[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިމާމު ނަވަވީގެ ސާޅީސް ޙަދީސް 10

الحديث الثالث عشر:

عَنْ أَبِي حَمْزَةَ أَنَسِ بْنِ مَالِكٍ رضي الله عنه -خَادِمِ رَسُولُ اللهِ صلى الله عليه وسلم- عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: ((لَا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لِأَخِيهِ مَا يُحِبُّ لِنَفْسِهِ)) [رواه البخاري ومسلم]

 

މާނައީ: ﷲގެ ރަސޫލާ ﷺ ގެ ޚާދިމު، އަބޫ ޙަމްޒާ، އަނަސް ބުން މާލިކު رضي اللّه عنه ރިވާކުރެއްވިއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. “ތިބާގެ އަމިއްލަ ނަފްސަށް ލޯބިކުރާ ކަންކަން، ތިބާގެ އަޚާއަށްވެސް (ލިބުމަށް) ލޯބިކޮށްފުމަށް ދާންދެން، ތިޔަބައިމީހުންކުރެ އެކަކުވެސް (ފުރިހަމަ ގޮތުގައި) އީމާނެއް ނުވެއެވެ.”

 

الحديث الرابع عشر:

عَنِ ابْنِ مَسْعُودٍ رضي الله عنه قَالَ: قَالَ رَسُولُ اللهِ صلى الله عليه وسلم : ((لَا يَحِلُّ دَمُ امْرِئٍ مُسْلِمٍ إِلَّا بِإِحْدَى ثَلَاثٍ: الثَّيِّبُ الزَّانِي، وَالنَّفْسُ بِالنَّفْسِ، وَالتَّارِكُ لِدِيْنِهِ الْمُفَارِقُ لِلْجَمَاعَةِ)) [رواه البخاري ومسلم]

 

މާނައީ: އިބްނު މަސްޢޫދު رضي اللّه عنه ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. “ތިން ކަމަކުން މެނުވީ، މުސްލިމެއްގެ ލޭ ހުއްދަވެގެން ނުވެއެވެ. (އެއީ) ކައިވެންޏަށް ފަހު ޒިނޭކުރާ މީހާއެވެ. އަދި ނަފްސަކަށް ނަފްސެކެވެ. (އެބަހީ: މީހަކު މެރުމުގެ ސަބަބުން މަރުގެ ޙުކުމް ޤާއިމުކުރެވޭ މީހާއެވެ.) އަދި (މުރުތައްދުވެ) ދީން ދޫކޮށް، (މުސްލިމުންގެ) ޖަމާޢަތާ ވަކިވެގަންނަ މީހާއެވެ.”

 

 

ހަދީސްގެ ޝަރަޙަ

މި ހަދީސްފުޅުގެ މުރާދަކީ މީސްތަކުންގެ ފުރާނަތައް ހިފުން އެއީ ހުއްދަނޫން ކަމެއްކަން ބަޔާންކުރެއްވުމެވެ.

މީސްތަކުންގެ ފުރާނަތަކާއި ހަށިތަކާއިމެދު އަޞްލަކީ ރައްކާތެރިވެގެންވުމެވެ. ކަން މިހެންހުރުމާއެކު، ވަކި ސަބަބުތަކެއް މެދުވެރިވުމުން އެމީހާގެ ލޭ އޮހޮރުވުން ކަމާބެހޭ ޖުޑީޝަލް މުއައްސަސާތަކަށް (ކޯޓުތަކަށް) ހުއްދަވެއެވެ. އެސަބަބުތައް މިހަދީސްގައި ބަޔާންވެފައިއެވަނީއެވެ. އެއީ:

  – މީހަކާ އިނދެ، ޖިމާޢުވުމަށްފަހު ޒިނޭކުރުން: ފަހެ، މިމީހާގެ ޙައްދަކީ ހިލައިންތަޅާމެރުމެވެ. (އެބަހީ ރަޖަމުކުރުމެވެ.)

ލިވާތުކުރުމުގެ ހުކުމަކީވެސް މެރުމެވެ. އެކަމަކު މަރަންވީގޮތާއިމެދު މަޒުހަބުތަކުގައިވަނީ އިޚްތިލާފުވެފައެވެ. ލިވާތުކުރުމަކީ ފިރިހެނުން ފިރިހެނުންނާއިއެކު ޖިންސީ ޢަމަލުހިންގުމެވެ. ސިހާޤުކުރުމުގެ ޙުކުމަކީ ތަޢުޒީރުކުރުމެވެ. ސިހާޤުކުރުމަކީ އަންހެނުން އެހެން އަންހެނުންނާއެކު ޖިންސީ ޢަމަލު ހިންގުމެވެ.

– މީހަކުމެރުމުގެ ސަބަބުން މަރާންޖެހުން: މި ގިންތީގެ ދަށުން އެބައެއްގެ މައްޗަށް މަރުގެ ޙުކުމް އަންނަނީ ޤަތުލުޢަމްދު ކުރިމީހުންނަށާއި، ޤަތުލު ޝިބުޙުޢަމްދުކުރި މީހުންނަށެވެ.

– ޖަމާޢަތާއިވަކިވެގަނެ ދީންދޫކޮށް މުރުތައްދުވެއްޖެމީހާ: އިސްވެދިޔަ ބައިތަކެކޭ އެއްފަދައިން މުރުތައްދުވެފައިވާމީހާގެ މައްޗަށްވެސް ޙުކުމް ކަނޑައަޅާނީ ޝަރުޢީ ކޯޓުތަކުންނެވެ. ޢާއްމުންގެ ވަކިވަކިފަރުދުންނެއް ނޫނެވެ.

 

މި ހަދީސް ޝަރަޙަކޮށްދެއްވަމުން އިމާމް އަލްހާފިޒް އިބްނި ރަޖަބު ވިދާޅުވިއެވެ. ޝަރުޢީ ކޯޓުތަކަށް މިނޫންވެސް ބައެއްމީހުންގެ މައްޗަށް މަރުގެ ޙުކުމް އިއްވިދާނެއެވެ. އެބައިމީހުންނަކީ:

  1. ލިވާތުކުރާމީހާ
  2. އެމީހާގެ މަޙްރަމަކާ އެކީގައި ޖިންސީ ޢަމަލު ހިންގިމީހާ
  3. ސިހުރުވެރިޔާ
  4. ޖަނަވާރަކާ އެކީގައި ޖިންސީ ޢަމަލުހިންގިމީހާ
  5. ހަތަރުވަނަ ފަހަރަށް ރާބޯމީހާ
  6. ފަސްވަނަފަހަރަށް ވައްކަންކުރާމީހާ
  7. ކާފިރުންނަށް މުސްލިމުންގެ ޚަބަރުތައް ޖާސޫސްކޮށްހަދައިދޭ މުސްލިމުމީހާ

އަދިވެސް އިތުރުބައެއް ފަރާތްތައް ޒިކުރުކުރައްވާފައިވެއެވެ.

އިމާމު ނަވަވީގެ 40 ޙަދީޘް – އެހެންބައިތައް