149ވަނަ ޤަވާޢިދު (ޖުމްލަ 189): النَّكِرَةُ وَالـمَعْرِفَةُ إِذَا أُعِيْدَتَا مَعْرِفَةً كَانَتَا عَيْنَ الأُوْلَى، وَإِذَا أُعِيْدَتَا نَكِرَةً كَانَتَا غَيْرَ الأُوْلَى
މި ޤަވާޢިދުގެ ތަރުޖަމާ: {މަޢުރިފާއެއްގެ ގޮތަށް ނަކިރާއާއި މަޢުރިފާ އިޢާދަވެއްޖެނަމަ، އެއީ ފުރަތަމަ އޮތް އެތި، އަދި ނަކިރާއެއްގެ ގޮތަށް އެ ދޭތި އިޢާދަވެއްޖެނަމަ، އެއީ ފުރަތަމަ އޮތް އެއްޗެއް ނޫން}
މި ޤަވާޢިދުގެ މުރާދު: ވާހަކައެއްގައި ނަކިރާ ލަފްޒެއް އައިސްފައި، އެއާ عَطْفُ ކުރެވިގެން (އެބަހީ، [އަދި] ފަދަ ޙަރުފެއް ބޭނުންކޮށްގެން ގުޅުވައިލެވިގެން)، އެ މާނައިގައިވާ އެފަދަ އެހެން ލަފްޒެއް އަތުވެއްޖެނަމަ، އެއް ގޮތަކީ، އެ ދެވަނަ ލަފްޒަކީ މަޢުރިފާ ލަފްޒަކަށް ވުމެވެ. އަނެއް ގޮތަކީ، އެއީ ވެސް ނަކިރާ ލަފްޒަކަށް ވުމެވެ. އިޢާދަކުރެވިފައިވާ އެ ދެވަނަ ލަފްޒަކީ މަޢުރިފާއަކަށް ވާނަމަ، އެއީ ހަމަ ފުރަތަމަ ނަކިރާއެވެ. އަދި އިޢާދަކުރެވިފައިވާ އެ ދެވަނަ ލަފްޒަކީ ނަކިރާއަކަށް ވާނަމަ، އެއީ ފުރަތަމަ ނަކިރާ ނޫން އެހެން އެއްޗެކެވެ.
މިއާ ޚިލާފަށް، ވާހަކައެއްގައި މަޢުރިފާ ލަފްޒެއް އައިސްފައި، އެއާ عَطْفُ ކުރެވިގެން، އެއާ އެއް މާނައެއް ދޭހަކޮށްދޭ މަޢުރިފާއެއް އިޢާދަވެގެން އައިސްފައިވާނަމަ، އެއީ ހަމަ ފުރަތަމަ ވެސް އޮތް މަޢުރިފާއެވެ. އެހެންނަމަވެސް، އިޢާދަވެގެން އައީ ނަކިރާއެއް ކަމުގައި ވާނަމަ، އެއީ ފުރަތަމަ އެ އޮތް މަޢުރިފާ ނޫން އެހެން އެއްޗެކެވެ. މި ނޫން ގޮތަކަށް އަނބުރައިލެވޭނީ ޤަރީނާއެއް ލިބިގެންނެވެ. މިއީ، ޢިލްމުވެރިންގެ ތެރޭގައި އިއްތިފާޤުވެވިފައިވާ ކަމެކެވެ. މަޢުރިފާ ލަފްޒެއް ނަކިރާކޮށް އިޢާދަވެއްޖެ ހާލަތް މެނުވީއެވެ. އެ ހާލަތާ ގުޅޭ ގޮތުން ދެ ރައުޔެއް ވެއެވެ. އެ ތަނުން އެންމެ ޞައްޙަ ރައުޔަކީ މި ޤަވާޢިދާ އެއްބަސްވާ ރައުޔެވެ. އެއީ، އެ ނަކިރާއަކީ އެ މަޢުރިފާ ނޫން އެހެން އެއްޗެކެވެ.
ދެން ފަހެ، ނަކިރާއަކީ، ޢައްޔަނުވެގެން ނުވާ އެކަކަށް ދަލީލުކޮށްދޭ ނަމެވެ. އަދި މަޢުރިފާއަކީ، ކަނޑައެޅި ޢައްޔަނުވެގެންވާ ވަކި އެއްޗަކަށް ދަލީލުކޮށްދޭ ނަމެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (كَمَا أَرْسَلْنَا إِلَى فِرْعَوْنَ رَسُولاً * فَعَصَى فِرْعَوْنُ الرَّسُولَ) (ސޫރަތުލްމުއްޒައްމިލް: 15 ވަނަ އާޔަތާއި 16 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ފިރުޢައުނުގެ ގާތަށް ތިމަން ރަސްކަލާނގެ ރަސޫލަކު ފޮނުއްވި ފަދައިންނެވެ. ފަހެ، ފިރުޢައުނު، ރަސޫލާއަށް އުރެދުނެވެ.] މި އާޔަތުގައި ފުރަތަމަ އެވާ [رَسُولًا] އެ ވަނީ ނަކިރާކޮށެވެ. އެއަށްފަހު އެ ލަފްޒު އެ ވަނީ މަޢުރިފާއެއްގެ ގޮތަށް އަލުން އިޢާދަވެފައެވެ. އެހެންކަމުން، ދެވަނައަށް އެވާ [الرَّسُولَ] އަކީ ވެސް ހަމަ ފުރަތަމަ އެވާ [رَسُولًا] އެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =