[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 109

114ވަނަ ޤަވާޢިދު (ޖުމްލަ 189): الأَصْلُ فِي الكَلَامِ الـحَقِيْقَةُ

މި ޤަވާޢިދުގެ ތަރުޖަމާ: {ދައްކާ ވާހަކައިގައި އަޞްލަކީ ޙަޤީޤަތް}

މި ޤަވާޢިދުގެ މުރާދު: އަޑުއަހާ މީހާގެ ގާތުގައި ގަދަވެގަންނަ ރާޖިޙު ގޮތަކީ، ވާހަކަދައްކާ މީހާ ދައްކާ ވާހަކަ ނުވަތަ އޭނާ ބުނާ ބުނުން، އެ ބުނުމެއް އިޞްޠިލާޙީ މާނައިގައި ފުރަތަމައިނުން ވެސް ކަނޑައެޅިފައިވާ ގޮތަށް ނެގުމެވެ. އެއީ، އެ ޙަޤީޤީ މާނައިގައި ބުނުން މަނާ ކުރާނޭ ޤަރީނާއެއް ނެތް ކަމުގައި ވާނަމައެވެ. މިސާލަކަށް، [އަހުރެންނަށް ސިންގާއެއް ފެނިއްޖެޔޭ] ބުނެފިނަމަ، އަޑުއަހާ މީހާގެ ސިކުނޑިއަށް އެރުން އަވަސް ވާނީ އަދި އޭނާގެ ގާތުގައި ރާޖިޙު ވާނީ (ބުރަވެވޭނީ)، އެ ދައްކަނީ ޖަންގަލީގައި އުޅޭ އެންމެން ދަންނަ މިނިކާ ޖަނަވާރުގެ ވާހަކަ ކަމުގައެވެ. އެހެންނަމަވެސް، [މަދަރުސާގައި ދަރިވަރުންގެ މެދުގައި ގޮނޑިއެއްގައި އިށީނދެއިން ސިންގާއެއް އަހުރެންނަށް ފެނުނޭ] ބުނެފިނަމަ، ސިކުނޑި، އެ ލަފްޒުގެ ޙަޤީޤީ މާނަ ދޫކޮށް، އެ ލަފްޒު އޭގެ މަޖާޒީ މާނައިގައި ނަގާނެއެވެ. އެއީ، އެ ގޮތަށް ލާޒިމު ކުރާ ޤަރީނާއެއް އޮތީތީއެވެ. އެ ޤަރީނާއަކީ، މަދަރުސާގައި ދަރިވަރުންގެ މެދުގައި ގޮނޑިއެއްގައި ޙަޤީޤީ ސިންގާއެއް އިށީނދެ އިނުން މުސްތަޙީލުވެގެން ވާނެތީއެވެ.

ދެން ފަހެ، މި ޤަވާޢިދުގައި އަޞްލުގެ މުރާދަކީ، ރާޖިޙެވެ. އަދި ޙަޤީޤަތުގެ މުރާދަކީ، އިޞްޠިލާޙީ ގޮތުން ބޭނުން ކުރެވުނު މާނައެވެ. ޙަޤީޤަތުގެ އިދިކޮޅަކީ މަޖާޒެވެ.

އަދި ވާހަކައިން ނެގުނު މުރާދަކީ ޙަޤީޤީ މާނަތޯ ނުވަތަ މަޖާޒީ މާނަތޯ ކަނޑައެޅުމުގައި ދެކޮޅަށް ކިރޭނަމަ، ގަދަވެގަންނަ ރާޖިޙު ގޮތަކީ އެއީ ޙަޤީޤީ މާނައިގައި ދައްކާފައިވާ ވާހަކައަކަށް ވުމެވެ. އަދި އެހެންކަމުން، އަމަލުކުރުން އެންމެ އައުލާވެގެން ވަނީ އެ ގޮތަށެވެ.

އަދި މިއީ، އެ ވާހަކައެއް ނުވަތަ އެ ލަފްޒެއް ބޭނުންކުރުން މަޝްހޫރުވެފައިވަނީ މަޖާޒީ މާނައިގައި ކަމަށް ނުވާނަމައެވެ. މަޖާޒީ މާނައިގައި ބޭނުންކުރުން މަޝްހޫރުވެފައި އެ ގޮތަށް ވަރަށް ގިނައިން ބޭނުން ކުރާނަމަ، އެ މަޖާޒީ މާނައަކީ ޙަޤީޤީ މާނައާ އެއްވަރު މާނައަކަށް ވެގެންދާނެއެވެ. މި ހާލަތުގައި ވެސް ޙަޤީޤީ މާނަ އިސްކުރެވޭނެއެވެ. އެއީ އަޞްލު ކަމުގައި ވާތީއެވެ.

އަދި ލަފްޒު ބޭނުން ކުރާ ކުރުމުގައި މަޖާޒީ މާނަ ގިނައިން ބޭނުން ކުރެވޭނަމަ، އަދި ޙަޤީޤީ މާނައިގައި ބޭނުން ކުރެވެނީ ބައެއް ވަގުތުތަކުގައިނަމަ، މި ހާލަތުގައި އިސްކުރާނޭ އެއްޗަކާ މެދު ރައުޔުތަފާތުވުން އުފެދިފައި ވެއެވެ. އެ ގޮތުން، އަބޫ ޙަނީފާގެ އަރިހުގައި، އިސްކުރުން އައުލާވެގެން ވަނީ ޙަޤީޤީ މާނައެވެ. އެއީ އަޞްލު ކަމުގައި ވާތީއެވެ. މިއާ ޚިލާފަށް، އަބޫ ޙަނީފާގެ ދެ އެކުވެރިން (އަބޫ ޔޫސުފާއި މުޙައްމަދު) ގެ އަރިހުގައި، މި ތަނުގައި ގަދަވެގަންނަނީ މަޖާޒީ މާނައެވެ. އެއީ ހާލުގެ ގޮތުން ރާޖިޙު، އަދި އެ ހާލަތުގައި ޡާހިރު ގޮތް ކަމުގައި ވާތީއެވެ.

އަދި ލަފްޒު އޭގެ މަޖާޒީ މާނައިގައި ބޭނުން ކުރުން ގިނަވެ، އޭގެ ޙަޤީޤީ މާނައަކީ ބޭނުން ނުކޮށް ދޫކޮށްލެވިފައިވާ މާނައެއް ކަމުގައި ބެލެވިއްޖެނަމަ، އެ މަޖާޒީ މާނަ އިސްކުރެވޭނެއެވެ. އެހެނީ، އެހާރުން އެއީ ޝަރުޢީ ނުވަތަ ޢުރުފީ ޙަޤީޤަތަކަށް އެ ވަނީ ވެފައެވެ. މިސާލަކަށް، [އަހުރެން މިއައީ ބޯކޮށައިގެންނޭ] ބުނެފިނަމަ، ބޯކޮށުން މާނަކުރެވޭނީ އޭގެ މަޖާޒީ މާނައިގައެވެ. އެއީ، ބޮލުގެ އިސްތަށިގަނޑު ކޮށުމުގެ މާނައެވެ.

މި ޤަވާޢިދުގެ މިސާލަކީ، ހިނގާފައި ދިޔުން އެންމެ މާތްވެގެން ވަނީ ޖަނާޒާގެ ފަހަތުގައި ތިބެގެންތޯ ނުވަތަ ކުރީގައި ތިބެގެންތޯ ކަނޑައެޅުމުގައި ޢިލްމުވެރިންގެ ތެރޭގައި ރައުޔުތަފާތުވުން އުފެދިފައި ވެއެވެ. އަބޫ ޙަނީފާއާއި އެ ބޭފުޅާގެ ދެ އެކުވެރިންގެ ނަޒަރުގައި، ޖަނާޒާގެ ފަހަތުގައި ތިބުން މާ މާތްވެގެން ވެއެވެ. އެއީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅާ ގުޅިގެންނެވެ. ((وَإِذَا مَاتَ فَاتَّبِعْهُ)) މާނައީ: [އަދި މަރުވެއްޖެނަމަ، ފަހެ، އޭނާގެ ފަސްފަހަތުން ދާށެވެ!] މިއާ ޚިލާފަށް، ޝާފިޢީއާއި އެހެން ބޭފުޅުންގެ ނަޒަރުގައި، ޖަނާޒާގެ ކުރީގައި ތިބުން މާ މާތްވެގެން ވެއެވެ. އެ ބޭފުޅުން [ތަބާވުން] ގެ މާނަ، މަޢުނަވީ ގޮތުން ތަބާވުމަށް ތައުވީލުކޮށް އަނބުރައިލެއްވިއެވެ. އެއީ، ޖަނާޒާއާ އެކު ވުމުގެ މާނައެވެ. އެހެންނަމަވެސް، އެ ބޭފުޅުން އެ ކުރެއްވި ތައުވީލަކީ މަޖާޒީ މާނައެކެވެ. އަދި އަބޫ ޙަނީފާއާއި އެ ބޭފުޅާއާ އެކުގައިވި ބޭފުޅުން ނެންގެވި މާނައަކީ ޙަޤީޤީ މާނައެވެ. ވީއިރު، ރާޖިޙު ވާނީ އަބޫ ޙަނީފާ ނެންގެވި މާނައެވެ. ސަބަބަކީ، ދައްކާ ވާހަކައިގައި އަޞްލަކީ ޙަޤީޤަތް ކަމުގައި ބެލެވޭނެތީއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =