116ވަނަ ޤަވާޢިދު (ޖުމްލަ 189): الـمُبَادَرَةُ إِلَى الفَهْمِ دَلِيْلُ الـحَقِيْقَةِ
މި ޤަވާޢިދުގެ ތަރުޖަމާ: {ވިސްނުމަށް އައުމީ، ޙަޤީޤަތުގެ ދަލީލު}
މި ޤަވާޢިދުގެ މުރާދު: މިއީ، ލަފްޒުގެ ޙަޤީޤަތް ދެނެގަތުމާ ގުޅޭ މައުޟޫޢުގެ ދަށުން، ނުވަތަ ޙަޤީޤަތާއި މަޖާޒު ވަކިކޮށް ދެނެގަތުމުގެ މައުޟޫޢުގެ ދަށުން ޢިލްމުވެރިން ގެންނަވާފައިވާ ޤަވާޢިދެކެވެ. މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، ލަފްޒެއް އަޑުއިވޭހިނދު، އިތުރު ޤަރީނާއަކާ ނުލައި، މާނައެއް ވިސްނުމަށް އައުމީ، އެ ލަފްޒަކީ ޙަޤީޤީ ގޮތުން ހަމައެކަނި އެ މާނައިގައި ބޭނުން ކުރެވޭ ލަފްޒެއް ކަމުގެ ދަލީލެކެވެ.
ދެން ފަހެ، ވިސްނުމަށް އައުމުގައި ދެ ބަޔެއް ވެއެވެ. އެއީ، التَّبَادَرُ الاِسْتِعْمَالِـيّ އާއި التَّبَادَرُ التَّحْقِيْقِـيّ އެވެ. التَّبَادَرُ الاِسْتِعْمَالِـيّ އަކީ، ލަފްޒު ބޭނުން ކުރި ކުރުމުން ވިސްނުމަށް މާނައެއް އައުމެވެ. މި ހާލަތުގައި އެ މާނަ ވިސްނުމަށް އައުމީ، އެއީ ޙަޤީޤީ މާނަކަމުގެ ޢަލާމާތެކެވެ. التَّبَادَرُ التَّحْقِيْقِـيّ އަކީ، ލަފްޒުގައި ބޭނުންކުރެވިފައިވާ މާނަ ބޭނުންކުރެވިފައި ވަނީ ވަކި ފަރުދަކަށް ކަމަށް ވިސްނުމަށް އައުމެވެ. އެއީ، ލަފްޒެއް އޭގެ ދަށަށް އެތަކެއް އަފުރާދުންނެއް ވަންނަ މާނައެއްގައި ބޭނުންކުރެވިފައި ވާއިރުގައެވެ. މިސާލަކަށް، [ދިނުން] ލަފްޒުގެ މާނައިގެ ތެރެއަށް ކާބޯތަކެއްޗާއި މުދަލާއި ޖަނަވާރުންފަދަ އެތަކެއް އަފުރާދުންނެއް ވަދެއެވެ. އެހެންކަމުން، މީހަކު [މީހަކު އެއްޗެއް ދީފި] އޭ ބުނެފިނަމަ، އޭނާ އެ ދިނީ ކޮން އެއްޗެއްކަން ކަށަވަރު ނުކޮށް، ވަކި އެއްޗެއް ދިން ކަމަކަށް ކަނޑައެއް ނޭޅޭނެއެވެ. ވީއިރު، މި ހާލަތުގައި ވަކި ފަރުދެއް ވިސްނުމަށް އައުމަކުން، އެއީ ޙަޤީޤީ މާނަކަމުގެ ޢަލާމާތެއް ނޫނެވެ.
އަދި ވިސްނުމަށް އަންނަ އައުމުގައި އެކި ދާއިރާތަކުގައި އެކި ވައްތަރުތަކުގައި ތަފާތުވެގެން ވާނެއެވެ. ކޮންމެ ދާއިރާއެއްގައި ވެސް ކޮންމެ ވައްތަރެއްގައި ވެސް ސިކުނޑިއަށް އަންނާނީ އެއާ އެކަށީގެންވާ އެއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މިސާލަކަށް، މީހަކު [އަހުރެންނަށް ސިންގާއެއް ފެނުނޭ] ނުވަތަ [އަހުރެންނަށް ކަނޑެއް ފެނުނޭ] ބުނެފިނަމަ، އަދި އެ ތަނުގައި އެއްވެސް ޤަރީނާއެއް ނެތްނަމަ، އެއިން ނެގޭނެ މާނައަކީ، އޭނާއަށް ޙަޤީޤީ ސިންގާއެއް ނުވަތަ ޙަޤީޤީ ކަނޑެއް ފެނުނުކަމުގެ މާނައެވެ. ސަބަބަކީ، އެ ލަފްޒުތައް އެއްވެސް އިތުރު ޤަރީނާއަކާ ނުލައި ބޭނުންކުރުމުން، ވިސްނުމަށް އައީ އެ މާނަތައް ކަމުގައި ވާތީއެވެ. މިއާ ޚިލާފަށް، މީހަކު [އަހުރެންނަށް އަތުގައި ކަނޑިއެއް އޮތް ސިންގާއެއް ފެނުނޭ] ނުވަތަ [އަހުރެންނަށް އަހެއްގެ މަތީގައި އިން ކަނޑެއް ފެނުނޭ] ބުނެފިނަމަ، އޭގައި އެވާ ޤަރީނާތަކުން ނެގޭނެ މާނައަކީ، އެ ތަނުގައި [ސިންގާ] ބޭނުންކުރެވިފައި އެ ވަނީ، ހިތްވަރުގަދަކަމުގެ މާނައިގައި ކަމާއި، [ކަނޑު] ބޭނުންކުރެވިފައި އެ ވަނީ، ދީލަތިކަމުގެ މާނައިގައި ކަމެވެ. އެހެން ޢިބާރާތަކުންނަމަ، އެ ލަފްޒުތަކުގެ މަޖާޒީ މާނައިގައި ކަމެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =