147ވަނަ ޤަވާޢިދު (ޖުމްލަ 189): الإِضَافَةُ تَقْتَضِي الاِخْتِصَاصَ
މި ޤަވާޢިދުގެ ތަރުޖަމާ: {إِضَافَة އިން ލާޒިމު ކުރަނީ، އިޚްތިޞާޞްވުން}
މި ޤަވާޢިދުގެ މުރާދު: ޝަރުޢުކުރައްވާ ފަރާތުގެ އެންގެވުމުގައިވާ ވާހަކައެއްގައި، ނުވަތަ މީސްތަކުން އެއް ބަޔަކު އަނެއް ބަޔަކާ ދައްކާ ވާހަކަތަކުގައިވާ ވާހަކައެއްގައި، إِضَافَة އެއް އަތުވެއްޖެނަމަ، އެއިން އެނގެނީ، އޭގައިވާ الـمُضَافُ إِلَيْهِ އިން الـمُضَافُ އިޚްތިޞާޞްވެފައި ވާކަމެވެ. ސަބަބަކީ، إِضَافَة ގެ ބޭނުމަކީ، الـمُضَافُ إِلَيْهِ އިން الـمُضَافُ މަޢުރިފާ ކުރުން ކަމުގައި ވާއިރު، އިޚްތިޞާޞްވެގެން މެނުވީ މަޢުރިފާ ނުކުރެވޭނެތީއެވެ.
ދެން ފަހެ، އިޚްތިޞާޞްގެ އިޞްޠިލާޙީ މާނައަކީ، އެއްޗެއްގެ ބައެއް، އޭގައި އެހެން އެއްޗެހި ޖުމްލަގޮތެއްގައި ބައިވެރި ނުވާނޭހެން އެކަހެރިވުމެވެ. އަދި އިޚްތިޞާޞްގެ ޢާއްމު މާނައިގެ ތެރެއަށް، މިލްކުވެރިކަމާއި ޙައްޤުވެރިކަން ވަދެއެވެ.
މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((صَلاَةٌ فِي مَسْجِدِي هَذَا أَفْضَلُ مِنْ أَلْفِ صَلاَةٍ فِيـمَا سِوَاهُ إِلَّا الـمَسْجِدَ الـحَرَامَ)) މާނައީ: [އަހުރެންގެ މި މިސްކިތްކޮޅުގައި (އެބަހީ، މަސްޖިދުއްނަބަވީގައި) ކުރާ ނަމާދު، އެހެން މިސްކިތެއްގައި ކުރާ ނަމާދަށްވުރެ އެއް ހާސް ގުނައަށް މާތްކަން ބޮޑުވެގެން ވެއެވެ. އަލްމަސްޖިދުލްޙަރާމް މެނުވީއެވެ.] މި ޙަދީޘުގައި، މާތްކަން އެ ވަނީ، އެ ކަލޭގެފާނުގެ މިސްކިތުގައި ކުރާ ނަމާދާ ގުޅުވައިލައްވާފައެވެ. މިއިން ދަލީލުކޮށްދެނީ، އެ މިސްކިތްކޮޅަށް ލިބިފައިވާ މާތްކަމުގެ އިޚްތިޞާޞެވެ. (އެބަހީ، ޚާއްޞަ ކަމެވެ.) އެ އިޚްތިޞާޞްގެ ތެރެއަށް، އަލްމަސްޖިދުލްޙަރާމް ފިޔަވައި، އެހެން އެއްވެސް މިސްކިތެއް ނުވަންނާނެ ކަމެވެ. އެހެނީ، إِضَافَة އިން ލާޒިމު ކުރަނީ، އިޚްތިޞާޞްވުމެވެ.
148ވަނަ ޤަވާޢިދު (ޖުމްލަ 189): إِذَا اجْتَمَعَ الـمُذَكَّرُ وَالـمُؤَنَّثُ غُلِّبَ الـمُذَكَّرُ
މި ޤަވާޢިދުގެ ތަރުޖަމާ: {مُذَكَّـر އާއި مُؤَنَّث އެއްތަންވެއްޖެނަމަ، مُذَكَّـر ގަދަކުރެވޭނެ}
މި ޤަވާޢިދުގެ މުރާދު: ޢަރަބިބަހުގައި ލަފްޒުތައް ހުންނަނީ ފިރިހެނުންނަށް ބޭނުންކުރާއިރު ވަކި ގޮތަކަށް، އަދި އަންހެނުންނަށް ބޭނުންކުރާއިރު ވަކި ގޮތަކަށެވެ. ފިރިހެނުންނަށް ބޭނުންކުރާ ގޮތަށް مُذَكَّـر އޭ (ފިރިހެން ގޮތޭ) ކިޔެއެވެ. އަދި އަންހެނުންނަށް ބޭނުންކުރާ ގޮތަށް مُؤَنَّث އޭ (އަންހެން ގޮތޭ) ކިޔެއެވެ. ކޮންމެއަކަސް، ފިރިހެނުންގެ ޖަމާޢަތަކަށް ޚާއްޞަކޮށް ބޭނުންކުރެވޭ، އަދި އޭގެ މުފްރަދު އަންހެނުންނަށް ބޭނުންކުރުން ޞައްޙަ ނޫން ޖަމްޢު ލަފްޒުގައި (މިސާލަކަށް، الرِّجَالُ ނުވަތަ ފިރިހެނުން) އަންހެނުން ނުހިމެނޭކަމާ މެދު އުޞޫލީ ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވަތެވެ. ހަމައެގޮތަށް، އަންހެނުންގެ ޖަމާޢަތަކަށް ޚާއްޞަކޮށް ބޭނުންކުރެވޭ، އަދި ފިރިހެނުންނަށް އެ ލަފްޒު ބޭނުންކުރުން ޞައްޙަ ނޫން ޖަމްޢު ލަފްޒުގައި (މިސާލަކަށް، النِّسَاءُ ނުވަތަ އަންހެނުން) ފިރިހެނުން ނުހިމެނޭނެކަމާ މެދު ވެސް އެ ބޭފުޅުން އިއްތިފާޤުވެވަޑައިގަންނަވަތެވެ. އަދި ހަމައެގޮތަށް، އޭގެ މުފްރަދު ފިރިހެނުންނަށާއި އަންހެނުންނަށް ވެސް ބޭނުންކުރުން ޞައްޙަވެގެންވާ ޖަމްޢު ލަފްޒުގައި (މިސާލަކަށް، النَّاسُ ނުވަތަ މީސްތަކުން) ފިރިހެނުންނާއި އަންހެނުން ވެސް ހިމެނޭކަމާ މެދު ވެސް އެ ބޭފުޅުން އިއްތިފާޤުވެވަޑައިގަންނަވަތެވެ. އެހެންނަމަވެސް، އެއަށްފަހު، އެ ބޭފުޅުންގެ ތެރޭގައި ރައުޔުތަފާތުވުން އުފެދިފައިވަނީ، އޭގެ މުފްރަދަށް ތާ އަކުރެއް އިތުރުކޮށް އަންހެނުންނަށް ބޭނުންކުރުން ޞައްޙަ، مُذَكَّـر ގެ އަލާމާތަކުން އޮންނަ ޖަމްޢު ލަފްޒުގެ ތެރެއަށް އަންހެނުން ވަންނާނެކަމާ މެދުގައެވެ.
މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، އޭގެ މުފްރަދު ލަފްޒު ބޭނުންކުރާއިރު ފިރިހެނުންނަށް ބޭނުންކުރާ ލަފްޒަށް ތާ އަކުރެއް އިތުރުކޮށްގެން އަންހެނުންނަށް ވެސް އެ ބޭނުންކުރެވިދާނޭ، مُذَكَّـر ގެ އަލާމާތަކުން އޮންނަ ޖަމްޢު ލަފްޒުގައި (މިސާލަކަށް، الـمُؤْمِنِيْن ނުވަތަ މުއުމިނުން)، އަދި ހަމައެފަދައިން، ފިރިހެނުންގެ ޖަމާޢަތަކަށް ބޭނުންކުރެވޭ ޟަމީރުތަކުގައި (މިސާލަކަށް، اِفْعَلُوا ނުވަތަ ތިޔަބައިމީހުން ކުރާށޭ) ފިރިހެނުންގެ އިތުރުން އަންހެނުން ވެސް ހިމެނޭ ކަމުގައެވެ. އެއީ، ގިނަ ފަހަރަށް އެ ގޮތަށް ބޭނުންކުރެވޭތީ، އަންހެން ގޮތުގެ މައްޗަށް ފިރިހެން ގޮތް ގަދަވެގަންނާތީއެވެ. އެއީ، އެ ލަފްޒު އެ މާނައެއްގައި އުފަންކުރެވިފައިވާ މާނައަށް ބިނާކޮށެއް ނޫނެވެ. މިއީ، ޙަނަފީންނާއި، ބައެއް މާލިކީންނާއި، ޝާފިޢީންނާއި، ގިނަ ޙަންބަލީންނާއި އަދި އިބްނު ޙަޒްމުގެ ރައުޔެވެ.
މިއާ ޚިލާފަށް، އުޞޫލީ ޢިލްމުވެރިން ކުރެ ބައެއް ބޭފުޅުންގެ ނަޒަރުގައި، مُذَكَّـر ގެ ޖަމްޢުގައި އަންހެނުންނެއް ނުހިމެނޭނެއެވެ. އަދި މިއީ ގިނަ ބޭފުޅުންގެ ރައުޔުކަމަށް އައްޒަރުކަޝީ ވިދާޅުވެފައި ވެއެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (لِيُذْهِبَ عَنْكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا) (ސޫރަތުލްއަޙްޒާބު: 33 ވަނަ އާޔަތުގެ އެއްބައި) މާނައީ: […ތިޔަބައިމީހުންގެ ކިބައިން ފާފަތައް ދުރުކުރައްވައި، ފުރިހަމަ ޠާހިރުކުރެއްވުމަކުން ތިޔަބައިމީހުން ޠާހިރުކުރެއްވުމަށެވެ.] މި އާޔަތަށް ބިނާކޮށް، ބައެއް ޢިލްމުވެރިންގެ އަރިހުގައި، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަނބިއަނބިކަނބަލުން ހިމެނިވަޑައިގަންނަވާނީ އެ ކަލޭގެފާނުގެ އަހުލުބައިތުންގެ ތެރޭގައެވެ. އަދި މި އާޔަތުގައި ފިރިހެންކޮށް ލަފްޒުތައް ގެންނަވާފައި އެ ވަނީ، އެ ލަފްޒުތަކުން ފިރިހެނުންނާއި އަންހެނުންނަށް ވެސް ނިސްބަތްކުރެވޭނެތީ، އެ ހާލަތުގައި ފިރިހެނުންނަށް ބޭނުންކުރާ ގޮތް ގަދަކުރެވޭނެތީއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =