الفَصْلُ الأّوَّلُ: الحُكْمُ عَلَى الرَّاوِيّ
ފުރަތަމަ ފަޞްލު: ރާވީއަށް ޙުކުމްކުރުން
މި ބައިގައި ހިމެނެނީ، مَدْخَل (ފެށުން) އަކާއި ހަތަރު مَبْحَث އެކެވެ. އެއީ:
المَبْحَثُ الأَوَّلُ: وسائل الحكم على الراوي (ފުރަތަމަ މަބްޙަޘް: ރާވީއަށް ޙުކުމްކުރުމުގައި ބޭނުންހިފޭ ވަސީލަތްތައް)
المَبْحَثُ الثَّانِيّ: اختلاف حال الراوي (ދެވަނަ މަބްޙަޘް: ރާވީގެ ހާލަތާމެދު ޚިލާފުއުފެދުން)
المَبْحَثُ الثَّالِثُ: مقارنة الراوي بغيره (ތިންވަނަ މަބްޙަޘް: ރާވީ އެހެން ރާވީންނާ އަޅައިބެލުން)
المَبْحَثُ الرَّابِعُ: معوقات الحكم على الراوي (ހަތަރުވަނަ މަބްޙަޘް: ރާވީއަށް ޙުކުމްކުރުމުގައި ހުރި ގޮންޖެހުންތައް)
مَدْخَل (ފެށުން):
އިމާމުން ރާވީންނަށް ޙުކުމްކުރުމުގައި އެތަކެއް ވަސީލަތްތަކެއްގެ ބޭނުން ހިއްޕަވާފައި ވެއެވެ. އަދި އެއީ ނުހަނު ކަވި ވަސީލަތްތަކެއް ވެސް މެއެވެ. ރާވީއާ ގުޅޭ އެއްވެސް ކަމެއް ދޫކޮށްލައްވާފައެއް ނުވެއެވެ. ރާވީއާ ގުޅޭ ހުރިހާ ކަމެއް ވެސް ހޯދާ ބަލާފައި ވެއެވެ. އެ ގޮތަށް ޢަމަލުކުރެއްވުމުން، އާޚިރުގައި، ރާވީގެ ހާލަތާ އެކަށޭނަ ސާފު ހުކުމަކާ ހަމައަށް ވާސިލުކޮށްދެއެވެ.
ރާވީންކުރެ ރާވީއަކާ ގުޅޭގޮތުން، މި ދެންނެވި ވަސީލަތްތައް ނުވަތަ އޭގެ ގިނަ ވަސީލަތްތައް ނަޤުދުކުރާ ޢިލްމުވެރިޔާގެ އަތްޕުޅުގައި އޮވެއްޖެނަމަ، އަދި އެ ރާވީއާ ގުޅޭ ގޮތުން ދެބަސްވުމެއް ނެތްނަމަ، އެ ރާވީގެ މައްޗަށް ޙުކުމެއް ނެރުމަށް ފަސޭހަވާނެކަމާ މެދަކު ޝައްކެއް ނެތެވެ. ފަހެ، ރާވީއަކާ ގުޅޭގޮތުން، އޭނާއީ ثِقَة އެއް ކަމަށް، ނުވަތަ ضَعِيْفُ އެއް ކަމަށް، ނުވަތަ مَتْرُوْكُ الحَدِيْث އެއް ކަމަށް، ނުވަތަ كَذَّابُ އެއް ކަމަށް އިމާމުންނަށް އިއްތިފާޤުވެވިފައިވާ ހާލަތުގައި އެ ވަނީ މިފަދައިންނެވެ. އޭގެ ސަބަބަކީ، ރާވީގެ މައްޗަށް ޙުކުމްކުރުމަށް ބޭނުންކުރެވުނު ވަސީލަތްތައް، ނަޤުދުކުރާ ޢިލްމުވެރިންނަށް ވާސިލުވެވުނު ޙުކުމާ ހަމައަށް އެ ބޭފުޅުންނަށް ވާސިލުކޮށްދޭތީއެވެ.
އެހެންނަމަވެސް، ރާވީގެ މައްޗަށް ޙުކުމްކުރުމީ ހުރިހާ ހާލަތެއްގައި ފަސޭހަކަމެއް ނޫނެވެ. އެހެނީ، ރާވީގެ މައްޗަށް ޙުކުމްކުރުމުގައި ބޭނުންހިފައިއުޅޭ ވަސީލެއް ނަޤުދުކުރާ ޢިލްމުވެރިޔާއަށް ނުލިބި އޮވެދާނެއެވެ. ފަހަރުގައި އެއްގޮތަކަށް ވެސް ނުލިބިދާނެއެވެ. ފަހަރުގައި، ފަހުން ލިބިވެސްދާނެއެވެ. އަދި ފަހަރުގައި، އެ ޢިލްމުވެރިޔާ ނޫން، ނަޤުދުކުރައްވާ އެހެން ޢިލްމުވެރިއަކަށް އެ ވަސީލަތް ލިބިފައި އޮވެދާނެއެވެ. އަދި ފަހަރުގައި، ރާވީގެ މައްޗަށް ޙުކުމްކުރުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ފުރިހަމަވެފައި ހުރެފައި، އެ ވަސީލަތްތަކުން ލިއްބައިދޭ މަޢުލޫމާތުތައް އެއް ވަސީލަތާއި އަނެއް ވަސީލަތް ފުށުއަރާގޮތްވެފައި ހުރުމުގެ ސަބަބުން، އެއް ވަސީލަތާއި އަނެއް ވަސީލަތް ކަވިކޮށް ވަޒަންކުރަން ޖެހިދާނެއެވެ. ފަހަރުގައި، އެ ވަޒަންކުރުމުގައި ޚުދު އެ ޢިލްމުވެރިޔާއަށް އެހެން ޢިލްމުވެރިއަކާ ޚިލާފުވާން ޖެހިދާނެއެވެ. ފަހަރުގައި، އެއް ރާވީއަކާމެދު އެ ޢިލްމުވެރިޔާއަށް އެކި ފަހަރު އެކި ގޮތަށް ވެސް ދެކެވިދާނެއެވެ.
އެހެން ނަޒަރަކުން ބަލާއިރު، ރާވީންނަކީ ނުހަނު ގިނަ، އެކި ދުވަސްވަރަށް ނިސްބަތްވާ، ތަފާތު އެކި ރަށްރަށުގައި އުޅެފައިވާ ބަޔެކެވެ. އެ ރާވީންގެ ޙަދީޘްތަކުގެ ގިނަކަމާއި ތަފާތުކަން ހުރީ، ސިފަކުރެވޭ ވަރަށްވުރެ މާ މަތީގައެވެ. އަދި ހަމައެހެންމެ، އެއީވެސް އިންސާނުންނެވެ. އުޅުނު ޒަމާނުގެ، އަދި ތަނުގެ، އަދި ޤާއިމުވެ ހުރި ތަންތަނުގެ، އަދި ކުރި ދަތުރުތަކުގެ، އަދި އުޅުނު ވެށީގެ އިޖުތިމާޢީ ކަންކަމުގެ އަސަރު ވެސް ފޯރާފައި ވާނެތެވެ. އެހެންކަމުން، ބައެއް ރާވީންނަށް ޙުކުމްކުރުމުގައި ތަފްސީލުކޮށްދޭން ޖެހެއެވެ. އެއާހުރެ، ރާވީގެ މުޅި ޙަޔާތާއި، ދިރިއުޅެފައިވާ ތަންތަނާއި، ކުރި ދަތުރުތަކާ ގުޅޭ ތަފްސީލީ މަޢުލޫމާތުތައް ހޯދުން، ނަޤުދުކުރާ ޢިލްމުވެރިޔާއަށް ލާޒިމުކުރެތެވެ. އަދި އެ ރާވީއަކީ، ނަޤުދުކުރާ އެ ޢިލްމުވެރިޔާއާ އެއް ދުވަސްވަރެއްގެ މީހަކުކަމުގައިވާނަމަ، އެ ރާވީއަށް އަންނަމުންދާ ނުވަތަ އައިސްފައިވާ ބަދަލު ދެނެގަތުމަށްޓަކައި، އެ ރާވީގެ މުޅި ޢުމުރަށް ނަޒަރުހިންގައި އެއާމެދު ފާރަވެރިވެ ހުރުން ލާޒިމުކުރެތެވެ.
އިސްވެ ދެންނެވުނު ކަންކަމުގެ ފަހަތުގައި، ވަރަށް މުހިއްމު ކަމެއް އޮވެއެވެ. އެއީ، ބައެއް ޙަދީޘްތައް ރިވާކުރުމުގައި، އެއް ރާވީއަށްވުރެ ގިނަ ރާވީން ބައިވެރިވެފައި ވެއެވެ. އަދި އެ ރިވާޔަތުގެ ސިފައާ މެދު އެ ރާވީންގެ މެދުގައި ޚިލާފު އުފެދިފައި ހުރެއެވެ. މި ހާލަތުގައި، އެ ރިވާޔަތްތައް ވަޒަންކޮށް، އެ ތަނުން އެންމެ ރާޖިޙު ރިވާޔަތް ދެނެގަތުމުގައި، އެ ރިވާޔަތް ގެނެސްފައިވާ ބައެއް ރާވީން އެކަކު އަނެކަކާ އަޅައިބެލުން، ނަޤުދުކުރާ ޢިލްމުވެރިޔާގެ މައްޗަށް ކޮންމެހެންވެސް ލާޒިމުކުރެތެވެ. އެހެންކަމުން، ވަރަށް ގިނަ ފަހަރު އެ ގޮތަށް އިމާމުން ޢަމަލުކުރައްވާފައިވެއެވެ. ވަކިވަކި ރާވީންނަށް ކުރާ ޙުކުމަށް އެކަނި، އެ ބޭފުޅުން ފުއްދަވައިލައްވާފައެއް ނުހުރެތެވެ.
އަދި ހަމައެހެންމެ، މި އަޅައިބެލުމީ، ދެ ރާވީއެއްގެ ދެމެދުގައި ނުވަތަ ގިނަ ރާވީންތަކެއްގެ މެދުގައި އަޅައިބެލޭ އާންމު އަޅައިބެލުމަކަށް ވެސް ވެދާނެއެވެ. ފަހަރުގައި، އެ ރާވީންގެ ކިބާގައިވާ ވަކި ކަމަކަށް ޚާއްޞަކޮށް، މިޘާލަކަށް: އެ ރާވީން ޙަދީޘް ލިބިގަތް އުސްތާޛަކަށް ބިނާކޮށް ނުވަތަ ވަކި ރަށަކަށް ނިސްބަތްވާ ރާވީންނަށް ބިނާކޮށް ނުވަތަ އެ ރާވީން ޙަދީޘް ރިވާކުރި ވަކި ފޮތަކަށް ބިނާކޮށް، އަޅައިބެލޭ އަޅައިބެލުމަކަށް ވެސް ވެދާނެ އެވެ. މި ވެސް ވަރަށް ގިނަ އަދަދަކަށް ހިނގާ ކަމެކެވެ.
މި ކަންކަމާ ގުޅޭ ތަފްސީލުތައް، ކުރިއަށް އޮތް ހަތަރު މަބްޙަޘްގައި ހުށަހަޅައިދޭނަމެވެ.
=ނުނިމޭ=
ތަރުޖަމާކުރި އަޞްލު: الجرح والتعديل للأستاذ الدكتور إبراهيم اللاحم (جامعة القصيم)