެހެން މާނައެއްގައި ނެގޭނީ، އެ ގޮތަށް ލާޒިމު ކުރާ ދަލީލެއް ލިބިގެންނެވެ.

މި ޤަވާޢިދުގެ މިސާލަކީ، ޝާފިޢީންގެ އަރިހުގައި، ގަނެވިއްކުމުގެ މުޢާމަލާތަށް ފަހު ވިއްކިމީހާއާއި ގަތްމީހާ އެ މަޖިލިހުން ވަކިވެގެން ނުދާ ކަމުގައި ވާނަމަ، ޚިޔާރުލްމަޖްލިސްގެ ޙައްޤު ޝަރުޢުވެގެން ވުމެވެ. ގަނެވިއްކުމުގެ މަޖިލީހުން އެ ދެ މީހުން ޖިސްމާނީ ގޮތުން ވަކިވެގެން ގޮސްފިނަމަ، އެ ގަނެވިއްކުމުގެ ޢަޤްދު ލާޒިމު ވުމެވެ. ދަލީލެއްގެ ގޮތުން އެ ބޭފުޅުން ނަންގަވަނީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((الـمُتَبَايِعَانِ بِالـخِيَارِ مَا لَمْ يَفْتَرِقَا)) މާނައީ: [ގަނެވިއްކާ ދެ މީހުންނަށް (އެ ޢަޤްދު އުވައިލުމުގެ) އިޚްތިޔާރު ލިބިގެން ވެއެވެ. އެ ދެ މީހުން ވަކިވެގެން ނުދާނަމައެވެ.] އެ ބޭފުޅުން ވިދާޅުވަނީ، މި ޙަދީޘް އޭގެ ޡާހިރުން ދަލީލުކޮށްދެނީ، މަޖިލިހުން ވަކިވުމަކީ ޖިސްމާނީ ގޮތުން އެ މަޖިލިހުން ވަކިވެގެން ދިޔުމެވެ. މިއާ ޚިލާފަށް، ޙަނަފީން އަދި މާލިކީން ކުރެ ގިނަ ބޭފުޅުން ވިދާޅުވަނީ، މަޖިލިހުން ވަކިވުމަކީ ޢަޤްދު ކުރުމަށްޓަކައި ދުލުން ބުނާ ބުނުން ބުނެ ވަކިވުން ކަމުގައެވެ. އެ ގޮތަށް ދުލުން ބުނެ ޢަޤްދުކޮށް ނިމިއްޖެނަމަ، އެ ދެ މީހުން އެ ތަނުގައި ތިބިކަމުގައި ވިޔަސް، އެ ގަނެވިއްކުން ލާޒިމު ވާނެ ކަމުގައެވެ. ޖަވާބުގައި ޝާފިޢީން ވިދާޅުވަނީ، التَّفَرُّقُ ލަފްޒަކީ، އޭގެ ޙަޤީޤީ މާނައިގައި ޖިސްމާނީ ގޮތުން ވަކިވެގެން ދިޔުމަށް ބޭނުން ކުރެވޭ، އަދި މަޖާޒީ މާނައިގައި ދުލުން ބުނާ ބަހުގެ ގޮތުން ވަކިވެގެން ދިޔުމަށް ބޭނުން ކުރެވޭ ލަފްޒެއް ކަމުގައެވެ. އަދި އަޞްލަކީ، ކޮންމެ ބުނުމެއް ވެސް އޭގެ ޡާހިރުކަންމަތީ ނެގުން ކަމުގައެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =