[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 108

113ވަނަ ޤަވާޢިދު (ޖުމްލަ 189): الأَعْدَادُ نُصُوصٌ لَا تَقْبَلُ التَّجَوُّزَ وَلَا التَّخْصِيْصَ

މި ޤަވާޢިދުގެ ތަރުޖަމާ: {އަދަދުތަކަކީ ނައްޞުތަކެއް، މަޖާޒު ކުރުމެއް އަދި ޚާއްޞަ ކުރުމެއް ޤަބޫލު ނުކުރާ}

މި ޤަވާޢިދުގެ މުރާދު: އަދަދުތަކުގެ ލަފްޒުތައް ނުވަތަ އަދަދުތަކުގެ ޞީޣާތައް ނުވަތަ އަދަދުތަކުގެ ނަންތަކަކީ، އެއް މާނައެއް ދޭހަކޮށްދޭ މުޞްޠަލަޙުތަކެކެވެ. އެ މާނައަކީ، ގިނަކަމުގެ ވަކި ދަރަޖައަކަށް ދަލީލުކޮށްދޭ، އެއަށްވުރެ މަދުވުމުގެ ނުވަތަ ގިނަވުމުގެ އިޙްތިމާލު އުފައްދައި ނުދޭ ލަފްޒެވެ. މިސާލަކަށް، އެކެއް، ދޭއް، ތިނެއް ފަދަ ލަފްޒުތަކެވެ. ޤުރުއާނާއި ސުންނަތުގެ ނައްޞުތަކުގައި ވާރިދުވެފައިވާ މިފަދަ އަދަދުތަކުގެ ނަންތަކަކީ، އެ މާނައެއްގައި އެ ބޭނުން ކުރެވިފައިވާ މާނައަށް ޤަޠުޢީކޮށް ޞަރީޙަކޮށް ދަލީލުކޮށްދޭ ނަންތަކެކެވެ. އެއިން ނަމެއް މަޖާޒީ މާނައިގައި ބޭނުންކުރެވިފައިވުމުގެ ފުރުސަތެއް، އަދި އެއިން ނަމެއް ޚާއްޞަ ކުރުމުގެ ފުރުސަތެއް އެއަކުން ނުދެއެވެ. އެހެންކަމުން، ދިހައެކޭ ބުނެވިއްޖެނަމަ އެއީ ދިހައެކެވެ. ނުވައެއް ނޫނެވެ. އަދި އެގާރައެއް ވެސް ނޫނެވެ. އަދި އެހެން އަދަދެއް ވެސް ނޫމެ ނޫން މެއެވެ. މިއީ، އުޞޫލީ ޢިލްމުވެރިން ކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.

މިއާ ޚިލާފަށް، އިބްނު އަމީރުލްޙާއްޖުފަދަ އުޞޫލީ ޢިލްމުވެރިން ކުރެ ބައެއް ބޭފުޅުންގެ ނަޒަރުގައި، އަދަދުތަކުގެ ނަންތަކަކީ ނައްޞުތަކެއް ނޫނެވެ. އެހެންކަމުން، އެފަދަ ނަންތައް މަޖާޒީ ގޮތުން ވެސް ބޭނުންކުރެވިދާނެއެވެ. އެ ގޮތުން، ނުވައެއްގެ މުރާދުގައި ދިހައެކޭ ވެސް ބުނެވިދާނެއެވެ.

ދެން ފަހެ، މި ތަނުގައި މަޖާޒު ކުރުން ޤަބޫލު ނުކުރުމުގެ މުރާދަކީ، އަދަދެއް ބުނެފައި، އެ އަދަދު ތިމަން ބުނީ އެއަށްވުރެ ދަށް އަދަދެއްގެ ނުވަތަ މަތީ އަދަދެއްގެ މާނައިގައޭ ބުނުމުގެ ފުރުސަތު ނުދިނުމެވެ.

އަދި ޚާއްޞަ ކުރުން ޤަބޫލު ނުކުރުމުގެ މުރާދަކީ، މިސާލަކަށް މީހަކު ކާރެއް ވިިއްކާ މީހެއް ގާތުގައި، [ތިބާގެ އަތުން މި ކާރު ދެ ލައްކަ ރުފިޔާއަށް އަހުރެން ގަނެފީމޭ] ބުނުމުން، އަނެކާ އެ ޤަބޫލުކޮށް، އެ ދެ މީހުން އެ ޢަޤްދު ދަމަހައްޓައިފައި، ދެން އެއަށްފަހު ކާރު ގަންނަ މީހާ [ދެ ލައްކަ ރުފިޔާއޭ ތިމަންނަ ބުނީ ފަންސާސް ހާސް ރުފިޔާ ފިޔަވައިގެ މާނައިގައޭ (އެބަހީ، އެއް ލައްކަ ފަންސާސް ހާސް ރުފިޔާގެ މާނައިގައޭ)] ބުނުމެވެ. މި ހާލަތުގައި، އެ ޚާއްޞަ ކުރި ކުރުން ޤަބޫލެއް ނުކުރެވޭނެއެވެ. ސަބަބަކީ، ނިޔަތުން ޚާއްޞަ ކުރުން އަދަދުތަކުގެ ނަންތަކުގައި ޤަބޫލު ނުކުރެވޭނެތީއެވެ. ކޮންމެއަކަސް، މި ތަނުގައި ޚާއްޞަ ކުރުން މި ވަނީ، ތަޚްޞީޞް މުންފަޞިލުގެ މުރާދުގައެވެ. މިއާ ޚިލާފަށް، އިސްތިޘްނާފަދަ ތަޚްޞީޞް މުއްތަޞިލެއް ނަމަ، އަދަދުތަކުގެ ނަންތަކުގައި ވެސް ޤަބޫލު ކުރެވޭނެއެވެ.

އަދި ހަމައެހެންމެ، އަދަދުން ޤަޞްދުވެވިފައިވަނީ އެ އަދަދު ނޫން އެހެން މާނައެއްކަން ހާމަކޮށްދޭ ޤަރީނާއެއް ލިބިއްޖެނަމަ، އަދަދުތަކުން ޤަޠުޢީކޮށް ދަލީލުކޮށްދޭ ދަލީލުކޮށްދިނުމުން އެ އިސްތިޘްނާވެގެން ވާނެއެވެ. މިސާލަކަށް، މީހަކު އަނެކާއަށް، [މި ކަމެއް ކުރަން ތިބާގެ ގާތަށް މިހާރު އެއް ހާސް ފަހަރު އާދެވިއްޖެ] އޭ ބުނުމެވެ. މި ހާލަތުގައި [އެއް ހާސް] ބޭނުން ކުރެވިފައި އެ ވަނީ، ކަނޑައެޅިގެން އެއް ހާހުގެ މާނައިގައި ނޫންކަމާއި، އެއީ ދެވުނު އަދަދުގެ ގިނަކަން އަންގައިދޭން ބޭނުންކުރި އަދަދެއްކަން އެނގެއެވެ. މިސާލަކަށް، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅުގައި ވެސް ވާ ފަދައިންނެވެ. (إِنْ تَسْتَغْفِرْ لَهُمْ سَبْعِينَ مَرَّةً فَلَنْ يَغْفِرَ اللَّهُ لَهُمْ) (ސޫރަތުއްތައުބާ: 80 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ކަލޭގެފާނު ހަތްދިހަ ފަހަރު އެބައިމީހުންނަށް ފާފަފުއްސެވުން އެދި ދެންނެވިޔަސް، އެބައިމީހުންނަށް ﷲ ފާފައެއް ނުފުއްސަވާނެތެވެ.] މި ތަނުގައި ހަތްދިހަ ބޭނުންކުރެވިފައި އެވަނީ [ކިތަންމެ ގިނައިން] ގެ މުރާދުގައެވެ. ބަރާބަރު ހަތްދިހައިގެ މުރާދުގައެއް ނޫނެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاءَ فَاجْلِدُوهُمْ ثَمَانِينَ جَلْدَةً) (ސޫރަތުއްނޫރު: 4 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ޢިއްފަތްތެރި އަންހެނުންނަށް ޤަޛުފު ކުރާ މީހުން (އެ ކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ، ފަހެ، އެއުރެންގެ ގައިގައި އަށްޑިހަ އެތިފަހަރުން (ޙައްދު) ޖަހާށެވެ!] މި ތަނުގައި މިވާ [އަށްޑިހަ] އަކީ، އަދަދުތަކުގެ ނަންތަކުގެ ތެރޭގައި ހިމެނޭ ނަމެކެވެ. އެއިން މަޖާޒީ މާނައެއް ނެގުމުގެ، ނުވަތަ އެ ޚާއްޞަ ކުރުމުގެ ފުރުސަތެއް އެއަކުން ނުދެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =