[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 146

157ވަނަ ޤަވާޢިދު (ޖުމްލަ 189): صَلَاحِيَةُ كَوْنِ الشَّيْءِ جَوَابًا لِسُؤَالٍ مُغَلِّبَةٌ عَلَى الظَّنِّ أَنَّهُ جَوَابٌ لَهُ

މި ޤަވާޢިދުގެ ތަރުޖަމާ: {އެއްޗެއް ސުއާލެއްގެ ޖަވާބަކަށްވުމަށް އެކަށީގެންވުމުން، އެއީ އޭގެ ޖަވާބެއް ކަމަށް ބޮޑަށް ހީކުރެވޭ}

މި ޤަވާޢިދުގެ މުރާދު: ވާހަކައެއް ވަކި ސުއާލެއްގެ ޖަވާބަކަށްވުމަށް އެކަށީގެންވާތީ ފާޅުވެއްޖެނަމަ، ބޮޑަަށް ހީކުރެވެނީ އެއީ އެ ސުއާލުގެ ޖަވާބުގެ ގޮތުގައެވެ. ހަމައެފަދައިން، ވަކި ހާދިސާއަކާ ގުޅޭ ގޮތުން އޮތް ޖަވާބެއްނަމަ، ސުއާލެއްގެ ޖަވާބުގައި ނުވަތަ ހާދިސާއެއްގެ ޖަވާބުގައި ޙުކުމް ބަޔާންކުރައްވާފައިވާނަމަ، އެ ސުއާލަކީ ނުވަތަ ހާދިސާއަކީ، ދެވިފައިވާ ޖަވާބުގެ ޢިއްލަތުކަން އެނގިގެންދެއެވެ.

ދެން ފަހެ، އެ ޖަވާބަކީ ބަޔާންވެވުނު ސުއާލުގެ ޖަވާބުކަމުގައި ނުވާނަމަ، ބަޔާންކުރުން ޙާޖަތުގެ ވަގުތަށްވުރެ ފަސްކުރުން އެއިން ލާޒިމުކުރެތެވެ. އެހެންނަމަވެސް، އެއީ ހުއްދަކަމެއް ނޫނެވެ. މިއީ، އައްރާޒީއާއި އަލްހިންދީއާއި އަލްއިސްނަވީފަދަ ޖަމާޢަތެއްގެ ބޭފުޅުން ގެންނަވާފައިވާ ރައުޔެކެވެ.

މި ޤަވާޢިދުގެ މިސާލަކީ، މީހަކު، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޚުޠުބާދެއްވަން ހުންނަވަނިކޮށް އެ ކަލޭގެފާނާ ކުރެއްވި ސުއާލެވެ. ((كَيْفَ صَلَاةُ اللَّيْلِ؟ فَقَالَ: مَثْنَى مَثْنَى فَإِذَا خَشِيتَ الصُّبْحَ فَأَوْتِرْ بِوَاحِدَةٍ تُوتِرُ لَكَ مَا قَدْ صَلَّيْتَ)) މާނައީ: [ދަމުނަމާދު ކިހިނެއް ހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ: [ދޭކުން ދޭކުންނެވެ. ފަހެ، ފަތިސްވެދާނެކަމަށް ތިބާ ބިރުހީވާނަމަ، ތިބާ ކުރި ނަމާދު ވިތުރިކުރާނޭ އެކަތިން ވިތުރިކުރާށެވެ!] ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ފަރާތްޕުޅުން ނުކުތް މި ޖަވާބުން ބޮޑަށް ހީވަނީ، އެއީ އެ މީހާގެ އެ ސުއާލުގެ ޖަވާބުގެ ގޮތުގައެވެ. އަދި އެއީ އެ ސުއާލުގެ ޢިއްލަތުގެ ގޮތުގައެވެ. އެއީ، ޖަވާބުގައި ދަމުނަމާދުގެ އަދަދު ބަޔާންކުރައްވާފައި ވިޔަސް މެއެވެ. އެ ސުއާލުގެ ބޭރުފުށުން އެ ސުއާލު އެ އޮތީ ދަމުނަމާދު ކުރާނީ ކިހިނަކުންކަމާ މެދުގައި ކަމަށް ވިޔަސް މެއެވެ. އަދި ދަމުނަމާދުގެ ރަކުޢަތްތަކުގެ އަދަދާ ގުޅޭ ގޮތުން ނޫން ކަމުގައި ވިޔަސް މެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =