110ވަނަ ޤަވާޢިދު (ޖުމްލަ 189): لَا تَأْوِيْلَ إِلَّا بِدَلِيْلٍ
މި ޤަވާޢިދުގެ ތަރުޖަމާ: {ދަލީލަކުން މެނުވީ ތައުވީލު ކުރުމެއް ނެތް}
މި ޤަވާޢިދުގެ މުރާދު: ތައުވީލު ކުރުމަކީ، ލަފްޒެއް އޭގެ ޡާހިރު މާނައިން، އެއިން އިޙްތިމާލު އުފެދޭ މަރުޖޫޙު މާނައަކަށް ފުރޮޅައިލުމެވެ. އެއީ، އެ މަރުޖޫޙު މާނަ ރާޖިޙުކޮށްދޭ ދަލީލެއް އޮތުމުގެ ސަބަބުންނެވެ. ތައުވީލު ކުރެވޭނީ، އެ ކަމަށް ބާރުދޭ ދަލީލެއް އޮތްނަމައެވެ.
ދެން ފަހެ، ނައްޞު ތައުވީލު ކުރުމުގައި ބޭނުން ހިފޭ ދަލީލަކީ، ޤުރުއާނުގެ ނުވަތަ ސުންނަތުގެ ނައްޞަކަށް ވެސް، ނުވަތަ އިޖުމާޢުއަކަށް ވެސް، ނުވަތަ ޤިޔާސަކަށް ވެސް،ނުވަތަ ޝަރީޢަތުގެ މަޤްޞަދަކަށް ވެސް، ނުވަތަ ޝަރީޢަތުގެ މަބްދައުތަކުގެ ތެރެއިން ޢާއްމު މަބްދައަކަށް ވެސް ވެދާނެއެވެ. އުޞޫލީ ޢިލްމުވެރިން ކުރެ ބައެއް ބޭފުޅުންގެ ނަޒަރުގައި އެއީ ޤިޔާސެއްނަމަ، ޤިޔާސް ޖަލީއަކަށް ވާންވާނެއެވެ. ކުރުކޮށް ދަންނަވަނީނަމަ، ޝަރުޢީ ގޮތުން މުޢުތަބަރު ކޮންމެ ޤަރީނާއަކުން ވެސް ނައްޞުތައް ތައުވީލު ކުރެވިދާނެއެވެ. އެއީ، މަޤާލުގެ ޤަރީނާއެއް ކަމުގައި ވިޔަސް ނުވަތަ ޙާލުގެ ޤަރީނާއެއް ކަމުގައި ވިޔަސް މެއެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَآتُوا اليَتَامَى أَمْوَالَهُمْ) (ސޫރަތުއްނިސާ: 2 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ތިޔަބައިމީހުން ޔަތީމުންނަށް އެބައިމީހުންގެ މުދާތައް ދޭށެވެ!] މި އާޔަތުގައި އެވާ اليَتَامَى (ޔަތީމުން) ލަފްޒުގެ ޙަޤީޤީ (ޡާހިރީ) މާނައަކީ، ބާލިޣުވުމުގެ ކުރިން ބައްޕައިން މަރުވެފައިވާ ކުދިންނެވެ. އެހެންނަމަވެސް، އެ ލަފްޒު އެ ވަނީ އޭގެ މަޖާޒީ މާނައަކަށް ފުރޮޅިފައެވެ. އެ މާނައަކީ، ޔަތީމުންގެ ގޮތުގައިވި، ބާލިޣުވެފައިވާ ކުދިންނެވެ. މި މަޖާޒީ މާނައަށް އެ ލަފްޒު ތައުވީލު ކުރެވުނީ، ﷲ ތަޢާލާގެ އަންނަނިވި އާޔަތުން ދަލީލު ލިބިގެންނެވެ. (فَإِنْ آنَسْتُمْ مِنْهُمْ رُشْدًا فَادْفَعُوا إِلَيْهِمْ أَمْوَالَهُمْ) (ސޫރަތުއްނިސާ: 6 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ފަހެ، (މުދަލާ މެދުގައި) ބުއްދި ފުރިހަމަކަން އެއުރެންގެ ކިބައިން ތިޔަބައިމީހުންނަށް ފެނިއްޖެނަމަ، އެއުރެންގެ މުދާތައް އެއުރެންނަށް ދޭށެވެ!] މި އާޔަތުން ދަލީލުކޮށްދެނީ، ޔަތީމުންނާ އެބައިމީހުންގެ މުދާތައް ހަވާލުކުރަންޖެހެނީ، ބާލިޣުވުމަށްފަހު ކަމުގައެވެ. އެބަހީ، ޔަތީމުކަން އޭގެ ޙަޤީޤީ މާނައިގައި ނެތިވެދިޔުމަށް ފަހުގައި ކަމެވެ. އެއިން ދަލީލުކޮށްދެނީ، ފުރަތަމަ ގެނެވުނު އާޔަތުގައި އެވާ [ޔަތީމުން] ގެ މުރާދަކީ، ކުރިން ޔަތީމުންގެ ގޮތުގައިވި، މިހާރު ބާލިޣުވެފައިވާ ކުދިން ކަމެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =