131ވަނަ ޤަވާޢިދު (ޖުމްލަ 189): مَفْهُومُ الزَّمَانِ وَالـمَكَانِ حُجَّةٌ
މި ޤަވާޢިދުގެ ތަރުޖަމާ: {مَفْهُومُ الزَّمَانِ وَالـمَكَانِ އަކީ ޙުއްޖަތެއް}
މި ޤަވާޢިދުގެ މުރާދު: ވަކި ޚާއްޞަ ޒަމާނަކާ ނުވަތަ ތަނަކާ ޙުކުމް ގުޅުވައިލާފައި ވުމުން ދަލީލުކޮށްދެނީ، އެ ނޫން ޒަމާނެއްގައި ނުވަތަ ތަނެއްގައި އެ ޙުކުމް ނަފީ ވާނެ ކަމެވެ. މިއީ، އުޞޫލީ ޢިލްމުވެރިން ކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.
މިއާ ޚިލާފަށް، ޙަނަފީންނާއި، އަދި مَفْهُومُ الصِّفَة އަށް އިންކާރު ކުރެއްވި ބޭފުޅުން ކުރެ ޖަމާޢަތެއްގެ ބޭފުޅުންގެ ނަޒަރުގައި، مَفْهُومُ الزَّمَانِ وَالـمَكَانِ އަކީ ޙުއްޖަތެއް ނޫނެވެ. އެ ގޮތުން، އެ ބޭފުޅުންގެ ނަޒަރުގައި، ވަކި ޚާއްޞަ ޒަމާނަކާ ނުވަތަ ތަނަކާ ޙުކުމް ގުޅުވައިލާފައި ވުމަކުން، އެ ނޫން ޒަމާނެއްގައި ނުވަތަ ތަނެއްގައި އެ ޙުކުމް ނަފީ ވާނެ ކަމަކަށް ދަލީލެއް ނުކޮށްދެއެވެ. އެ ގޮތަށް ބެލުމަށްޓަކައި، އެ ގޮތަށް ދަލީލުކޮށްދޭ ދަލީލެއް ނުވަތަ ޤަރީނާއެއް ބޭނުންވާނެއެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (إِذَا نُودِيَ لِلصَّلَاةِ مِنْ يَوْمِ الْجُمُعَةِ) (ސޫރަތުލްޖުމްޢާ: 9 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ހުކުރު ދުވަހު ނަމާދަށް (އެބަހީ، ހުކުރު ނަމާދަށް) ގޮވައިލެވިއްޖެހިނދު…] މި އާޔަތުން، ހުކުރު ދުވަހުގެ އެހެން ފަރުޟު ނަމާދުތަކުގެ ވަގުތުތަކުގައި ގަނެވިއްކުން ނަހީ ކުރެވިގެން ނުވާ ކަމަށް ދަލީލު ނެގިފައި ވެއެވެ. އެހެނީ، މި އާޔަތުގެ ލަފްޒުގައި ވަނީ، ހުކުރު ނަމާދު ވަގުތު ގަނެވިއްކުން ނަހީ ކުރެވިގެން ވާކަން ކަމުގައި ވާތީއެވެ. އަދި އޭގެ މަފްހޫމުން (مَفْهُومُ الزَّمَان ން) ލާޒިމު ކުރަނީ، ހުކުރު ނަމާދު ވަގުތު ފިޔަވައި އެހެން ވަގުތުތަކުގައި ގަނެވިއްކުން ނަހީ ކުރެވިގެން ނުވުމެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =