134ވަނަ ޤަވާޢިދު (ޖުމްލަ 189): مَا خَرَجَ جَوَابًا لِسُؤَالٍ لَا مَفْهُومَ لَهُ
މި ޤަވާޢިދުގެ ތަރުޖަމާ: {ސުއާލެއްގެ ޖަވާބުގައި ނުކުތް އެތީގައި މަފްހޫމެއް ނުވޭ}
މި ޤަވާޢިދުގެ މުރާދު: މިއީ، مَفْهُومُ الـمُخَالَفَة އަކީ ޙުއްޖަތެއް ކަމުގައި ވިދާޅުވާ ބޭފުޅުން، އެއަށް ޢަމަލު ކުރުމަށްޓަކައި ކަނޑައެޅުއްވި ޝަރުޠުތަކުގެ ތެރެއިން، [މަންޠޫޤުގެ ޙުކުމް އެއާ ގުޅުވައިލެވުނުހިނދު އެ ޚާއްޞަކޮށް ބަޔާންކުރުމުގައި ފައިދާއެއް ފެންނަން ނެތުން] އާ ގުޅިފައިވާ ޤަވާޢިދެކެވެ. މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، ޤުރުއާނުގެ ނުވަތަ ސުންނަތުގެ ނައްޞުތަކުގައި مَفْهُومُ الـمُخَالَفَة ގެ ޒަރީއާއިން ނެރެވިފައިވާ ޙުކުމެއް ވާރިދުވެއްޖެނަމަ، އަދި އެ މަފްހޫމް އައިސްފައި ވަނީ، ވަކި ސުއާލެއްގެ ޖަވާބުގެ ގޮތުން ކަމުގައި ވާނަމަ، އެ މަފްހޫމަކީ އެއަށް ބަރޯސާވެވޭނޭ އެއްޗެއް ނޫނެވެ. އަދި އެއީ ޙުއްޖަތަކަށް ވެސް ނުވާނެއެވެ. މިއީ، مَفْهُومُ الـمُخَالَفَة އަކީ ޙުއްޖަތެއް ކަމުގައި ވިދާޅުވާ ބޭފުޅުންގެ މެދުގައި އިއްތިފާޤުވެވިފައިވާ ކަމެކެވެ.
މި ޤަވާޢިދުގެ މިސާލަކީ، އަބޫ ހުރައިރާ ރަޟިޔަ ﷲ ޢަންހުގެ ފަރާތްޕުޅުން އެ ބޭފުޅާ ވިދާޅުވިކަމަށް ރިވާވެފައިވާ އަންނަނިވި ރިވާޔަތެވެ. [سَأَلَ رَجُلٌ النَّبِىَّ -صلى الله عليه وسلم- فَقَالَ: يَا رَسُولَ اللَّهِ إِنَّا نَرْكَبُ الْبَحْرَ وَنَحْمِلُ مَعَنَا الْقَلِيلَ مِنَ الْمَاءِ فَإِنْ تَوَضَّأْنَا بِهِ عَطِشْنَا أَفَنَتَوَضَّأُ بِمَاءِ الْبَحْرِ، فَقَالَ رَسُولُ اللَّهِ -صلى الله عليه وسلم-: ((هُوَ الطَّهُورُ مَاؤُهُ الْحِلُّ مَيْتَتُهُ))] މާނައީ: [މީހަކު ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ކުރެން އެއްސެވިއެވެ: އޭ ﷲ ގެ ރަސޫލާއެވެ! އަޅުގަނޑުމެން ކަނޑުގައި ދަތުރުކޮށް އުޅެމުއެވެ. އަދި ފެނުގެ މަދު މިންވަރެއް އަޅުގަނޑުމެންނާ އެކު އުފުލައި އުޅެމުއެވެ. އެއިން އަޅުގަނޑުމެން ވުޟޫކޮށްފިނަމަ، ބޯފެނަށް ޖެހިދާނެއެވެ. އަޅުގަނޑުމެން ކަނޑުފެނުން ވުޟޫކުރަންތޯއެވެ؟ އެހިނދު ރަސޫލުﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ: [އެއީ އޭގެ ފެން ޠަހޫރު، އޭގެ މުޅަތަކެތި ޙަލާލު އެއްޗެކެވެ.]] މި ޙަދީޘުގައިވާ الطَّهُورُ مَاؤُهُ (އޭގެ ފެން ޠަހޫރު) ގައި މަފްހޫމެއް ނުވެއެވެ. އެހެންކަމުން، ކަނޑުފެން ފިޔަވައި ކަނޑުގައިވާ އެހެން ތަކެތީގެ ޠަހޫރުކަން އެއިން ނަފީ ވެގެނެއް ނުދާނެއެވެ. ސަބަބަކީ، އެ ގޮތަށް ބަޔާންވެފައި އެ ވަނީ، ކަނޑުފެނުގެ ޠަހޫރުކަމާ ގުޅޭ ގޮތުން ޝައްކުވީ މީހަކު ކުރި ސުއާލެއްގެ ޖަވާބުގައި، ކަނޑުގައިވާ ތަކެތީގެ ޠަހޫރުކަން ހަމައެކަނި ކަނޑުފެނަށް ހަނިކުރުމުގެ މަޤްޞަދު ނެތި ކަމަށް ވާތީއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =