[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖަރްޙާއި ތަޢްދީލު (11)

رابعاً: النظر في أصول الرواة وكتبهم (ހަތަރުވަނަ މަގު: ރާވީންގެ އުޞޫލުތަކާއި ފޮތްތަކަށް ނަޒަރުހިންގައިގެން)

ނަޤުދުކުރައްވާ އިމާމުން ރާވީންގެ އުޞޫލުތަކާއި ފޮތްތަކަށް ނަޒަރުހިންގަވައި، އޭގެ ޞައްޙަކަމާއި، އެއަށް ބަދަލުގެނައުމުންނާއި އިތުރުކުރުމުން އެ ސަލާމަތްވެގެންވާކަން ކަށަވަރުކުރެއްވިއެވެ. އެއަށް ބަދަލުގެނެވިފައިވާނަމަ، އެ ބަދަލަކީ ރާވީ އަމިއްލައަށް ގެނައި ބަދަލެއްތޯ، ނުވަތަ އެހެން މީހަކު ގެނައި ބަދަލެއްތޯ ބެއްލެވިއެވެ. އަދި ރާވީ ޙަދީޘްތަކެއް ކިޔައިދީފިނަމަ، އޭނާގެ ތެދުކަން ކަށަވަރުކުރަން އެއަށް އަޞްލެއްވޭތޯ ނުވަތަ ނުވޭތޯ އެ ބޭފުޅުން ބެއްލެވިއެވެ. އަދި ރާވީ އޭނާގެ ޙަދީޘުގައި ކުށްޖައްސާފައިވާނަމަ، އެ ކުށަކީ އޭނާގެ އަޞްލުގައި ޖެހިފައިވާ ކުށެއްތޯ ނުވަތަ އޭނާ ހިތުން ކިޔައިދޭއިރު ކުށްޖެހެނީތޯ އެ ބޭފުޅުން ބެއްލެވިއެވެ. އަދި ރާވީ އޭނާގެ ޝައިޚުގެ އުޞޫލާއި ފޮތަށް ރައްކާކޮށްގެން ގެންގުޅޭނަމަ، އޭނާ އެއަށް ރައްކާތެރިވެފައިވޭތޯ ނުވަތަ އެއަށް ބަދަލުގެނެސްފައިވޭތޯ ބެއްލެވިއެވެ.

މި ވަސީލަތުގެ ސަބަބުން، އޭނާގެ ފޮތް ނުވަތަ އޭނާގެ ޝައިޚުގެ ފޮތް ކުޅޭކުޅޭ އެއްޗެއްގެ ގޮތުގައި ބޭނުންކުރިޔަނުދީ ނުވަތަ އެއަށް ޣާފިލުވެވުނަނުދީ، އެއަށް ރައްކާތެރިވާ ރާވީން ވަކިކޮށް ދެނެގަތުމުގެ ފުރުސަތު ލިބުނެވެ. އަދި ހަމައެހެންމެ، ބައެއް ރާވީން އެއުރެންގެ އުޞޫލުތަކާއި ފޮތްތަކާ މެދު ގެންގުޅޭ ފަރުވާކުޑަކަން ފާޅުވެގެންދިޔައެވެ. އަދި ބައެއް ރާވީން އެއުރެންގެ އުޞޫލުތަކާއި ފޮތްތަކަށް ޤަޞްދުގައި ބަދަލުގެނައުމުގެ ސަބަބުން އެއުރެންގެ ދޮގުވެރިކަން ފާޅުވެގެންދިޔައެވެ.

خـامساً: النظر في أحاديث الراوي ومروياته (ފަސްވަނަ މަގު: ރާވީގެ ޙަދީޘްތަކަށާއި އޭނާގެ ރިވާޔަތްތަކަށް ނަޒަރުހިންގުން)

ރާވީގެ ޢަދުލުވެރިކަމާއި ޟަބްޠު ދެނެގަތުމަށްޓަކައި ހުރި މުހިއްމު ވަސީލަތްތަކުގެ ތެރޭގައި، ނަޤުދުކުރައްވާ ޢިލްމުވެރިޔާ ރާވީގެ ޙަދީޘްތަކާއި އޭނާގެ ރިވާޔަތްތަކާ މެދު ފިކުރުހިންގައި، އެ ތަކެތި އެ ބޭފުޅާގެ އަތްޕުޅުގައިވާ ގުޅުންހުރި އެހެނިހެން މަޢުލޫމާތުތަކާ އަޅައިބެލުން ހިމެނެއެވެ. މިސާލަކަށް، ރާވީގެ ޝައިޚުންނެވެ. އެ ގޮތުން، އެ ޝައިޚުންގެ ފަރާތުން ޙަދީޘް އަޑުއެހުމުގެ ފުރުސަތު އެ ރާވީއަށް އެބައޮތްތޯއާއި، އެ ޝައިޚުންގެ އަތްޕުޅުގައި އޮތީ ކޮންކޮން ޙަދީޘްތަކެއްތޯއާއި، އެ ޝައިޚުންގެ ފަރާތްޕުޅުން އެހެން ރާވީން ރިވާކޮށްފައިވަނީ ކިހިނަކުންތޯއާއި، ވަކި ބާބެއްގައި އޮތީ ކޮންކޮން ޙަދީޘްތަކެއްތޯއާއި، އެ ރާވީގެ އަތުގައި އޮތީ ކޮންކޮން ޙަދީޘްތަކެއްތޯއާއި އޭގެ މަތުނުތައް ސަލާމަތުން އޮތްތޯފަދަ ކަންކަމަށް ބެލިދާނެއެވެ.

=ނުނިމޭ=

ތަރުޖަމާކުރި އަޞްލު: الجرح والتعديل للأستاذ الدكتور إبراهيم اللاحم (جامعة القصيم)