[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 145

155ވަނަ ޤަވާޢިދު (ޖުމްލަ 189): الاِقْتِصَارُ فِي مَقَامِ البَيَانِ يُفِيْدُ الـحَصْرَ

މި ޤަވާޢިދުގެ ތަރުޖަމާ: {ބަޔާންކުރުމުގެ މަޤާމެއްގައި ކުރުކޮށްލުމުން، ހަނިކުރެވިފައިވުމުގެ މާނަ ލިއްބައިދޭ}

މި ޤަވާޢިދުގެ މުރާދު: ޝަރުޢުކުރައްވާ ފަރާތުން ޙުކުމެއް ބަޔާންކުރެއްވިއިރު، ބައެއް ކަންކަން ބަޔާންކުރައްވައި ކުރުކޮށްލެއްވިނަމަ، އެ ކުރުކޮށްލެއްވުމާ މެދު ބެލެވޭހުށީ، އެއީ ބަޔާންވެފައިވާ ކަންތަކަށް އެކަނި ޙުކުމް ހަނިކުރެއްވުން ކަމުގައެވެ. އެއީ، ހަނިކުރެއްވުމުގެ މާނައިގައި އެ ގޮތަށް ހައްދަވާފައި ނުވާކަމަށް ދަލީލެއް ލިބެން ނެތްނަމައެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِنْهُمَا مِائَةَ جَلْدَةٍ) (ސޫރަތުއްނޫރު: 2 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ޒިނޭކުރާ އަންހެނާއާއި ޒިނޭކުރާ ފިރިހެނާ ކުރެން ކޮންމެ މީހެއްގެ ގައިގައި ތިޔަބައިމީހުން ސަތޭކަ އެތިފަހަރުން (ޙައްދު) ޖަހާށެވެ!] މި އާޔަތުން ދަލީލުނަންގަވައި، ޙަނަފީ މަޒުހަބަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް ޢިލްމުވެރިން ވިދާޅުވަނީ، ޒިނޭކުރާ ބިކުރުވެރިޔާގެ ޙައްދަކީ ސަތޭކަ އެތިފަހަރުން ޖެހުން އެކަނި ކަމުގައެވެ. ގިނަ ޢިލްމުވެރިން ވިދާޅުވާ ގޮތާ ޚިލާފަށް، އޭނާ އެއް އަހަރުދުވަހަށް އަރުވައިލުމެއް ނެތްކަމުގައެވެ. އެހެނީ، ބަޔާންކުރުމުގެ މަޤާމެއްގައި ޝަރުޢުކުރައްވާ ފަރާތުން އެ ވަނީ ކުރުކޮށްލައްވައި، ހަމައެކަނި ޙައްދު ޖެހުމުގެ ވާހަކަ އެކަނި ބަޔާންކުރައްވާފައެވެ. އެެހެންކަމުން، އެ ބޭފުޅުން ވިދާޅުވަނީ، މިއިން އެނގެނީ، ޒިނޭކުރާ ބިކުރުވެރިޔާ އަރުވައިލުމެއް ނެތް ކަމެވެ.

156ވަނަ ޤަވާޢިދު (ޖުމްލަ 189): الكَلَامُ إِنَّـمَا يَتِمُّ بِآخِرِهِ

މި ޤަވާޢިދުގެ ތަރުޖަމާ: {ވާހަކަ ފުރިހަމަވަނީ އޭގެ ނިމޭކޮޅުން}

މި ޤަވާޢިދުގެ މުރާދު: ވާހަކައިގެ ޙުދޫދު މިންކުރުމާއި، ނައްޞުން ލިބިގަނެވޭ މާނަތައް ކަނޑައަޅާއިރު، އެ ވާހަކަ ނިމިއްޖެކަން ކަށަވަރުކުރަންޖެހޭނެއެވެ.

ދެން ފަހެ، ވާހަކައިގެ ނިމޭކޮޅު ކަނޑައަޅާނީ، ގިނައިރުތަކެއްވާންދެން ހަނުހުރުމުންނެވެ. ނުވަތަ އެ ވާހަކައަކީ އޭގެ ޒާތުގައި މުސްތަޤިއްލު، ފުރިހަމަ މާނައެއް ލިބިފައިވާ ވާހަކައަކަށް ވުމުންނެވެ. ނުވަތަ އެ ވާހަކަޔާ މުޅިން ތަފާތު އެހެން މާނައެއް ދޭހަކޮށްދޭ ވާހަކައެއް ފެށުމުންނެވެ. ނުވަތަ ވާހަކަ ނިމުނުކަން ދޭހަކޮށްދޭ ބައެއް ޤަރީނާތަކާއި ޢިބާރާތްތަކުންނެވެ.

މި ޤަވާޢިދުގެ މިސާލަކީ، ވަޤުފުކުރާ މީހަކު [އަހުރެން ޒައިދަށާއި އަޙްމަދަށާއި މުޙައްމަދަށް، ދެން އެއަށްފަހު މިސްކީނުންނަށް ވަޤުފުކޮށްފީމޭ، އެއީ، އެ ތިން މީހުންގެ ތެރެއިން އެކަކު ނިޔާވެއްޖެނަމަ އަނެއް ދެ މީހުންނަށް އޭނާގެ މިންވަރު ލިބޭ ގޮތަށޭ، އެއީ ވަޤުފު އޮތް ރަށުގައި މިސްކީނަކު ނެތްނަމައޭ] ބުނުމެވެ. ނުވަތަ [އެއީ، އެ ތިން މީހުންގެ ތެރެއިން އެކަކު ނިޔާވެއްޖެނަމަ އަދި އެއްވެސް މިސްކީނެއް ނުފެނިއްޖެނަމަ، އޭނާގެ މިންވަރު އަނެއް ދެ މީހުންނަށް ލިބޭ ގޮތަށޭ] ބުނުމެވެ. ނުވަތަ [އެއީ، އެ ތިން މީހުންގެ ތެރެއިން އެކަކު ނިޔާވެއްޖެނަމަ، އޭނާގެ މިންވަރު އަނެއް ދެ މީހުންނަށް ލިބޭ ގޮތަށޭ، އެ ދެ މީހުންނަކީ ފަޤީރުން ކަމުގައި ވާނަމައޭ] ބުނުމެވެ. ނުވަތަ މިފަދަ ކޮންމެވެސް ގޮތަކަށް ބުނުމެވެ. މި ޢިބާރާތްތަކުން އަދި މި މާނަ ދޭހަކޮށްދޭ ޢިބާރާތްތަކުން ލާޒިމުކުރަނީ، ބާކީ ތިބި ދެ މީހުންނަށް ނިޔާވި މީހާގެ މިންވަރު ޙައްޤުވުމަށްޓަކައި އެ ޝަރުޠު ފުރިހަމަވާންޖެހޭނެކަމެވެ. އަދި ވާހަކައިގައި އެކުލެވިފައި އެވާ ޝަރުޠަކީ އެއަށް ރުޖޫޢަވުން ވާޖިބު އެއްޗެއް ކަމެވެ. އެހެނީ، ވާހަކަ ފުރިހަމަވަނީ އޭގެ ނިމޭކޮޅުންނެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =