133ވަނަ ޤަވާޢިދު (ޖުމްލަ 189): مَا خَرَجَ مَـخْرَجَ الغَالِبِ لَا مَفْهُومَ لَهُ
މި ޤަވާޢިދުގެ ތަރުޖަމާ: {ގިނަ ފަހަރަށް ކަން އޮންނަ ގޮތަށް ނުކުތް އެތީގައި މަފްހޫމެއް ނުވޭ}
މި ޤަވާޢިދުގެ މުރާދު: މިއީ، مَفْهُومُ الـمُخَالَفَة އަކީ ޙުއްޖަތެއް ކަމުގައި ވިދާޅުވާ ބޭފުޅުން، އެއަށް ޢަމަލު ކުރުމަށްޓަކައި ކަނޑައެޅުއްވި ޝަރުޠުތަކުގެ ތެރެއިން، [މަންޠޫޤުގެ ޙުކުމް އެއާ ގުޅުވައިލެވުނުހިނދު އެ ޚާއްޞަކޮށް ބަޔާންކުރުމުގައި ފައިދާއެއް ފެންނަން ނެތުން] އާ ގުޅިފައިވާ ޤަވާޢިދެކެވެ. މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، ޝަރުޢީ ޙުކުމެއް، ސިފައަކުން ނުވަތަ ޝަރުޠަކުން ނުވަތަ އެހެންވެސް އެއްޗަކުން މުޤައްޔަދު ކުރެވިގެން، ތަނަކާ ގުޅުވައިލެވިފައި އޮވެއްޖެނަމަ، އަދި އެ ޤައިދުން އެ ތަން ސިފަ ކުރުމީ، ޢާއްމު އާދަކާދައަށް ބިނާކޮށް އެއާ އެއްގޮތްވާ ގޮތުގެ މަތިން ކުރެވިފައިވާ ކަމެއް ކަމުގައި ވާނަމަ، މި ހާލަތުގައި مَفْهُومُ الـمُخَالَفَة އަކީ ޙުއްޖަތެއް ނޫނެވެ. ސަބަބަކީ، އެ ގޮތަށް ބަޔާންވެފައި އެ ވަނީ ގިނަ ފަހަރަށް ބިނާކޮށް ކަމުގައި ވާތީއެވެ. މިއީ، އުޞޫލީ ޢިލްމުވެރިން ކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.
މިއާ ޚިލާފަށް، އިމާމުލްޙަރަމައިނި އަލްޖުވައިނީގެ ނަޒަރުގައި، مَفْهُومُ الـمُخَالَفَة ހިމެނެނީ، ލަފްޒުން ލާޒިމު ކުރާ އަދި ލަފްޒުން ދަލީލުކޮށްދޭ ގޮތްތަކުގެ ތެރޭގައެވެ. އެހެންކަމުން، ގިނަ ފަހަރަށް ކަން އޮންނަ ގޮތާ އެއްގޮތަށް އޮތުމަކުން، مَفْهُومُ الـمُخَالَفَة އަށް އެ ތަނުގައި ޢަމަލު ކުރުން މަނާވެގެނެއް ނުދާނެއެވެ. އެހެންނަމަވެސް، ތަޠުބީޤު ކުރުންތަކުގައި، ގިނަ ފަހަރަށް ކަން އޮންނަ ގޮތާ އެއްގޮތަށް އޮތުމީ، މަފްހޫމް ވެއްޓިގެންދާ ކަމެއްގެ ގޮތުގައި އެ ބޭފުޅާ ވެސް ލައްވާފައި ވެއެވެ. އަދި އަލްޢިއްޒު ބްނު ޢަބްދިއްސަލާމް ވެސް މިފަދައިން ވިދާޅުވެފައި ވެއެވެ. އަދި ގިނަ ފަހަރަށް ކަން އޮންނަ ގޮތާ އެއްގޮތަށް ބަޔާންވެފައި އޮވެއްޖެނަމަ، އެ ނޫން ހާލަތްތަކުގައި އެ ޙުކުމް ނަފީ ވުން މާ އައުލާކަން ބޮޑުކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
ދެން ފަހެ، ޤައިދެއް ނުވަތަ ސިފައެއް ނުވަތަ ޝަރުޠެއް އެއީ ގިނަ ފަހަރަށް ކަން އޮންނަ ގޮތާ އެއްގޮތަށް ނުވަތަ ގިނަ ފަހަރަށް ކަން އޮންނަ ގޮތަށް ބިނާކޮށް އޮތް އެއްޗެއްކަމަށް ނިންމުމުގައި ބަރޯސާވާންޖެހޭނީ، ވަޙީބާވައިލެއްވުނު ޒަމާނަށެވެ. އެހެންކަމުން، އެ ޒަމާނުގެ ވެށީގައި ގިނަ ފަހަރަށް ކަން ކުރެވޭ ގޮތްތައް ހޯދައި ބެލުން މުޖުތަހިދު ޢިލްމުވެރިޔާގެ ކިބައިން އެދެވިގެން ވެއެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا الرِّبَا أَضْعَافًا مُضَاعَفَةً) (ސޫރަތު އާލު ޢިމްރާން: 130 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ގިނަގުނަވެގެންވާ ގުނަތަކެއްގެ ގޮތުގައި ތިޔަބައިމީހުން ރިބާ ނުކާށެވެ!] މި އާޔަތުގައި ރިބާ ނުކާށޭ ވަޙީކުރެއްވިއިރު [ގިނަގުނަވެގެންވާ ގުނަތަކެއްގެ ގޮތުގައި] އޭ ބަޔާންވެފައި އެ ވަނީ، ޖާހިލިއްޔަ ޒަމާނުގައި ޢާއްމުކޮށް ރިބާ ކައިއުޅޭއިރު ޢާއްމުކޮށް ކައިއުޅެނީ އެތަކެއް ގުނައެއް އިތުރުކޮށްގެން ބޮޑެތި އަދަދުތަކުން ކަމުގައި ވާތީ، ގިނަ ފަހަރަށް ކަން އޮންނަ ގޮތަށް ބިނާކޮށެވެ. އެހެންކަމުން، އާޔަތުގައި އެ ވަނީ، އެ ޒަމާނުގައި ރިބާ ކައިއުޅޭ ގޮތުގެ ސިފަކުރުމެކެވެ. އެ ސިފައިން ސިފަކުރެވިފައި އެ ވަނީ، އެ ސިފައިން ރިބާގެ ޙުކުމް ޤައިދު ކުރުމުގެ ގޮތަކުން ނޫނެވެ. (އެބަހީ، ރިބާ ޙަރާމް ވާނީ ގިނަގުނަކޮށް ކާނަމަ އެކަންޏޭ ބަޔާން ކުރުމުގެ ގޮތަކުންނެއް ނޫނެވެ.) އެހެންވެ، ރިބާގެ މަދު މިންވަރާއި ގިނަ މިންވަރު ވެސް ޙަރާމްވެގެން ވާކަމަށް ޢިލްމުވެރިން އިޖުމާޢުވެވަޑައިގެންފައި ވެއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =