[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 112

117ވަނަ ޤަވާޢިދު (ޖުމްލަ 189): النَّقْلُ خِلَافُ الأَصْلِ

މި ޤަވާޢިދުގެ ތަރުޖަމާ: {ނަޤުލު ކުރުން އަޞްލާ ޚިލާފު}

މި ޤަވާޢިދުގެ މުރާދު: ނަޤުލު ކުރުމަކީ، ބަހަވީ ގޮތުން އެ މާނައެއްގެ މަތީގައި ލަފްޒު އުފަންކުރެވިފައިވާ މާނަ ދޫކޮށް އެހެން މާނައަކަށް އެ ލަފްޒު ގެންދިޔުމެވެ. މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، ނަޤްލު  ކުރުމަކީ ބުއްދީގެ ގޮތުން ވުން އެކަށީގެންވާ، އަދި ބަހަވީ ގޮތުން ވާ ކަމެއް ކަމުގައި ވިޔަސް، އެއީ އަޞްލު ގޮތާ ޚިލާފު ކަމެއް ކަމެވެ. އެހެންކަމުން، ނަޤްލު ކުރެވޭ މާނައަކީ އަޑުއަހާމީހާގެ ގާތުގައި މަރުޖޫޙު މާނައެކެވެ. ރާޖިޙު މާނައެއް ނޫނެވެ. ލަފްޒެއް ބޭނުންކުރެވިފައި ވަނީ، އޭގެ ބަހަވީ ޙަޤީޤީ މާނައިގައިތޯ، ނުވަތަ އެ ޙަޤީޤީ މާނައިން ނަޤުލުކުރެވިގެން އޭގެ ޝަރުޢީ ނުވަތަ ޢުރުފީފަދަ މާނައެއްގައިތީ ކަނޑައެޅުމުގައި ދެކޮޅަށްކިރޭނަމަ، ބަރޯސާވެވޭނީ ބަހަވީ ޙަޤީޤީ މާނައަށެވެ. އެހެނީ، އަޞްލަކީ، އެއްޗެއް އޭގެ އަޞްލު ގޮތުގައި ދެމިއޮތުމެވެ.

މިއީ، ނަޤްލުކުރެވިފައި ވާކަން ދަލީލުކޮށްދޭ ދަލީލެއް ނެތްކަމުގައި ވާނަމައެވެ. އެހެންނަމަވެސް، ޞައްޙަ ޝަރުޢީ ދަލީލަކުން ނަޤުލުކުރެވިފައިވާ މާނަ ރާޖިޙުކޮށް ޢައްޔަނު ކުރާނަމަ، އެ ލަފްޒު ބޭނުންކުރެވިފައިވަނީ ޝަރުޢީ މާނައިގައި ކަމަށް ކަނޑައެޅޭނެއެވެ.

އަދި ލަފްޒަކަށް ބަހަވީ ޙަޤީޤަތަކާއި ޝަރުޢީ ޙަޤީޤަތެއް ލިބިގެންވާނަމަ، އިސްކުރެވޭނީ ޝަރުޢީ ޙަޤީޤަތެވެ. މި ކަން ވާނީ [މަންހަޖާ ގުޅޭ ޤަވާޢިދުތަކުގެ] ދަށުން ބަޔާންކުރެވިފައެވެ.

މި ޤަވާޢިދުގެ މިސާލަކީ، ޖަމްޢުގެ އެންމެ މަދު މިންވަރަކީ ތިނެއް ކަމުގައި ވިދާޅުވާ ބޭފުޅުން، ޢަރަބީން ދޭކަށް ވުމާއި ޖަމްޢުގައި ޟަމީރުގެ ގޮތުންނާއި ޡާހިރީ ގޮތުން ތަފާތު ކުރައްވާ ކުރެއްވުމުން ދަލީލު ނަންގަވައި، ބޭނުންކުރުމުގައި އަޞްލަކީ ޙަޤީޤަތް ކަމުގައި ވިދާޅުވުމެވެ. ސަބަބެއްގެ ގޮތުން ވިދާޅުވަނީ، އެއީ ޢުރުފީ ގޮތުން ވިސްނުމަށް އަންނަ ގޮތް ކަމުގައެވެ. އެހެންކަމުން، އެ ބޭފުޅުން ވިދާޅުވަނީ، ބަހަވީ ގޮތުން ވެސް އެ ގޮތަށް އޮތުން ވާޖިބު ކަމުގައެވެ. އަދި ޖަމްޢުގެ އެންމެ މަދު މިންވަރަކީ ދޭއް ކަމުގައެއް ނުބުނެވޭނެ ކަމުގައެވެ. ސަބަބަކީ، އަޞްލަކީ ނަޤްލު ނުކުރެވުމާއި ތަޣައްޔަރު ނުކުރެވުން ކަމުގައި ވާތީއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =