112ވަނަ ޤަވާޢިދު (ޖުމްލަ 189): التَّأْوِيْلُ البَعِيْدُ لَا يُلْتَفَتُ إِلَيْهِ
މި ޤަވާޢިދުގެ ތަރުޖަމާ: {ދުރު ތައުވީލަކަށް ނުބެލެވޭނެ}
މި ޤަވާޢިދުގެ މުރާދު: ތައުވީލަކީ، ލަފްޒެއް އޭގެ ރާޖިޙު (ޡާހިރު) އިޙްތިމާލުން، މަރުޖޫޙު އިޙްތިމާލަކަށް، ދަލީލަކާ ގުޅިގެން ފުރޮޅައިލުމެވެ. ބުނާ ބަހުގެ އަޞްލަކީ ތައުވީލު ނުކުރެވުން ކަމުގައި ވާއިރު، އަދި އަޞްލު ދޫކޮށްލެވޭނީ އަޞްލާ ޚިލާފަށް ދަލީލެއް ލިބުމުން ކަމުގައި ވުމުން، ތައުވީލު ޞައްޙަވެ ޤަބޫލުވެވުމަށްޓަކައި ތައުވީލުގައި ހުންނަންޖެހޭނޭ ޝަރުޠުތަކެއް، އިސްތިޤްރާއުއަށާއި ޝަރީޢަތުގެ މަޤްޞަދުތަކާއި ރޫޙަށް ބިނާކޮށް އުޞޫލީ ޢިލްމުވެރިން ކަނޑައަޅުއްވާފައި ވެއެވެ. އޭގެ ތެރެއިން އެންމެ މުހިއްމު އެއް ޝަރުޠަކީ، އެ ތައުވީލަކީ ދުރު ތައުވީލަކަށް ނުވުމެވެ.
ދުރު ތައުވީލުގެ މުރާދަކީ، ތައުވީލު ކުރާ މީހާ އެ ލަފްޒު ފުރޮޅައިލާ ފޮރުވިފައިވާ މަރުޖޫޙު މާނައަކީ، އެ ކަމުގައި އެހާ ބާރުގަދަ މާނައަކަށް ނުވުމެވެ. އެ ބޭފުޅާ އެއީ ބާރުގަދަ މާނައެއް ކަމުގައި ހީކުޅަކަމުގައި ވިޔަސް މެއެވެ.
އެ ގޮތުން، ތައުވީލެއް އެއީ ދުރު ތައުވީލަކަށް ނުވުމަށްޓަކައި ޟާބިޠުތަކެއް (މިންގަނޑުތަކެއް) އުޞޫލީ ޢިލްމުވެރިން ކަނޑައަޅުއްވާފައި ވެއެވެ. އެ ހުރިހާ ޟާބިޠެއް ނުވަތަ އެއިން އެއްވެސް ޟާބިޠެއް ފުރިހަމަ ނުވާނަމަ، އެ ތައުވީލަކީ ދުރު ތައުވީލެއް ކަމުގައި އެ ބޭފުޅުން ކަނޑައަޅުއްވަތެވެ. އެ ޟާބިޠުތަކަކީ: އެ ތައުވީލު ޢަރަބިބަހުގައި ކަނޑައެޅިފައިވާ ޤަވާޢިދުތަކުން ބޭރު ނުވުމާއި، އެ ތައުވީލު ޝަރީޢަތުގެ މަޤްޞަދުތަކާއި ޝަރީޢަތުގެ ޢާއްމު މަބްދައުތަކާ ޚިލާފު ނުވުމާއި، އަދި އެ ތައުވީލަކީ ﷲ ތަޢާލާގެ ވަޙީބަސްފުޅުން ލިއްބައިދިނުން އެކަށީގެން ނުވާ މާނައަކަށް ގެންގޮސްދޭ ސަބަބެއް ކަމުގައި ނުވުމެވެ.
މި ޝަރުޠުތަކާއި ޟާބިޠުތައް މި ގޮތަށް ކަނޑައެޅިފައި ހުރިކަމުގައި ވިޔަސް، ފަރުޢީ މައްސަލަތަކުގައި ތަޠުބީޤު ކުރާ ހާލަތުގައި އެ ތައުވީލަކީ ދުރު ތައުވީލެއްތޯ ނުވަތަ ކައިރި ތައުވީލެއްތޯ ކަނޑައެޅުމުގައި ފިޤުހުވެރިން ދެކިވަޑައިގަންނަވާ ގޮތް ތަފާތުވެފައި ހުރެދާނެއެވެ.
މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((أَيُّـمَا امْرَأَةٍ نَكَحَتْ بِغَيْرِ إِذْنِ مَوَالِيْـهَا فَنِكَاحُـهَا بَـاطِلٌ)) މާނައީ: [ވަލީވެރިންގެ ހުއްދައާ ނުލައި ކައިވެނިކޮށްފި އަންހެނާ (ދަންނާށެވެ!) ފަހެ، އޭނާގެ ކައިވެނި ބާޠިލުވެގެން ވެއެވެ.] މި ޙަދީޘުގައިވާ اِمْرَأَة (އަންހެނާ) ލަފްޒު، އަބޫ ޙަނީފާ ތައުވީލު ކުރައްވައި ވިދާޅުވެފައި ވަނީ، އެ އަންހެނާގެ މުރާދަކީ، މިނިވަންކުރުމަށް ލިޔެވިފައިވާ އަޅު އަންހެނާ ކަމުގައެވެ. އެހެންކަމުން، އަބޫ ޙަނީފާގެ އަރިހުގައި ވަލީއާ ނުލައި ކުރާ ކައިވެނި ވެސް ޞައްޙަވެގެން ވެއެވެ. އެހެންނަމަވެސް، މި ތައުވީލަކީ ދުރު އަދި އެއަށް ބަރޯސާ ނުވެވޭނޭ ތައުވީލެކެވެ. ސަބަބަކީ، އިބްނު ޤުދާމާ ވިދާޅުވެފައިވާ ފަދައިން، އަންހެނާގެ ޢާއްމުކަން އެ ތަނުގައި ނުހަނު ވަރުގަދަ ވެފައި، އަދި މިނިވަންކުރުމަށް އެއްބަސްވެވި ލިޔެވިފައިވާ އަންހެނުންނަކީ ނާދިރު ބަޔަކަށް ވެފައި، ޢާއްމުކަމުގެ ޤަޞްދު ފާޅުވާ ލަފްޒަކުން ޝާއްޛު ނާދިރު ބަޔަކަށް އަމާޒުކޮށް ބޭނުން ކުރުމީ، ޢަރަބީން ވާހަކަދެއްކުމުގައި ބޭނުންކޮށް އުޅޭ ގޮތަކަށް ނުވާތީއެވެ. އެއީ، ލަފްޒުގައި ހިމެނިފައި އޮންނަ ޤަރީނާއަކާ އެކު މެނުވީއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =