115ވަނަ ޤަވާޢިދު (ޖުމްލަ 189): لَا يُصَارُ إِلَى الـمَجَازِ إِلَّا إِذَا تَعَذَّرَتِ الـحَقِيقَةُ
މި ޤަވާޢިދުގެ ތަރުޖަމާ: {ޙަޤީޤަތް އުޒުރުވެރިވުމުން މެނުވީ، މަޖާޒެއް ނުނެގޭނެ}
މި ޤަވާޢިދުގެ މުރާދު: ލަފްޒެއްގެ ޙަޤީޤީ މާނަ ދޫކޮށް، އޭގެ މަޖާޒީ މާނަ ނެގޭނީ، އެ ލަފްޒު އޭގެ ޙަޤީޤީ މާނައިގައި ނަގަން އުޒުރުވެރިވެވޭނަމައެވެ. ސަބަބަކީ، އަޞްލަކީ ޙަޤީޤީ މާނަކަމަށް ވެފައި، އަޞްލަކީ އެ އެއްޗެއް ކުރިން ވެސް އޮޮތް ގޮތަކަށް ދެމިއޮތުމެވެ. އެ ކަން ތަޣައްޔަރު ކުރާނޭ އެއްޗެއް ފެނިއްޖައުމަށް ދާންދެނެވެ.
ދެން ފަހެ، ލަފްޒުތަކުގެ ޙަޤީޤީ މާނައިގައި އެ ލަފްޒުތައް ނަގަން އުޒުރުވެރިވުމުގައި އެއް ގޮތަކީ، ޙަޤީޤީ ގޮތުން އުޒުރުވެރިވެވުމެވެ. ނޫންނަމަ، ޢުރުފީ ގޮތުން އުޒުރުވެރިވެވުމެވެ. ނޫންނަމަ، ޝަރުޢީ ގޮތުން އުޒުރުވެރިވެވުމެވެ.
މި ތަނުން ޙަޤީޤީ ގޮތުން އުޒުރުވެރިވުމުގައި ދެ ގޮތެއް ވެއެވެ. ފުރަތަމަ ގޮތަކީ، ޙަޤީޤީ މާނައިގައި ނެގުން މަނާވުމެވެ. މިސާލަކަށް، މީހަކު އޭނާގެ ދަރިންނަށް އޭނާގެ މުދަލުން ވަކި އެއްޗެއް ދިނުމަށް ވަޞިއްޔަތްކުރުމެވެ. އެހެންނަމަވެސް، އޭނާގެ ތިބީ ހަމައެކަނި ކާފަދަރިން ކަމުގައި ވުމެވެ. މި ހާލަތުގައި [ދަރިން] ގެ ޙަޤީޤީ މާނަ އެ ލަފްޒު ނެގުން މަނާވެގެން ވެއެވެ. އަދި ބަދަލުގައި، އޭނާ ބުނި ބަސް ނަގާނީ އޭގެ މަޖާޒީ މާނައިގައެވެ. އެ ގޮތުން، އޭނާ ބުނި [ދަރިން]ނަކީ، ކާފަދަރިން ކަމުގައި ބެލެވޭނެތެވެ. އަދި އޭނާ ވަޞިއްޔަތް ކުރި އެތި އެ ކުދިންނަށް ދެވޭނެތެވެ. ދެވަނަ ގޮތަކީ، ޙަޤީޤީ މާނައިގައި ނެގުމުގެ ފުރުސަތު އިތުރު އުނދަގުލަކާ އެކު އޮތުމެވެ. މިސާލަކަށް، މީހަކު، ﷲ ގަންދީ ބުނަމޭ! މި ގަހުން ތިމަންނަ ނުކާނަމޭ ބުނުމެވެ. މި ހާލަތުގައި އެ މީހާ [ގަސް] ބޭނުންކޮށްފައި ވަނީ، ގަހުގެ އަޞްލު ކަމުގައިވާ މުލާއި ގޮފިތައްފަދަ ތަކެތީގެ މާނައިގައި ނޫންކަން އެނގެއެވެ. އެހެނެއްކަމަކު، އެ ގަހުގައި އަޅާ މޭވާގެ މާނައިގައި ކަން އެނގެއެވެ. އެހެންނަމަވެސް، ގަހުގެ މުރާދަކީ ގޮފިތައްފަދަ ތަކެތި ކަމުގައިވުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެ ފުރުސަތު އޮތަސް އެއީ އިތުރު ބުރައެއް އުފުލައިގެން މެނުވީ ވާނޭ ކަމެއް ނޫނެވެ. އެހެންކަމުން، އެ ގަހުގައި މޭވާ އަޅާފައި ވާނަމަ، ގަހުގެ މާނައަކީ ގަހުގެ މޭވާކަމަށް ބެލެވޭނެތެވެ. މޭވާ އަޅާފައި ނުވާނަމަ، ގަހުގެ މާނައަކީ ގަހުގެ ގޮފިތައްފަދަ ބައިތަކުގެ އަގެވެ.
އަދި ޢުރުފީ ގޮތުން އުޒުރުވެރިވުމީ، ލަފްޒުގެ ޙަޤީޤީ މާނައަކީ މީސްތަކުންގެ މެދުގައި ބޭނުން ނުކޮށް ދޫކޮށްލެވިފައިވާ މާނައަކަށް ވުމެވެ. މިސާލަކަށް، [މިވެނި މީހެއްގެ ގޭގައި އަހުރެންގެ ފަޔެއް ނުބީއްސާނަމޭ] ބުނެ ހުވާ ކުރުމެވެ. މި ތަނުގައި ޙަޤީޤީ މާނައަކީ ފައި އޭގެ ޒާތުގައި ބީއްސުމެވެ. އެހެންނަމަވެސް، މީސްތަކުން އެ ގޮތަށް ބޭނުން ކުރުން ދޫކޮށްލައިފިއެވެ. އެބައިމީހުންގެ ޢުރުފުގައި އެ ގޮތަށް ބުނެވެނީ، ނުސީދާ ގޮތުން ވަނުމަށެވެ. އެހެންކަމުން، އެ ގެޔަށް ނުވަންނަކަމުގައި ވާނަމަ، އެ ގޭތެރެއަށް ފަޔެއް ލުމަކުން، ހުވާގެ ކައްފާރާ ދޭކަށް ނުޖެހޭނެއެވެ.
އަދި ޝަރުޢީ ގޮތުން އުޒުރުވެރިވުމީ، ލަފްޒުގެ ޙަޤީޤީ މާނައަކީ ޝަރުޢީ ގޮތުން ދޫކޮށްލެވިފައިވާ މާނައަކަށް ވުމެވެ. މިސާލަކަށް، [ޚުޞޫމަތު] ކަލިމައެވެ. މިއީ، ދެބަސްވެ އަރާރުންވުމަށް ޙަޤީޤީ ގޮތުން ބޭނުންކުރެވޭ ލަފްޒެކެވެ. އަދި މަޖާޒީ ގޮތުން، ކޯޓުތަކަށް މައްސަލަ ހުށަހެޅުމާއި އެ މައްސަލަ ދިފާޢުކުރުމަށް ބޭނުންކުރެވޭ ލަފްޒެކެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (مَنْ ذَا الَّذِي يُقْرِضُ اللَّهَ قَرْضًا حَسَنًا فَيُضَاعِفَهُ لَهُ أَضْعَافًا كَثِيرَةً) (ސޫރަތުލްބަޤަރާ: 245 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ހެޔޮވެގެންވާ ދަރަންޏަކުން ﷲ އަށް ދަރަނި ދޭހުށީ (އެބަހީ: ﷲ އަށްޓަކައި ހޭދަކުރާހުށީ) ކާކުހެއްޔެވެ؟ ފަހެ، ގިނަވެގެންވާ ގުނަތަކަކަށް، ﷲ، އެ ދަރަނީގެ ހެޔޮ ޖަޒާ އެ މީހަކަށް އިތުރުކޮށް ދެއްވާނެތެވެ.] قَرْضُ ގެ ދެ މާނައެއް ވެއެވެ. އެ ތަނުން ޙަޤީޤީ މާނައަކީ، ލޯނެވެ. އަދި މަޖާޒީ މާނައަކީ، ޖަޒާ ލިބުމަށް އެދި ހޭދަކުރުމެވެ. މި އާޔަތް އޭގެ ޙަޤީޤީ މާނައިގައި ނެގުމުގެ ފުރުސަތެއް ނެތެވެ. އެހެންކަމުން، އޭގެ މަޖާޒީ މާނައިގައި ނެގޭނެތެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =