111ވަނަ ޤަވާޢިދު (ޖުމްލަ 189): النَّصُّ الـجَلِـيُّ لَا يَـحْتَمِلُ تَأْوِيْلًا
މި ޤަވާޢިދުގެ ތަރުޖަމާ: {النَّصُّ الـجَلِـيُّ އިން، ތައުވީލަކަށް އިޙްތިމާލެއް ނެތް}
މި ޤަވާޢިދުގެ މުރާދު: النَّصُّ الـجَلِـيُّ (ފާޅުކަން ބޮޑު ނައްޞު) އަކީ، އޭގެ މުރާދު ސާފުކޮށް ފާޅުކޮށް އެނގެން އޮންނަ އެއްޗެއް ކަމުގައި ވުމުން، އެއިން އެހެން މާނައެއް ލިއްބައިދޭ ކަމަށް އިޙްތިމާލު އުފެދުމުގެ ފުރުސަތެއް ނެތެވެ.
ދެން ފަހެ، މި ތަނުގައި މިވާ [ނައްޞު] ގެ ތަޢުރީފު ބަޔާންކުރެއްވުމުގައި ޢިލްމުވެރިން ތަފާތު އެކިއެކި ޢިބާރާތްތައް ބޭނުންކުރައްވާފައި ވެއެވެ. އެ ގޮތުން، ޙަނަފީން ކުރެ އަލްޚައްބާޒީ ވިދާޅުވަނީ އެއީ، [ވާހަކަދެކެވުނު ކަންތަކުގައި ހިމެނޭ މާނައަކުން، ޡާހިރަށް ވުރެ ފާޅުކަން ބޮޑުވެފައިވާ އެތި] ކަމުގައެވެ.
އަދި މާލިކީން ކުރެ އިބްނު ޖުޒައްޔު ވިދާޅުވަނީ އެއީ، [މާނައަކަށް ދަލީލުކޮށްދޭ، އަދި އެ ނޫން އިޙްތިމާލެއް އުފައްދައި ނުދޭ އެތި] ކަމުގައެވެ.
އަދި ޝާފިޢީން ކުރެ އަލްޣަޒާލީ ވިދާޅުވަނީ އެއީ، [އޭގެ އަޞްލުގައި ވެސް އެއްވެސް އިޙްތިމާލެއް ނެތް އެއްޗެވެ. އެއީ، ކިތަންމެ ކައިރިން ކަމުގައި ވިޔަސް، ނުވަތަ ކިތަންމެ ދުރުން ކަމުގައި ވިޔަސް މެއެވެ. މިސާލަކަށް، ފަހެކެވެ. އެއީ އޭގެ މާނައިގައި ނައްޞެކެވެ. ފަހެކޭ ބުނުމުން، އެއީ ހަޔެއް ކަމަކަށް ނުވަތަ ހަތަރެއް ކަމަކަށް ނުވަތަ އެހެން އަދަދެއް ކަމަކަށް އިޙްތިމާލެއް ނުއުފައްދައިދޭ] ކަމުގައެވެ.
އަދި ޙަންބަލީން ކުރެ އަލްޤާޟީ އަބޫ ޔަޢުލާ ވިދާޅުވަނީ އެއީ، [ޙުކުމްތަކުން ކުރެ ޙުކުމަކަށް ޞަރީޙަކޮށް އޮންނަ އެއްޗެވެ. އެއީ، ލަފްޒުން އެ ނޫން އިޙްތިމާލެއް އުފައްދައިދިން ކަމުގައި ވިޔަސް މެއޭ] ކަމުގައެވެ.
އަދި މި ތަނުގައި النَّصُّ الـجَلِـيُّ (ފާޅުކަން ބޮޑު ނައްޞު) ގެ މުރާދަކީ، بَيَانُ التَّأْكِيْدِ (ކަށަވަރުކުރެވިފައިވާ ކަންތައް އިތުރަށް ބަޔާންކުރުން) އެވެ. އަދި މިއަށް بَيَانُ التَّقْرِيْرِ (އިޤުރާރުވެފައިވާ ކަންތައް އިތުރަށް ބަޔާންކުރުން) އޭ ވެސް ކިޔެއެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (فَمَنْ لَمْ يَجِدْ فَصِيَامُ ثَلَاثَةِ أَيَّامٍ فِي الْحَجِّ وَسَبْعَةٍ إِذَا رَجَعْتُمْ تِلْكَ عَشَرَةٌ كَامِلَةٌ) (ސޫރަތުލްބަޤަރާ: 196 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ފަހެ، އެފަދަ އެއްޗެއް ނުލިބިއްޖެ މީހާ ޙައްޖުގެ ތެރޭގައި ތިން ދުވަހު، އަދި ޙައްޖުން އެނބުރި އައުމަށްފަހު ހަތް ދުވަހު ރޯދަހިފުން ހުށްޓެވެ. އެއީ ފުރިހަމަ ދިހަ ދުވަހެވެ.] މި އާޔަތުގައި އެ ވަނީ، ހަދުޔު ކަތިލަންޖެހި އެ ކަތިލުމުގެ ތަނަވަސްކަން ނެތް މީހާ ކަންތައް ކުރާނޭ ގޮތާ ގުޅޭ ގޮތުން ނައްޞުކޮށް، އިތުރު އެއްވެސް އިޙްތިމާލެއް ނުއުފެދޭނެ ގޮތުގައެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =