[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖަރްޙާއި ތަޢްދީލު (8)

المَبْحَثُ الأَوَّلُ: وسائل الحكم على الراوي

ފުރަތަމަ މަބްޙަޘް: ރާވީއަށް ޙުކުމްކުރުމުގައި ބޭނުންހިފޭ ވަސީލަތްތައް

ޢަދުލުވެރިކަމާއި ضَبْطُ އާ ގުޅުވައިގެން ރާވީންގެ މައްޗަށް ޙުކުމް ނެރުއްވުމުގައި، ޖަރްޙާއި ތަޢުދީލުގެ ދާއިރާގެ އިމާމުން ބޭނުންހިއްޕަވާފައިވާ ވަސީލަތްތައް ދަތުމީ، ބާޙިޘަށް ވަރަށް މުހިއްމު ކަމެކެވެ. ފުރަތަމައަށް، އެ ޙުކުމާ ހަމައަށް ވާސިލުވުމުގެގޮތުން، އެ އިމާމުން އުފުއްލަވާފައިވާ ބުރައާއި، ބޭނުންހިއްޕެވި ކަވި މިންގަނޑުތައް ދެނެގަތުމުގެ ގޮތުންނެވެ. އޭގެ ސަބަބުން، އެ ބޭފުޅުންގެ ބަސްފުޅުތަކަށާއި ޙުކުމްފުޅުތަކަށް އޮންނަ އިތުބާރާއި ޔަޤީންކަން ބޮޑުވެގެންދާނެއެވެ. ދެވަނައަށް، އިމާމުންނަށް އުފުލުން އެކަށޭނަ ބުރަ ދެނެގަތުމުގެ ގޮތުންނެވެ. އެހެނީ، ނަޤުދުކުރައްވާ އިމާމުންގެ ބަސްފުޅުތައް ވަޒަންކުރުމުގައި އެ ކަމަށް ބޭނުންވެދާނެއެވެ. އަދި ނަޤުދުކުރައްވާ އިމާމުންގެ ބަސްފުޅެއް އަޅުގަނޑުމެންނާ ހަމައަށް ވާސިލުވެފައިނުވާ ރާވީއަކާ ޖެހުމުން ވެސް އެ ކަމަށް ބޭނުންވެދާނެއެވެ.

އިމާމުން ބޭނުންހިއްޕަވާފައިވާ މަގުތަކުގެ ތެރޭގައި:

أولا: التأمل في أفعال الراوي وتصرفاته، والنظر في سيرته، فيستدل بذلك على ما ورائها، من صدق أو كذب (ފުރަތަމަ މަގު: ރާވީގެ އެންމެހައި ބުނުންތަކަށާއި ޢަމަލުތަކަށް ފިކުރުހިންގައި، އަދި އޭނާގެ ސިޔަރަތަށް ނަޒަރުހިންގައިގެން، އޭނާގެ ތެދުވެރިކަމާއި ދޮގުވެރިކަން ހުރިނެތް ގޮތް ދެނެގަތުން)

ރާވީންގެ ސިޔަރަތަށް އިމާމުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާފައި ވެއެވެ. އެގޮތުގެ މަތީން، ބައެއް ރާވީންނަކީ އެ ރާވީންގެ ރިވާޔަތްތަކާއި ތެދުވެރިކަމަށް އިތުބާރުކުރެވޭ އަދި އެ ރާވީން ޤަޞްދުގައި ދޮގުނަހަދާނެކަމަށް އިތުބާރުކުރެވޭ ބަޔެއްގެ ގޮތުގައި، އަޅުވެރިންގެ ގޮތުގައްޔާއި ޒުހުދުވެރިންގެ ގޮތުގައްޔާއި ވަރަޢަވެރިންގެ ގޮތުގައްޔާއި ރިވާޔަތަށް ފަރުވާތެރިވާ ބަޔެއްގެ ގޮތުގައި އެ އިމާމުން ސިފަކުރައްވާފައި ވެއެވެ. މިފަދަ ޚަބަރުތަކުން ޖަރްޙާއި ތަޢުދީލުގެ ފޮތްތައް ފުރިފައިވެއެވެ. އެހެންކަމުން، ޖަރްޙާއި ތަޢުދީލުގެ ޢިލްމުގެ ތެރެއަށް އޭގެ މަޤްޞަދު ވަދެގެން ނުދަނީއެއް ނޫނެވެ. އަދި ކިއެއްތަ! އެ ހިމެނެނީ، ޖަރްޙާއި ތަޢުދީލުގެ ޢިލްމުގެ އެންމެ މުހިއްމު ބައިގެ ތެރެއިންނެވެ. އެހެނީ، ޢުރުވަތު ބުނުއްޒުބައިރާއި މުޙައްމަދު ބްނު ސީރީނާއި އަލްއަޢްމަޝްއާއި މާލިކާއި ޝުޢްބާއާއި ސުފްޔާނުއްޘައުރީއާއި ޔަޙްޔާ އަލްޤައްޠާނާއި ވަކީޢުއާއި އަޙްމަދާއި އިބްނު މަޢީނުފަދަ މަޝްހޫރު އިމާމުންގެ ސިޔަރަތު ކިޔައި، އެ ބޭފުޅުންގެ އުޅުމާއިގުޅުން ބެހެއްޓެވި ގޮތް ދެނެގަތުމުން، އެ ބޭފުޅުންގެ ތެދުވެރިކަމާއި ރިވާޔަތާ މެދު އެ ބޭފުޅުންގެ ފަރުވާތެރިކަން ބޮޑުކަން އެނގި ހިތަށް ހަމަޖެހުން ލިބިގެންދާނެއެވެ. މިއީ، ފާޅުކަން ބޮޑު، އެއްވެސް ވަންހަނާކަމެއް ނެތް ކަމެކެވެ.

އެ ބޭފުޅުން ނޫން އެހެން ރާވީންނާމެދު ވެސް ކަން އޮތީ އެފަދައިންނެވެ. ޔަޙްޔާ ބްނު މަޢީނު އެ ބޭފުޅާގެ ޝައިޚެއް ކަމުގައިވާ ޢަބްދަތު ބްނު ސުލައިމާނު އާއިގުޅޭގޮތުން ވިދާޅުވެފައި ވެއެވެ. ((كان عبدة بن سليمان صبوراً، على ما كان فيه من الجهد، ولقد رأيت عليه جبة فرو ليس عليه قميص…، وقد اشترى جزراً، وقد حمله في طرف ردائه، ثم جاء فرآنا ونحن قعود على الباب، فقال: كلوا رحمكم الله، كلوا عافاكم الله، فكان ذاك الجزر يقوته))[1] މާނައީ: [ޢަބްދަތު ބްނު ސުލައިމާނުއަކީ، އެ ބޭފުޅާގެ އަތްމަތި ދަތިކަމާއެކުގައި ވެސް ކެތްތެރި ބޭފުޅަކު ކަމުގައި ވިއެވެ. އަދި ޖަނަވާރުގެ ހަމުން ހަދާފައިވާ ޖުއްބާއެއް އެ ބޭފުޅާ ތުރުކުރައްވައިގެން ހުންނަވަނިކޮށް އަޅުގަނޑު ދުށީމެވެ. އެއާއެކު ގަމީހެއް ނެތެވެ… އަދި (އެއްދުވަހަކު) ކެރެޓުކޮޅެއް ބައްލަވައިގަނެ، އެ ބޭފުޅާގެ ރިދާކޮޅުގެ އެއްކޮޅުން އޭގައި ހިއްޕަވައިގެން ވަޑައިގެންނެވިއެވެ. އަދި އެ ބޭފުޅާގެ ގެކޮޅުގެ ދޮރުކޮޅުމަތީގައި އަޅުގަނޑުމެން އިށީނދެތިބިތަން ފެނިވަޑައިގެން ވިދާޅުވިއެވެ: ކާށެވެ! ތިޔަބައިމީހުންނަށް ﷲ ރަޙްމަތްލައްވާށިއެވެ!، ކާށެވެ! ﷲ ތިޔަބައިމީހުން ފުރިހަމަ ޞިއްޙަތެއްގައި ލައްވާށިއެވެ!، ފަހެ، އެ ކެރެޓުކޮޅަކީ އެ ބޭފުޅާގެ ފަރީއްކޮޅުކަމުގައި ވިއެވެ.] ޔަޙްޔާ މިފަދައިން ބަޔާންކުރެއްވުމުގެ ބޭނުމަކީ، ޢަބްދަތުގެ މާތްކަމާއި، ފަޤީރުކަމާއި ޙާޖަތްތެރިކަމުގެ ހާލަތުގައި ވެސް އެ ބޭފުޅާގެ ކިބައިގައި ހުންނަވާ ވަރަޢަވެރިކަމާއި ކެތްތެރިކަމާއި، ކަރާމާތްތެރިކަން ބަޔާންކުރުމެވެ.

އަދި ޢަމްރޫ ބްނު ޢަލީ އަލްފައްލާސް ވިދާޅުވެފައި ވެއެވެ. ((جاءني عفان في نصف النهار فقال لي: عندك شيء نأكله؟ فما وجدت في منزلي خبزاً ولا دقيقاً، ولا شيئاً يشتري به، فقلت: إن عندي سويق شعير، فقال لي: أخرجه، فأخرجت له من ذلك السويق، فأكل أكلاً جيداً، فقال: ألا أخبرك بأعجوبة؟ شهد فلان وفلان عند القاضي -والقاضي يومئذ معاذ بن معاذ العنبري- بأربعة آلاف دينار على رجل، فأمرني أن أسأل عنهما، فجاءني صاحب الدنانير، فقال لي: لك من هذا المال الذي لي على هذا الرجل نصفه -وهو ألفا دينار- وتعدل شاهدي، فقلت: استحييت لك -وشهوده عندنا غير مستورين-، قال: وكان عفان على مسألة معاذ بن معاذ))[2] މާނައީ: [މެންދުރު ވަގުތު އަޅުގަނޑުގެ ގާތަށް ޢައްފާނު ވަޑައިގެން ވިދާޅުވިއެވެ: އަޅުގަނޑުމެން ދެމީހުންވެގެން ކާނޭ އެއްޗެއް ތިބާގެ އަތުގައި އެބައޮތްތޯއެވެ؟ ދެން އަޅުގަނޑު ހޯދިހޯދުމުން ގެއިން ރޮއްޓެއް ވެސް ފުށްކޮޅެއް ވެސް ނުފެނުނެވެ. އަދި ނުވިތާކަށް އެ ގަންނާނޭ އެއްޗެއް ވެސް ނުފެނުނެވެ. ދެން އަޅުގަނޑު ދެންނެވީމެވެ: ބާރުލީން ހަދާފައިވާ ސަވީޤެއް {މުތަރުޖިމު: މިއީ ކެއުމުގެ ބާވަތެއް} އެބައޮތެވެ. ވިދާޅުވިއެވެ: ގެންނާށެވެ!، ދެން އަޅުގަނޑު އެ ސަވީޤުން އެތިކޮޅެއް ގެނެސްދިނުމުން، އެއިން ރަނގަޅަށް ފަރީއްކުޅުއްވިއެވެ. އަދި ވިދާޅުވިއެވެ: އަޖާއިބުކުރުވަނިވި ކަމެއްގެ ޚަބަރު ދެން ހެއްޔެވެ؟ ޤާޟީގެ (އެ ދުވަސްވަރުގެ ޤާޟީއަކީ މުޢާޛު ބްނު މުޢާޛު އަލްޢަންބަރީއެވެ) ކުރިފުޅުމަތީގައި މިވެނި މީހަކާއި އެވެނި މީހަކު، މީހަކު ހަތަރުހާސް ދީނާރު ދޭންޖެހިފައިވާކަމަށް ހެކިބަސްދީފިއެވެ. ދެން، (ހެކިބަސްދިން) އެ ދެ މީހުންގެ ހެކިބަސް ޤަބޫލުކުރެވޭނެތޯ ނުވަތަ ނޫންތޯ ބެލުމަށް (ޤާޟީ) އަޅުގަނޑަށް އަމުރުކުރެއްވިއެވެ. ދެން، އެ ދީނާރުތައް ލިބޭންއޮތް މީހާ އަޅުގަނޑުގެ ގާތަށް އައިސް ބުންޏެވެ: އަޅުގަނޑުގެ ދެ ހެކިވެރިންނީ ޢަދުލުވެރީންކަމުގައި ކަނޑައަޅައިދޭށެވެ. އަޅުގަނޑަށް ލިބޭންއޮތް މުދަލުގެ ދެބައިކުޅަ އެއްބައި (އެބަހީ: ދެހާސް ދީނާރު) ތިބާއަށް (ރިޝްވަތުގެ ގޮތުގައި) ދޭނަމެވެ. ދެން އަޅުގަނޑު ދެންނެވީމެވެ: ތިބާއާ މެދު އަޅުގަނޑު ލަދުވެތިވަމެވެ. (އެބަހީ: އޭނާ ގެނައި ހެކިވެރިންގެ ހާލަތު އަޅުގަނޑަށް ރަނގަޅަށް އެނގެއެވެ.) ދެން (ޢަމްރޫ ބްނު ޢަލީ) ވިދާޅުވިއެވެ: މުޢާޛު ބްނު މުޢާޛުއަށް ހުށަހެޅޭ މައްސަލަތަކުގައި ހެކިވެރިންގެ ޢަދުލުވެރިކަން ދެނެގަތުމުގެ މަސައްކަތް ޢައްފާނު ކުރައްވަމުންގެންދެވިއެވެ.]

މި ވާހަކައާއި ގާތްކުރާ ވާހަކައެއް އަލްޢަޖްލީ ރިވާކުރައްވައި، ވިދާޅުވެފައި ވެއެވެ. ((عفان يكنى أبا عثمان، ثقة ثبت، صاحب سنة، كان على مسائل معاذ بن معاذ القاضي، فَجُعِل له عشرة آلاف دينار على أن يقف عن تعديل رجل، فلا يقول: عدلاً، ولا غير عدل، قالوا له: قف عنه، لا تقل فيه شيئاً، فأبى فقال: لا أبطل حقاً من الحقوق))[3] މާނައީ: [ކުންޔާއަކަށް އަބޫ ޢުޘްމާނު ދެވިފައިވާ ޢައްފާނުއަކީ، ثِقَةٌ ثَبْتٌ އެކެވެ. ސުންނަތުގެ އަހުލުވެރިއެކެވެ. ޤާޟީ މުޢާޛު ބްނު މުޢާޛަށް ހުށަހެޅޭ މައްސަލަތަކުގައި ހުށަހެޅޭ ހެކިވެރިންގެ ޢަދުލުވެރިކަން ބައްލަވަން އުޅުއްވިއެވެ. މީހެއްގެ ޢަދުލުވެރިކަން ބަޔާންނުކޮށް ހިފެހެއްޓުމަށާއި އޭނާއީ ޢަދުލުވެރިއެއްކަމުގައި ވެސް އަދި ޢަދުލުވެރިއެއް ނޫން ކަމުގައި ވެސް ނުބުނުމަށް ޝަރުޠުކޮށް އެ ބޭފުޅާއަށް ދިހަހާސް ދީނާރު (ރިޝްވަތުގެ ގޮތުގައި) ހުށަހެޅުނެވެ. އެބައިމީހުން (ރިޝްވަތު ހުށަހެޅިމީހުން) އެ ބޭފުޅާއަށް ބުންޏެވެ: އޭނާއާ މެދު ވަކިގޮތެއް ކަނޑަނާޅުއްވާށެވެ. އޭނާއާ މެދު އެއްވެސް ގޮތަކަށް ވިދާޅުނުވާށެވެ. އެހިނދު (ޢައްފާނު) އެ ކަމަށް އިންކާރުކުރެއްވިއެވެ. އަދި ވިދާޅުވިއެވެ: ޙައްޤުތަކުގެ ތެރެއިން ޙައްޤެއް އަޅުގަނޑު ބާޠިލުނުކުރާހުށީމެވެ.]

ދެން ފަހެ، ޖަރްޙާއި ތަޢުދީލުގެ އެންމެ ކުރީގެ ފޮތްތަކަށް (كُتُبُ السُّؤَالَاتِ وَالتَّوَارِيْخِ) ނަޒަރުހިންގާ ފަރާތަށް، މިފަދަ ޚަބަރުތަކުން އެ ފޮތްތައް ފުރިފައިވާތީ ފެންނާނެއެވެ. އެ ޚަބަރުތައް ގެނައުމުގެ ބޭނުމަކީ: ރާވީއަށާއި އޭނާ ގެންނަ ރިވާޔަތަށް އޮންނަ އިތުބާރާއި ތެދުވެރިކަން އިތުރަށް ކަށަވަރުކުރުމެވެ.

=ނުނިމޭ=

ތަރުޖަމާކުރި އަޞްލު: الجرح والتعديل للأستاذ الدكتور إبراهيم اللاحم (جامعة القصيم)


[1]  ((معرفة الرجال)) 31:2.

[2]  ((تاريخ بغداد)) 270:12، و((تهذيب الكمال))، و((سير أعلام النبلاء)) 243:10.

[3]  ((الثقات)) 140:2.