4. ﷲ ތަޢާލާ ވޮޑިގެންވާކަމުގެ ޙިއްސީ ދަލީލު:
ފަހެ ﷲ ވޮޑިގެންވާކަމުގެ ޙިއްސީ ދަލީލުވަނީ ދެގޮތަކުންނެވެ.
ފުރަތަމައީ: ދުޢާކުރާމީހުންގެ ދުޢާ އިޖާބަކުރެއްވޭކަމާއި ބޮޑެތި މުޞީބާތްތަކުގައިވާ މީހުންގެ އުނދާގޫތައް ފިއްލަވައިދެއްވާކަން އަޅުގަނޑުމެންނަށް އެނގި އަދި ފެނެއެވެ. މިކަންކަމުން ޝައްކެތްނެތި ދަލީލުކުރަނީ ﷲ ތަޢާލާ ވޮޑިގެންވާކަމެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿وَنُوحًا إِذْ نَادَىٰ مِن قَبْلُ فَاسْتَجَبْنَا لَهُ…﴾ [الأنبياء: 76]
މާނައީ: “އަދި އޭގެކުރިން، نوح ގެފާނު (ތިމަންރަސްކަލާނގެ حضرة އަށް) دعاء ކުރެއްވިހިނދު، ހަނދުމަކުރާށެވެ! ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވީމެވެ.”
އަދިވެސް ވަޙީކުރެއްވިއެވެ.
﴿إِذْ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ…﴾ [الأنفال: 9]
މާނައީ: “ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށް އެހީއަށްއެދި ތިޔަބައިމީހުން ދެންނެވިހިނދު، ހަނދުމަކުރާށެވެ! ފަހެ، އެހިނދު އެކަލާނގެ ތިޔަބައިމީހުންނަށް އިޖާބަދެއްވީމެވެ.”
މިއަދާ ހަމައަށްވެސް ދުޢާކުރާމީހުންގެ ދުޢާ އިޖާބަވެގެންދާކަމީ ފެންނަށް އޮތް ޙަޤީޤަތެކެވެ. ނަމަވެސް ދުޢާ އިޖާބަވެގެންދަނީ ﷲ އަށް ދެންނެވުމުގައި ތެދުވެރި އަދި ދުޢާ އިޖާބަކުރެއްވޭ ޝަރުޠުތަކާއެކު ދުޢާކުރާމީހުންނަށެވެ.
ދެވަނައީ: ނަބީބޭކަލުންނަށް ދެއްވުނު މުޢުޖިޒާތްތަކަކީ މީސްތަކުންނަށް ފެނި ނުވަތަ އިވިފައިވާ ހެކިތަކެކެވެ. އޭގެން ދަލީލުކޮށްދެނީ ޝައްކެތްވެސް ނެތް ގޮތުގައި އެބޭކަލުން ފޮނުއްވި ފަރާތެއްވާކެމެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އެހެނީ އެކަންކަމީ އިންސާނާއަށް ކުޅަދާނަކަން ލިބިފައިވާ ދާއިރާގެ ބޭރުން ހިނގާ ކަންކަމެވެ. އެކަންކަން ﷲ ތަޢާލާ މެދުވެރިކުރައްވަނީ ރަސޫލުބޭކަލުންނަށް ބާރުދެއްވައި ނަޞްރުދެއްވުމަށެވެ. އޭގެ އެއް މިސާލަކީ މޫސާގެފާނަށް ދެއްވުނު މުޢުޖިޒާތެވެ. ﷲ ތަޢާލާ އެކަލޭގެފާނަށް އަމުރުކުރެއްވިއެވެ.
﴿أَنِ اضْرِب بِّعَصَاكَ الْبَحْرَ﴾
މާނައީ: “ކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖައްސަވާށެވެ!”
ފަހެ އެކަލޭގެފާނު އޭގައި ޖެއްސެވުމުން އެފަޅަފަޅައިގެންގޮސް އެވެގެން ދިޔައީ ހިކިފައިވާ ބާރަ މަގަށެވެ. އަދި އެދެމެދުގައި ފެންތައްވީ ފަރުބަދަތަކެއް ފަދައިންނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿فَأَوْحَيْنَا إِلَى مُوسَى أَنِ اضْرِبْ بِعَصَاكَ الْبَحْرَ فَانْفَلَقَ فَكَانَ كُلُّ فِرْقٍ كَالطَّوْدِ الْعَظِيمِ﴾ [الشعراء: 63]
މާނައީ: “ފަހެ، ތިމަންރަސްކަލާނގެ موسى ގެފާނަށް وحى ކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖައްސަވާށެވެ! ދެން (موسى ގެފާނު ޖެއްސެވުމުން، ބާރަ ބަޔަށް) އެ ކަނޑު އިރައިގެން ހިނގައްޖެއެވެ. އެއިން ކޮންމެ ބައެއް، ބޮޑު ފަރުބަދައެއް ފަދައިންވިއެވެ.”
އޭގެ ދެވަނަ މިސާލަކީ: ޢީސާގެފާނަށް ދެއްވުނު މުޢުޖިޒާތެވެ. ﷲ ތަޢާލާގެ އިޛުނަފުޅާއެކު މަރުވެފައިވާ މީހުންނަށް އެކަލޭގެފާނު ދިރުންދެއްވިއެވެ. އަދި އެބައިމީހުން ގަބުރުތަކުން ނެރުއްވިއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿…وَأُحْيِي الْمَوْتَىٰ بِإِذْنِ اللَّـهِ… ﴾ [آل عمران: 49]
މާނައީ: “ﷲ ގެ إذن ފުޅާއެކު، މަރުވެފައިވާ މީހުން ދިރުއްވާހުށީމެވެ.”
އަދިވެސް ވަޙީކުރެއްވިއެވެ.
﴿…وَإِذْ تُخْرِجُ الْمَوْتَى بِإِذْنِي… ﴾ [المائدة: 110]
މާނައީ: “އަދި ތިމަންރަސްކަލާނގެ إذن ފުޅާއެކު، ކަލޭގެފާނު، މަރުވެފައިތިބި މީހުން ދިރުއްވައި، ނެރުއްވިހިނދެވެ.”
ތިންވަނަ މިސާލަކީ: އަޅުގަނޑުމެންގެ ނަބިއްޔާ صلى الله عليه وسلم އަށް ދެއްވުނު މުޢުޖިޒާތެކެވެ. އެއީ ޤުރައިޝުން އެކަމަށް އެދުނު ހިނދުއެވެ. ފަހެ އެކަލޭގެފާނު ހަނދަށް އިޝާރާތްކުރެއްވުމުން ހަނދުދެފަޅިވެ، މީސްތަކުންނަށް އެމަންޒަރު ފެނުނެވެ. އެކަމާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿اقْتَرَبَتِ السَّاعَةُ وَانْشَقَّ الْقَمَرُ [1] وَإِنْ يَرَوْا آيَةً يُعْرِضُوا وَيَقُولُوا سِحْرٌ مُسْتَمِرٌّ [2] ﴾ [القمر: 1- 2]
މާނައީ: “قيامة ވުމުގެ ވަގުތު ގާތްވެއްޖެއެވެ. އަދި ހަނދު އިރިއްޖެއެވެ. [1] އަދި އެއުރެންނަށް ހެތްކެއް ފެންނަނީނަމަ، އެއުރެން ފުރަގަސްދެތެވެ. އަދި ބުނެތެވެ. މިއީ ދެމިހުންނަނިވި ޖާދޫއެކެވެ. [2]”
ފަހެ މިޙިއްސީ އާޔަތްތައް ދަލީކުކުރަނީ ﷲ ތަޢާލާ ވޮޑިގެންވާކަމެވެ. ފަހެ އެއިލާހަށް ވުރެ މަތިވެރި ފަރާތެއް ނުވެއެވެ. އަދި ޙިލުމުވަންތަ ފަރާތެއްވެސް ނުވެއެވެ. އެއިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ.
وصلى الله على نبينا محمد وعلى آله وصحبه أجمعين.
=ނިމުނީ =
މިލިޔުމުގެ އެެހެނިހެން ބައިތައް
މަޞްދަރު: شرح أصول الإيمان للشيخ ابن عثيمين -رحمه الله-.