[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 141

151ވަނަ ޤަވާޢިދު (ޖުމްލަ 189): الـمُحَلَّى بِـ (أَل) إِن احْتَمَلَ العَهْدَ وَغَيْرَهُ حُمِلَ عَلَى العَهْدِ

މި ޤަވާޢިދުގެ ތަރުޖަމާ: {އަލިފުލާމާއެކު އޮންނަ ލަފްޒުން އެ ޒަމާނަށާއި އެ ނޫން ޒަމާނަށް އިޙްތިމާލު އުފެދޭނަމަ، އެ ޒަމާނަށް ނެގޭނެ}

މި ޤަވާޢިދުގެ މުރާދު: އަލިފުލާމާއެކު ލަފްޒެއް ވާރިދުވެފައިވާއިރު، އެ ލަފްޒުން މުރާދުވެވިފައި ވަނީ އެ ޒަމާނަށް ކަމުގައި ދަލީލަކުން ދަލީލުކޮށް ނުދޭނަމަ، އަދި އަދި އެ ލަފްޒު ބޭނުންކުރެވިފައި ވަނީ ވަކި ޖިންސަކަށް ކަމާ މެދު ނުވަތަ އިސްތިޣްރާޤަށް (އެބަހީ، އޭގައި ހިމެނުން އެކަށީގެންވާ ހުރިހާ އަފުރާދުން އޭގައި ހިމެނޭނޭހެން) ކަމާ މެދު ދަލީލެއް ނެތްނަމަ، އަދި އެ ލަފްޒުގައި ބޭނުންކުރެވިފައިވާ އަލިފުލާމަކީ އެ ޒަމާނަށް ނުވަތަ އެ ނޫން ޒަމާނަކަށް ބޭނުންކުރެވިފައިވާ އެއްޗެއްކަމާ މެދު އިޙްތިމާލު އުފެދި ދެކޮޅަށް ކިރޭ ގޮތް ވެއްޖެނަމަ، އެއިން ނެގޭނީ އެއީ އެ ޒަމާނަށް އޮތް ލަފްޒެއް ކަމުގައެވެ. ސަބަބަކީ، އެ ޒަމާނަށް އޮތްކަމަށް އިޙްތިމާލު އުފެދުމީ، އެ ލަފްޒުން އެދެވިފައިވަނީ އެ ޒަމާންކަން ދޭހަކޮށްދޭ ޤަރީނާއެއް ކަމުގައި ވާތީއެވެ. މިއީ، އަލްއިސްނަވީ ބަޔާންކުރައްވާފައިވާ ޤަވާޢިދެކެވެ.

ދެން ފަހެ، މި ޤަވާޢިދު ބޭނުންކުރެވޭނީ، އެ ލަފްޒުން އެ ޒަމާނަށް ނުވަތަ އެހެން ޒަމާނަކަށް ދަލީލުކޮށްދޭ ޤަރީނާއެއް ނެތިފައި ދެކޮޅަށް ކިރޭ ކަމުގައި ވާނަމައެވެ. މިއާ ޚިލާފަށް، އެ ލަފްޒަކީ އެ ޒަމާނަށް ބޭނުންކުރެވިފައިވާ ލަފްޒެއްކަން ދޭހަކޮށްދޭ ޤަރީނާއެއް ލިބިއްޖެނަމަ، އެ ލަފްޒުން ޤަޠުޢީކޮށް ނެގޭނީ އެ ޒަމާނުގެ މާނައެވެ. އަދި އެ ލަފްޒަކީ އެ ޒަމާން ނޫން އެހެން ޒަމާނަކަށް ބޭނުންކުރެވިފައިވާ ލަފްޒެއްކަން ދޭހަކޮށްދޭ ޤަރީނާއެއް ލިބިއްޖެނަމަ، އެ ލަފްޒުން ޤަޠުޢީކޮށް ނެގޭނީ އެ ޒަމާނެއްގެ މާނައެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَقَالَتِ الْيَهُودُ لَيْسَتِ النَّصَارَى عَلَىَ شَيْءٍ وَقَالَتِ النَّصَارَى لَيْسَتِ الْيَهُودُ عَلَى شَيْءٍ وَهُمْ يَتْلُونَ الْكِتَابَ) (ސޫރަތުލްބަޤަރާ: 113 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ޔަހޫދީން ބުނެފޫއެވެ. ނަޞާރާއިން ތިބީ އެއްވެސް ގޮތެއްގެ މައްޗަކު ނޫނެވެ. އަދި ނަޞާރާއިން ބުނެފޫއެވެ. ޔަހޫދީން ތިބީ އެއްވެސް ގޮތެއްގެ މައްޗަކު ނޫނެވެ. (އެއުރެން އެހެން އެ ބުނަނީ) އެއުރެން ފޮތް (އެބަހީ، ތައުރާތާއި އިންޖީލް) ކިޔަވައިއުޅޭ ހާލުގައެވެ.] މި އާޔަތުގައި އެވާ اليَـهُودُ އާއި النَّصَارَى ގައި އެވާ އަލިފުލާމުން، އޭގެ މުރާދަކީ ޢާއްމުކޮށް ހުރިހާ ޔަހޫދީންނާއި ޢާއްމުކޮށް ހުރިހާ ނަޞާރާއިން ކަމުގެ އިޙްތިމާލު އުފެދެއެވެ. އެހެންވެއްޖެނަމަ، އެ އަލިފުލާމު ބޭނުންކުރެވިފައި އެ ވަނީ، އެންމެން އޭގައި ޝާމިލުވާނޭހެން މުޅި ޖިންސަށެވެ. އަދި އެ އަލިފުލާމުން، އޭގެ މުރާދަކީ އޭރު މަދީނާގައި އުޅުނު ޔަހޫދީންނާއި އޭރު ނަޖުރާންގައި އުޅުނު ނަޞާރާއިން ކަމުގެ އިޙްތިމާލު ވެސް އުފެދެއެވެ. އެގޮތުން، މަދީނާގެ ޔަހޫދީން، ޢީސާ ޢަލައިހިއްސަލާމުގެ ނަބީކަމަށާއި އެ ކަލޭގެފާނަށް ބާވައިލެއްވުނު އިންޖީލަށް އިންކާރުކުރީއެވެ. އަދި ނަޖުރާނުގެ ނަޞާރާއިން، މޫސާ ޢަލައިހިއްސަލާމުގެ ނަބީކަމަށާއި އެ ކަލޭގެފާނަށް ބާވައިލެއްވުނު ތައުރާތަށް އިންކާރުކުރީއެވެ. އެހެންވެއްޖެނަމަ، އެ އަލިފުލާމު ބޭނުންކުރެވިފައި އެ ވަނީ، އެ ޒަމާނަށެވެ. އަދި މި ޤަވާޢިދުގައި ވެސް ބުނަނީ އެ ހާލަތުގައި އެ ޒަމާނަށް އެ ލަފްޒު ނެގުމަށެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =