[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 144

154ވަނަ ޤަވާޢިދު (ޖުމްލަ 189): تَقْدِيْـمُ الـمَعْمُولَاتِ عَلَى عَوَامِلِهَا يَدُلُّ عَلَى الـحَصْرِ

މި ޤަވާޢިދުގެ ތަރުޖަމާ: {مَعْمُول ތައް އޭގެ عَامِل ތަކުގެ ކުރިޔަށް އިސްކުރުމުން، ހަނިކުރެވިފައިވުމުގެ މާނަ ލިއްބައިދޭ}

މި ޤަވާޢިދުގެ މުރާދު: مَعْمُول އެއް އޭގެ عَامِل އަށްވުރެ އިސްވެއްޖެނަމަ، އެ އިސްވުމުން ދަލީލުކޮށްދެނީ، އެއިން ހަނިކުރެވިފައިވުމުގެ މާނަ ލިއްބައިދޭކަމެވެ. އެ ގޮތުން، އެ مَعْمُول އެ عَامِل އަށް ހަނިކުރެވިފައިވާ ކަމެވެ. މާނައަކީ، އެ عَامِل އަށް ޙުކުމް ސާބިތުވެފައި، އެ ނޫން ތަކެއްޗަށް އެ ޙުކުމް ނަފީ ވާނެއެވެ. މިއީ، ގިނަ ޢިލްމުވެރިންނަށް އައްސުޔޫޠީ ނިސްބަތްކުރައްވާފައި ރައުޔެކެވެ.

މިއާ ޚިލާފަށް، ގިނަ ޢިލްމުވެރިންނަށް އަލްއިސްނަވީ ނިސްބަތްކުރައްވާފައިވާ ރައުޔެއްގައި ވަނީ، އެއިން ހަނިކުރެވިފައިވުމުގެ މާނަ ލިއްބައި ނުދޭ ކަމުގައެވެ. އެހެނެއްކަމަކު، އެއިން އެނގެނީ، އޭގެ މުހިއްމުކަން އެކަނި ކަމުގައެވެ. އެއިން ހަނިކުރެވިފައިވުމުގެ މާނަ ލިއްބައިދިނަސް ލިއްބައިދޭނީ، އެހެން ޚާރިޖީ ކަމަކާ ގުޅިގެން ކަމުގައެވެ.

ދެން ފަހެ، عَامِل ތަކަކީ، އުބުފިލި ނުވަތަ އަބަފިލި ނުވަތަ އިބިފިލި ނުވަތަ ސުކުން ޖައްސާ އެއްޗެވެ. އަދި مَعْمُول ތަކަކީ، عَامِل ތަކުގެ އަސަރުކޮށްގެން، އޭގެ ފަހު އަކުރު، އުބުފިލިން ނުވަތަ އަބަފިލިން ނުވަތަ ސުކުނުން ނުވަތަ އިބިފިލިން ބަދަލުއަންނަ އެއްޗެވެ.

އަދި އިސްވުމުން ހަނިކުރެވިފައިވުމުގެ މާނަ ލިއްބައިދެނީ އެ ގޮތަށް ގިނަ ފަހަރަށް އޮންނާތީއެވެ. ކޮންމެހެން އެ ގޮތް ލާޒިމު ކުރާތީއެއް ނޫނެވެ. އެހެނީ، އަޞްލަކީ އެ ގޮތަށް އިސްކުރެވުމުން ދޭހަކޮށްދެނީ އެ ކަމުގެ މުހިއްމުކަމެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ) (ސޫރަތުލްފާތިޙާ: 5) މާނައީ: [އަޅަމެން އަޅުކަންކުރަނީ، އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ، އިބަރަސްކަލާނގެ ޙަޟްރަތުންނެވެ.] މި އާޔަތުގައި عَامِل އަކީ، [نَعْبُدُ] އެވެ. އަދި مَعْمُول އަކީ، [إِيَّاكَ] އެވެ. އެހެންކަމުން، مَعْمُول އެ ވަނީ عَامِل އަށްވުރެ އިސްކުރެވިފައެވެ. މިއިން އެނގެނީ، އަޅަމެން އަޅުކަންކުރާ ފަރާތް އެ ވަނީ ހަނިކުރެވި، ހަމައެކަނި ﷲ އަށް ޚާއްޞަކުރެވިފައި ކަމެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =