-
ޢަމަލުތައް ޤަބޫލުނުވެދާނެތީ އެކަމަށް ބިރުވެތިވުން
ކޮންމެ ހެޔޮ ޢަމަލެއް ކުރާއިރުވެސް އެއީ މާމޮޅު ޢަމަލެއްކަމުގައި ނުދެކޭށެވެ. އަދި އެކަމެއް ޤަބޫލުނުވެދާނެތީ އެކަމަށް ބިރުވެތިވާށެވެ. ސަލަފުންގެ ބޭކަލުން ދުޢާކުރައްވައެވެ.
“اللهُمَّ إنَّا نَسْأَلُكَ العَمَلَ الصَّالِحَ وَحِفْظِهِ”
މާނައީ: އޭ ﷲ! އަޅަމެންނަށް ޞާލިޙު ޢަމަލު މިންވަރުކޮށްދެއްވައި އެޢަމަލުތައް ރައްކާތެރިކޮށްދެއްވުމަށް އިބައިލާހުގެ ޙަޟްރަތުގައި ދަންނަވަމެވެ.”
އެޢަމަލުތަކާމެދު ބޮޑާ ނުވުމާއި އެއާމެދު ފަޚުރުވެރި ނުވުމީ އެޢަމަލުތައް ރައްކާތެރިވުމުގެ ތެރެއިންވާކަންކަމެވެ. އަދި ކިއެއް ހެއްޔެވެ. އަބަދުވެސް އެޢަމަލުތައް ޤަބޫލުނުވެދާނެތީ އެކަމާމެދު ބިރުވެތިވާންޖެހޭނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَلَا تَكُونُوا كَالَّتِي نَقَضَتْ غَزْلَهَا مِن بَعْدِ قُوَّةٍ أَنكَاثًا تَتَّخِذُونَ أَيْمَانَكُمْ دَخَلًا بَيْنَكُمْ أَن تَكُونَ أُمَّةٌ هِيَ أَرْبَىٰ مِنْ أُمَّةٍ ۚ إِنَّمَا يَبْلُوكُمُ اللَّـهُ بِهِ ۚ وَلَيُبَيِّنَنَّ لَكُمْ يَوْمَ الْقِيَامَةِ مَا كُنتُمْ فِيهِ تَخْتَلِفُونَ﴾ [سورة النحل ٩٢]
މާނައީ: ” އަދި އުއިގުޅައި، ރޮދިއަޅައި ހަރުކުރުމަށްފަހު، އެތިއެތިކޮޅަށް އެ ކޮށައި ހަލާކުކޮށްލި ކަނބުލޭގެ ފަދައިން، ތިޔަބައިމީހުން ނުވާށެވެ! (އެބަހީ: ޢަހުދުތަކުގެ ބާރު ލިބިގަތުމަށްފަހު، އެ ޢަހުދުތައް އުވާލާ ބަޔަކު ކަމުގައި ތިޔަބައިމީހުން ނުވާށެވެ!) ތިޔަބައިމީހުންގެ މެދުގައި، ފަސާދަވެރިކަން އުފެއްދުމަށްޓަކައި އޮތް އެއްޗެއްކަމުގައި، ތިޔަބައިމީހުންގެ ހުވާތައް ހަދަމުއެވެ. (އެއީ) ތިޔަބައިމީހުންކުރެ އެއްބަޔަކު، އަނެއްބަޔަކަށްވުރެ ގިނަބަޔަކުކަމުގައި ވެދާނެތީއެވެ. ހަމަކަށަވަރުން، ﷲ، ތިޔަބައިމީހުން އެކަމުން އިމްތިޙާނު ކުރައްވަތެވެ. އަދި ތިޔަބައިމީހުން، ޚިލާފުވެ އުޅުނުކަންތައް، ޤިޔާމަތް ދުވަހުން އެއިލާހު ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވާނެކަން ކަށަވަރެވެ.”
އުންމުލް މުއުމިނީން ޢާއިޝާ ވިދާޅުވިއެވެ.
“އޭ ﷲ ގެ ރަސޫލާއެވެ. މިއާޔަތުގައި މިވާ:
﴿وَالَّذِينَ يُؤْتُونَ مَا آتَوا وَّقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَىٰ رَبِّهِمْ رَاجِعُونَ﴾ [سورة المؤمنون٦٠]
މާނައީ: ” އަދި އެއުރެންނީ އެއުރެންގެ ވެރިއިލާހުގެ ޙަޟްރަތަށް، ހަމަކަށަވަރުން، އެނބުރިދާނޭކަމާމެދު އެއުރެންގެ ހިތްތައް ބިރުވެތިވެގެންވާ ޙާލު (ޞަދަޤާތުގެ ގޮތުން) އެއުރެން ދޭއެއްޗެއް ދޭމީހުންނެވެ.”
އެއީ ވައްކަންކޮށް، ޒިނޭކޮށް އަދި ރާ ބޯ މީހާ، އެކަންކަމަށްޓަކައި ﷲ ޢައްޒަ ވަޖައްލަ އަށް ބިރުވެތިވާ ވާހަކަ ހެއްޔެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
“އޭ އަބޫ ބަކުރުގެ ދަރިކަނބަލުންނޭވެ! ނޫނެކެވެ. އެހެނަސް އެއީ ނަމާދުކޮށް ރޯދަހިފައި ޞަދަޤާތްކުރާ ޙާލު، ﷲ ތަޢާލާ އެކަންތައްތައް ޤަބޫލުފުޅު ނުކުރައްވަފާނެކަމަށް ބިރުވެތިވާ މީހުންނެވެ.” [رواه أحمد والترمذي]
އިބްނު ކަޘީރު އެކަލޭގެފާނުގެ ތަފްސީރުގައި[1] މިއާޔަތާމެދު ވިދާޅުވެފައިވެއެވެ.
އެބަހީ: އެބައިމީހުން އެ ދޭ އެއްޗެއް ދެނީ އެބައިމީހުންގެ ކިބައިން އެކަންތައްތައް ޤަބޫލުނުވެދާނެތީ އެކަމާ ބިރުވެތިވާ ޙާލެވެ. އެއީ އެ ދޭ ދިނުމުގައި ފަރުވާކުޑަކުރެވިފައި އޮވެދާނެތީއެވެ.”
އިޚްލާޞްތެރިކަމަކީ އެކަމަށްޓަކައި، ޢަމަލުގެ ކުރިންނާއި ޢަމަލުކުރާއިރުގައްޔާ އަދި އޭގެ ފަހުންވެސް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމެކެވެ.
-
މީސްތަކުން ދައްކާ ވާހަކަތަކަށް ފަރުވާލެއް ނުބެހެއްޓުން
ތައުފީޤު ލިބިގެންވާ މީހަކީ މީސްތަކުން އޭނާއަށް މަދަޙަ ކިޔަސް އެކަމުން އަޘަރު ނުކުރާ މީހާއެވެ. ފަހެ އޭނާ ހެޔޮކަމެއް ކުރުމުން މީސްތަކުން އެކަމާ ޘަނާ ކިޔައިފިނަމަ، އޭނާގެ ތަވާޟުޢުވެރިކަމާއި ބިރުވެތިކަން މެނުވީ އިތުރުވެގެން ނުދާނެއެވެ. އަދި އެފަދަ މީހަކު ޔަޤީންކުރާނީ މީސްތަކުން އެކިޔާ މަދަޙަ ޘަނާއަކީ އޭނާއަށްވާ އިމްތިޙާނެއްގެ ގޮތުގައެވެ. އަދި އޭނާ އެއިމްތިޙާނުން ސަލާމަތް ކޮށްދެއްވުން އެދި އޭނާގެ ވެރިރައްބުގެ ޙަޟްރުގައި ދަންނަވާނެއެވެ. ފަހެ ﷲ ތަޢާލާ ފިޔަވާ އެހެން އެއްވެސް ފަރާތެއްގެ މަދަޙައިގެ ބަހަކުން އޭނާއަކަށް ފައިދާއެއް ނުވާނެއެވެ. އަދި އެއިލާހުގެ ޙަޟްރަތުންވާ ނިކަމެތިކޮށްލުމުގެ ބަހަކުން ފިޔަވާ އޭނާއަށް ގެއްލުމެއްވެސް ނުވާނެއެވެ. އަދި އޭނާ ދެކޭނީ މީސްތަކުންގެ އެފަދަ ބަސްތަކަކީ ކަށްވަޅުގައިވާ ބައެއްގެ ބަސްތަކެއްފަދަ އެއްޗެއްކަމަށެވެ. އޭގެން ކުރާނޭ ފައިދާއެއް ނުވަތަ ވާނޭ ގެއްލުމެއް ނެތެވެ.
އިބްނުލް ޖައުޒީ ވިދާޅުވިއެވެ. [2]
“މަތީ ދަރަޖަތައް ހޯދި ބޭކަލުން އެކަމަށް ވާޞިލުވީ، މީސްތަކުންނަށް ބެލުން ދޫކޮށްލައި އަދި ހިތްތަކުން މީސްތަކުންނަށް ދެވިފައިވާ ޖާހު ފޮހެލައިގެންނެވެ. އަދި ހެޔޮ ޢަމަލުކޮށް، އެކަމުގައި ނިޔަތް ރަނގަޅުކޮށް އަދި އަމިއްލަ ނަފްސުގެ ޙާލަތު ވަންހަނާކޮށްގެންނެވެ.”
___________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް
[1] تفسير ابن كثير (3/248)
[2] صيد الخاطر 251