- ﷲ ތަޢާލާ ވޮޑިގެންވާކަމުގެ ޢަޤުލީ ދަލީލު:
ފަހެ ކުރިންނާއި ފަހުންވެސް ޚަލްޤުކުރެއްވުނު އެންމެހާ މަޚްލޫޤުން ޚަލްޤުކުރައްވާނޭ ފަރާތެއް ވާންޖެހެއެވެ. އެހެނީ އެއްވެސް އެއްޗަކަށް އޭގެ އަމިއްލަ ނަފްސު ޚަލްޤެއް ނުކުރެވޭނެއެވެ. އަދި އެއްވެސް ރޭވުން ތެރިކަމެއްނެތި “ޗާންސަކުން” ވެސް ޚަލްޤެއް ނުކުރެވޭނެއެވެ. އެހެނީ އެއްޗެއް ވުޖޫދުގައިވުމުގެ ކުރިން އެއެއްޗެއް ވާހުށީ ނެތް އެއްޗަކަށެވެ. ފަހެ އެ ޙާލަތުގައި ޚަލްޤުކުރައްވާ ފަރާތަށް އެފަރާތެއްވާނީ ކޮން ފަދައަކުން ހެއްޔެވެ! އަދި އެއްވެސް ރޭވުން ތެރިކަމެއްނެތި “ޗާންސަކުން” ޚަލްޤެއް ނުކުރެވޭނެ ސަބަބަކީ ހިނގާ ކޮންމެ ކަމެއްގެ ފަހަތުގައި އެކަމެއް މެދުވެރިކުރުވި ފަރާތެއް ވާންޖެހޭނެއެވެ. އަދި މިކާއިނާތުގައި މިވާ ފުރިހަމަ އިންތިޒާމުތާއި ސަބަބާ އެސަބަބު މެދުވެރިކުރުވި ފަރާތާ ދެމެދުގައިވާ ބަދަހި ގުޅުމާ އަދި އެއް މަޚްލޫޤަކާ އަނެއް މަޚްލޫޤެއްގެ ދެމެދުގައިވާ ގުޅުމަކީ އެއްވެސް ރޭވުން ތެރިކަމެއްނެތި “ޗާންސަކުން” ވާނޭ ކަންކަމެއް ނޫނެވެ.
އެހެނީ އެއްވެސް ރޭވުން ތެރިކަމެއްނެތި “ޗާންސަކުން” އުފެދޭ އެއްޗެއް ފުރަތަމަ ވުޖޫދަށް އެއަންނަނީވެސް ނިޒާމެއް ނެތިއެވެ. އެފަދައިންވީ އެއްޗެއް ދެން ތަރައްޤީވަމުން ދާއިރު ނުވަތަ ދެމިގެންދާއިރު ނިޒާމެއްގެ ދަށުން ކުރިއަށްދާނީ ކިހިނަކުން ހެއްޔެވެ؟
އެހެންކަމުން އަމިއްލަ ނަފްސު ޚަލްޤުނުކުރެވެންޏާ އަދި އެއްވެސް ރޭވުން ތެރިކަމެއްނެތި “ޗާންސަކުން” ޚަލްޤުނުކުރެވެންޏާ އޭގެން ލާޒިމުވަނީ މިކާއިނާތުތައް ވުޖޫދުގައި ލެއްވި ފަރާތެއްވާނެ ކަމެވެ. އެއީ ﷲ ތަޢާލާއެވެ. އެއިލާހީ ޢާލަމްތަކުގެ ވެރިރައްބެވެ.
ﷲ ތަޢާލާވަނީ މި ބުއްދީގެ ދަލީލު، ޠޫރު ސޫރަތުގައި ބަޔާންކުރައްވާފައެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ﴾ [الطور٣٥]
މާނައީ: “އަދި ކިއެއްތަ! ހެއްދެވިފަރާތެއްނެތި އެއުރެން ހެދިގަތީ ހެއްޔެވެ؟ ނުވަތަ ހެއްދެވި ފަރާތްތަކަކީ، އެއުރެން ހެއްޔެވެ؟”
އެބަހީ: އެއުރެން ޚަލްޤުކުރެއްވުނީ ޚާލިޤެއް ނެތިއެއް ނޫނެވެ. އަދި އެއުރެން އެއުރެންގެ އަމިއްލަ ނަފްސުތައް ޚަލްޤެއް ނުކުރެއެވެ. އެހެންކަމުން އެނގިގެންދަނީ އެއުރެން ޚަލްޤުކުރެއްވި ފަރާތަކީ ﷲ ތަޢާލާކަމެވެ.
ޖުބައިރު ބުން މުޠުޢިމު رضي الله عنه ވިދާޅުވިއެވެ. “ﷲގެ ރަސޫލާ صلى االله عليه وسلم މަޣްރިބް ނަމާދުގައި ޠޫރު ސޫރަތް ކިޔަވާ ވިދާޅުވި އަޑު އެއްސެވީމެވެ. ފަހެ، މިއާޔަތްތަކާ ހަމައަށް ކިޔަވާ ވިދާޅުވިއެވެ.”
﴿أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ [35] أَمْ خَلَقُوا السَّمَاوَاتِ وَالْأَرْضَ بَلْ لَا يُوقِنُونَ [36] أَمْ عِنْدَهُمْ خَزَائِنُ رَبِّكَ أَمْ هُمُ الْمُصَيْطِرُونَ [37]﴾ [الطور٣٥ – ٣٧]
މާނައީ: “އަދި ކިއެއްތަ! ހެއްދެވިފަރާތެއްނެތި އެއުރެން ހެދިގަތީހެއްޔެވެ؟ ނުވަތަ ހެއްދެވި ފަރާތްތަކަކީ، އެއުރެން ހެއްޔެވެ؟ [35] އަދި ކިއެއްތަ! އުޑުތަކާއި، ބިން ހެދީ އެއުރެން ހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންނީ އީމާންނުވާ ބަޔެކެވެ. [36] އަދި ކިއެއްތަ! ކަލޭގެފާނުގެ ވެރިރައްބުގެ ޚަޒާނާތައް އެބައިމީހުންގެ ގާތުގައި ވަނީހެއްޔެވެ؟ ނުވަތަ އެކަންކަމުގެ ބާރު، އެއުރެންނަށް ލިބިގެންވަނީ ހެއްޔެވެ؟ [37]”
ޖުބައިރުގެފާނު ވިދާޅުވިއެވެ. “(މިއާޔަތްތައް އިވުމުން) ތިމަންކަލޭގެފާނު ހިތްޕުޅު އުދުއްސައި ނުގަތީ ހަމަކިރިއާއެވެ.”[رواه البخاري (4854)]
އޭރު ޖުބައިރުގެފާނަކީ މުޝްރިކެކެވެ. އެކަލޭގެފާނުގެ ހިތްޕުޅަށް އެންމެ ފުރަތަމަ އީމާންކަންވަނީ އެޙިސާބުންނެވެ.
މިކަން ސާފުކޮށްދޭ މިޘާލެއް ބަޔާންކޮށްދޭނަމެވެ. ވަރަށް ފުރިހަމަ ގަނޑުވަރެއްގައި ރީތި ބަގީޗާތަކާއި ފެންއާރުތަކާއި ގޮނޑިއާއި ކާޕެޓުތަކާއި އެކިވައްތަރުގެ ޒީނަތްތެރިކަމުން ޒީނަތްތެރިކުރެވިފައިވާކަމުގެ ވާހަކަ މީހަކު ތިބާގެ ގާތުގައި ބުނެފާނެއެވެ. އަދި އެއަށްފަހު “މިތަނުގައިވާ ހުރިހާ އެއްޗަކީ އަމިއްލައަށް އުފެދުނު ތަކެއްޗޭ ނުވަތަ “ޗާންސަކުން” އުފެދުނު ތަކެއްޗޭ” ބުނުމުން އެކަން އިންކާރުކުރުމަށް ތިބާ އަވަސްވެގަންނާނެއެވެ. އަދި އޭނާ އެދެއްކީ މޮޔަވާހަކައެއްކަމަށް ތިބާ ދެކޭނެއެވެ. ދެންފަހެ މިތަނަވަސް ކައުނާއި އުޑާއި ބިމާއި ފަލަކުތަކާއި އޭގެ އެކި ޙާލަތްތަކާ އަދި މަތިވެރި ނިޒާމުތަކަކީ އަމިއްލައަށް އުފެދުނު ތަކެއްޗަށް ވާނެ ހެއްޔެވެ. ނުވަތަ ޗާންސަކުން އުފެދުނު ތަކެއްޗަށް ވެދާނެ ހެއްޔެވެ.
= ނުނިމޭ =
މިލިޔުމުގެ އެެހެނިހެން ބައިތައް
މަޞްދަރު: شرح أصول الإيمان للشيخ ابن عثيمين -رحمه الله-.