[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 142

152ވަނަ ޤަވާޢިދު (ޖުމްލަ 189): الـمُتَرَادِفَانِ يَصِحُّ إِطْلَاقُ كُلِّ وَاحِدٍ مِنْهُمَا مَكَانَ الآخَرِ

މި ޤަވާޢިދުގެ ތަރުޖަމާ: {އެއް މާނައެއް ދޭހަކޮށްދޭ ދެ ލަފްޒުންކުރެ ކޮންމެ ލަފްޒެއް ވެސް އަނެއް ލަފްޒު އޮންނަ ތަނުގައި ބޭނުންކުރުން ޞައްޙަ}

މި ޤަވާޢިދުގެ މުރާދު: ވަކި ތަރުކީބެއްގައި (ވަކި ގޮތަކަށް ޢިބާރާތްތަކެއް ގޮތަށް އަތުރައިލެވިފައިވާ ތަނެއްގައި) ދެ ލަފްޒުންކުރެ ލަފްޒަކުން މޮށުން ޞައްޙަވެއްޖެނަމަ، ހަމަ އެ ތަނުގައި އަނެއް ލަފްޒުން ވެސް މޮށުން ޞައްޙަވުން ލާޒިމެވެ. އެއީ، އެ ދެ ލަފްޒު އޮތީ އެއް ބަހަކުން ކަމުގައި ވިޔަސް، ނުވަތަ ދެ ބަހަކުން ކަމުގައި ވިޔަސް މެއެވެ. ސަބަބަކީ، އެ ދޭތީގެ މާނަ ވެސް އެއްގޮތްވާތީއެވެ. މިއީ، އިބްނުލްޙާޖިބާއި އިބްނު މުފްލިޙާއި އައްތާޖުއް ސުބުކީއާއި އިބްނުއްނައްޖާރާއި އަދި އެހެން ބައެއް ބޭފުޅުންގެ ރައުޔެވެ. އަދި މީގެ ތެރެއިން އިބްނުއްސުބުކީފަދަ ބައެއް ބޭފުޅުން ޤައިދެއް އިތުރުކުރައްވައެވެ. އެ ޤައިދަކީ، އެ ތަނުން ވަކި ލަފްޒެއް ބޭނުންކުރުމީ، ނަމާދުގައި ތަކުބީރު ކިޔުންފަދަ ތަޢައްބުދީ (އަޅުކަމުގެ ތެރޭގައި ހިމެނޭ އަދި އޭގެ ސަބަބު ނޭނގޭ) ކަމެއް ކަމުގައި ނުވުމެވެ. މި ޤައިދު އިތުރުނުކުރައްވާ ބޭފުޅުންގެ ނަޒަރުގައި، މި ޤަވާޢިދުގައި ވާހަކަ މި ދެކެވެނީ ބަހަވީ ގޮތުން ކަން އޮންނަ ގޮތާ ގުޅޭ ގޮތުން ކަމުގައިވެފައި، ޝަރުޢީ ގޮތުން ހުށަހެޅިގަންނަ ކަމަކާ ގުޅޭ ގޮތުން ނޫންކަމުން، އެ ޤައިދު އިތުރުކުރުމުގެ މާނައެއް ނެތެވެ.

މިއާ ޚިލާފަށް، އައްރާޒީއާއި އަލްއިސްނަވީގެ ނަޒަރުގައި، އެއް މާނައެއް ދޭހަކޮށްދޭ ދެ ލަފްޒުންކުރެ އެއް ލަފްޒު، އަނެއް ލަފްޒު އޮންނަ ތަނުގައި ބޭނުންކުރުން ޞައްޙަވެގެން ނުވެއެވެ.

އަދި މިއާ ޚިލާފަށް، އަލްބައިޟާވީއާއި އައްޞަފިއްޔުލް ހިންދީގެ ނަޒަރުގައި، އެ ދެ ލަފްޒަކީ އެއް ބަހަކުން އޮތް ދެ ލަފްޒުކަމުގައި ވާނަމަ، އެއް ލަފްޒު އަނެއް ލަފްޒު އޮންނަ ތަނުގައި ބޭނުންކުރުން ޞައްޙަވެގެން ވެއެވެ.

ދެން ފަހެ، އިބްނުލްޙާޖިބާއި އަލްބައިޟާވީއާއި އެ ނޫން ވެސް ޖަމާޢަތެއްގެ ބޭފުޅުން ވިދާޅުވެފައިވާ ގޮތުން، މި ޤަވާޢިދުގެ ދަށުން ރައުޔުތަފާތުވުން އުފެދިފައި އެ ވަނީ، ތަރުކީބުކުރެވިފައިވާ ހާލަތާ ގުޅޭ ގޮތުންނެވެ. މިއާ ޚިލާފަށް، އިފްރާދުކޮށް (އެކަހެރިކޮށް) އޮންނަ ހާލަތުގައި އަނެއް ލަފްޒު ބޭނުންކުރުން ހުއްދަވުމާ މެދު އެއްވެސް ރައުޔުތަފާތުވުމެއް ނެތެވެ.

މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَقُولُوا لاَ إِلَهَ إِلاَّ اللَّهُ)) މާނައީ: [لاَ إِلَهَ إِلاَّ اللَّهُ ކިޔުމަށް ދާންދެން މީސްތަކުންނާ ހަނގުރާމަކުރުމަށް އަހުރެންނަށް އަމުރުވެވިގެން ވެއެވެ.] މި ޙަދީޘުން ލާޒިމު ކުރަނީ، މި ލަފްޒު ކިޔުމެވެ. އެހެންނަމަވެސް، ބައެއް ޝާފިޢީންގެ ނަޒަރުގައި، لاَ إِلَهَ إِلاَّ اللَّهُ ގެ މަޤާމުގައި އެ މާނަ ދޭހަކޮށްދޭ އެހެން ލަފްޒުތައް ވެސް އޮންނާނެއެވެ. އެހެންކަމުން، [لَا إِلَـهَ غَيْـرُ الله] (ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވޭ) އާއި [لَا إِلَـهَ إِلَّا الرَّحْمَن] (އައްރަޙްމާން މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވޭ) ފަދަ ލަފްޒުތައް ބޭނުންކުރުމުން ވެސް އިސްލާމްވީ ކަމުގައި ބެލެވޭނެތެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =