153ވަނަ ޤަވާޢިދު (ޖުމްލަ 189): حَصْرُ الـمُبْتَدَأِ فِي الـخَبَـرِ يُـفِيْدُ الـحَصْرَ
މި ޤަވާޢިދުގެ ތަރުޖަމާ: {ޚަބަރުގައިވާ ފެށުން ހަނިކުރެވިފައިވުމުން، ހަނިކުރެވިފައިވުމުގެ މާނަ ލިއްބައިދޭ}
މި ޤަވާޢިދުގެ މުރާދު: ޚަބަރެއްގައިވާ ފެށުން ހަނިކުރެވިފައިވާއިރު، އެ ޚަބަރަކީ އަލިފުލާމާއެކު މަޢުރިފާކުރެވިގެން އޮތް ޚަބަރެއް ކަމުގައި ވިޔަސް، އެއިން ވަކި ޒަމާނަކަށް ދަލީލުކޮށްދޭފަދަ ޤަރީނާއެއް ނެތްނަމަ، އެއީ އެ ޚަބަރުގައިވާ ފެށުން ހަނިކޮށްދޭ އެއްޗެއް ކަމުގައި ބެލެވޭނެތެވެ. މިސާލަކަށް، [العَالِـمُ زَيْدٌ] (ޢިލްމުވެރިޔަކީ ޒައިދު) އޭ ބުނުމެވެ. މި ހާލަތުގައި މާނައަކަށް ވާނީ، ޢިލްމުވެރިޔަކީ އެހެން މީހުން ފިޔަވައި ހަމައެކަނި ޒައިދު ކަމަށް ވުމެވެ. މި މިސާލުގައިވާ ފެށުން (العَالِـمُ) އެ ވަނީ ޢިލްމުވެރިޔާއަށް ހަނިކުރެވިފައެވެ. އެހެންކަމުން، ފެށުމުގައި އެ ގޮތަށް ހަނިކުރެވިފައިވުމުން، އެ ހަނިކުރުން ޒައިދަށް ވެސް ލިބިގެންވަނީއެވެ. މިއީ، އިމާމުލްޙަރަމައިނިއާއި އަލްޣަޒާލީއާއި އިލްކިޔާ އަލްހައްރާސީއާއި އިބްނު ޤުދާމާއާއި އަލްމަޖިދު އިބްނު ތައިމިއްޔާފަދަ އެތަކެއް ބޭފުޅުންނެއްގެ ރައުޔެވެ. އެހެންނަމަވެސް، މީގެ ތެރެއިން އެއްބައި ބޭފުޅުންގެ ނަޒަރުގައި އެ ގޮތަށް ހަނިކުރެވިފައިވުމުގެ މާނަ ލިބުނީ އޭގެ މަންޠޫޤުންނެވެ. އަދި އަނެއްބައި ބޭފުޅުންގެ ނަޒަރުގައި އެ ގޮތަށް ހަނިކުރެވިފައިވުމުގެ މާނަ ލިބުނީ އޭގެ މަފްހޫމުންނެވެ.
މިއާ ޚިލާފަށް، އަލްޤާޟީ އަލްބާޤިއްލާނީއާއި އަލްއާމިދީއާއި ގިނަ ޙަނަފީންގެ ނަޒަރުގައި، އެ ހާލަތުގައި އެ ވާނީ ހަމައެކަނި ޚަބަރަކަށެވެ. އެއަކުން ހަނިކުރެވިފައިވުމުގެ މާނަ ލިއްބައެއް ނުދެއެވެ.
މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((مِفْتَاحُ الصَّلاَةِ الطُّهُورُ وَتَحْرِيْـمُهَا التَّكْبِيرُ وَتَـحْـلِيلُهَا التَّسْلِيمُ)) މާނައީ: [ނަމާދުގެ ތަޅުދަނޑިއަކީ ޠާހިރުކަމެވެ. އަދި އެ ޙަރާމްކުރާ އެއްޗަކީ ތަކުބީރެވެ. އަދި އެ ޙަލާލުކުރާ އެއްޗަކީ ސަލާމެވެ.] އެ ޙަރާމްކުރާ އެއްޗަކީ ތަކުބީރޭ އޮތް ޢިބާރާތުގެ މުރާދަކީ، ނަމާދުގެ ތެރޭގައި ވާހަކަދެއްކުންފަދަ ކަންކަން ކުރުން ޙަރާމްކުރާ އެއްޗަކީ ތަކުބީރެވެ. އަދި އެ ޙަލާލުކުރާ އެއްޗަކީ ސަލާމޭ އޮތް ޢިބާރާތުގެ މުރާދަކީ، ތަކުބީރު ކިޔުމުގެ ކުރިން ޙަލާލު ކަންކަން އަލުން ޙަލާލުކުރާ އެއްޗަކީ ސަލާމްދިނުމެވެ. މި ޙަދީޘަށް ބިނާކޮށް، މާލިކީންނާއި ޝާފިޢީންނާއި ޙަންބަލީންގެ ނަޒަރުގައި، ނަމާދަށް ވަދެގަތުމުގެ ގޮތުން ތަކުބީރުގެ ލަފްޒު (اللهُ أَكْبَرُ) ބޭނުންކުރަންޖެހޭނެއެވެ. އަދި ނަމާދުން ނުކުތުމުގެ ގޮތުން ސަލާމުގެ ލަފްޒު (السَّلَامُ عَلَيْكُـمْ وَرَحْمَةُ اللهِ) ބޭނުންކުރަންޖެހޭނެއެވެ. ސަބަބަކީ، ނަމާދުގެ ތެރޭގައި ކުރުން ޙަރާމް ކަންކަން ޙަރާމްވުން ހަނިކުރެވިފައި އެ ވަނީ ތަކުބީރަށް ކަމުގައި ވާތީއެވެ. އަދި ނަމާދުގެ ތެރޭގައި ކުރުން ޙަރާމް ކަންކަން ޙަލާލުކުރުން ހަނިކުރެވިފައި އެ ވަނީ ސަލާމަށް ކަމުގައި ވާތީއެވެ. އެހެންނަމަވެސް، ޙަނަފީންގެ އަރިހުގައި، ކޮންމެފަދަ ޛިކުރަކުން ވެސް ނަމާދު ފެށިދާނެއެވެ. އެ ބޭފުޅުންގެ ނަޒަރުގައި، ކޮންމެހެން ތަކުބީރު ކިޔާކަށެއް ނުޖެހޭނެއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =