ރިޒްޤު ހޯދުމަކީ ވަރަށް ގިނަ މީހުން ކަންބޮޑުވާކަމެކެވެ. ކުޑަކުދިން އެކަމަށް އުންމީދުކުރާއިރު ބޮޑެތި މީހުން އެކަމަށް މަސައްކަތްކުރެއެވެ. ދުނިޔަވީ ޙަޔާތުގެ ގިނަ ކަންބޮޑުވުންތަކާއި އެކަމުގެ ވާހަކަތައް އެނބުރެނީ އޭގެ ވަށައިގެންނެވެ. ކުޅަދާނަ މުއުމިނުންނަކީ ރިޒްޤުދެއްވާ ފަރާތަށް އެކަން ހަވާލުކުރާ މީހުންނެވެ.
ތިބާއަށްޓަކައިވާ ރިޒްޤެއް، ތިބާ ކިތަންމެ ނިކަމެތިވެފައިވަނިކޮށްވެސް އަންނާނެއެވެ. އަދި ތިބާއަށްޓަކައި ނުވާ އެއްޗެއް ތިބާގެ ގަދަބާރުންނެއް ހޯދައި ނުގަނެވޭނެއެވެ. އެހެންކަމުން ތިބާއަށް ލިބޭނެކަން ޔަޤީންވެފައިވާ ރިޒްޤެއް ހޯދުމުގެ ފިކުރުގައި ވަޤުތުތައް ބޭކާރުނުކޮށްލާށެވެ. އަޖަލުޖެހެންދެން ރިޒްޤު ތަނަވަސްވެގެންދާނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَمَا مِن دَابَّةٍ فِي الْأَرْضِ إِلَّا عَلَى اللَّـهِ رِزْقُهَا وَيَعْلَمُ مُسْتَقَرَّهَا وَمُسْتَوْدَعَهَا كُلٌّ فِي كِتَابٍ مُّبِينٍ﴾ [سورة هود ٦]
މާނައީ: “ބިމުގައި ހިނގާބިނގާ އުޅޭ ދިރޭ އެއްޗެހީގެ ތެރެއިން، އެ އެއްޗަކަށް ﷲ ރިޒްޤުނުދެއްވާ އެއްވެސް އެއްޗެއް ނުވެތެވެ. އެ ތަކެތި ބިމުގައިއުޅޭ ތަނާއި، މަރުވެގެން ވަޅުލާތަނެއް އެއިލާހު ދެނެވޮޑިގެންވެތެވެ. މި ހުރިހާ ކަމެއްވަނީ ބަޔާންވެގެންވާ ފޮތެއްގައި ލިޔުއްވާފައެވެ.”
ސަލަފުންގެ ބައެއް ބޭކަލުން ވިދާޅުވެފައިވެއެވެ.
“(ﷲ އަށް) ވަކީލުކުރާށެވެ. އެއްވެސް ބުރަކަމެއް، ދަތިކަމެއް ނެތި ރިޒްޤުތައް ތިބާގެ ގާތަށް އަންނާނެއެވެ.”
އަޅާއަށް ވަނީ ﷲ ތަޢާލާ އޭނާއަށް ދެއްވި ރިޒްޤާމެދު ރުހުމެވެ.
އުމަރު ބުން ޢަބްދުލް ޢަޒީޒު ވިދާޅުވިއެވެ.
“އަޅާއާ އޭނާގެ ރިޒްޤާދެމެދުގައި ފަރުދާއެއްވެއެވެ. ފަހެ އޭނާގެ ނަފްސު އެކަމާ ރުހި ހިތްހަމަޖެހިއްޖެނަމަ، އޭނާގެ ރިޒްޤު އޭނާގެ ގާތަށް އާދެއެވެ. އަދި އެއާ ދިމާކޮށް އެ ފަރުދާ ނަގާލައިފިނަމަ އޭނާއަށްޓަކައި ހުރި ރިޒްޤަށްވުރެ އިތުރަށް އޭނާއަކަށް ނުލިބޭނެއެވެ.”
ދުނިޔަވީ ކަންކަމުގައި އެމީހަކަށް ވުރެ ދަށުގައިވާ މީހުންނަށް ބަލައިފި މީހަކު ދަންނައެވެ. ދުނިޔަވީ ޙަޔާތުގައިވާ ކަންކަމުން ފުދިގެންވާކަމުގެ އިޙުސާސް އޭނާގެ ހިތަށް ވަންނާނެއެވެ.
ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.
((انْظُرُوا إِلَى مَنْ أَسْفَلَ مِنْكُمْ، وَلَا تَنْظُرُوا إِلَى مَنْ هُوَ فَوْقَكُمْ)) [رواه مسلم]
މާނައީ: “(ދުނިޔަވީ ކަންކަމުގައި) ތިޔަބައިމީހުންނަށް ވުރެ ދަށުގައިވާ މީހުންނަށް ބަލާށެވެ. އަދި (އެކަންކަމުގައި) ތިޔަބައިމީހުންނަށްވުރެ މަތީގައިވާ މީހުންނަށް ނުބަލާށެވެ.”
ފަހެ ރިޒްޤު ހޯދުމުގައި ގުނަވަންތަކުން މަސައްކަތްކުރުމާއެކު ދީލަތިވަންތަ ޚާލިޤުވަންތަ ﷲ އަށް ވަކީލުކުރާށެވެ. އަދި ދުނިޔަވީ ޙަޔާތުގެ އުންމީދުތަކަށް މާ ބޮޑަށް ޝައުޤުވެރި ނުވާށެވެ. އެކަމުގެ ސަބަބުން ވަކީލުކުރުމުގެ ދާއިރާއިން ތިބާ ބޭރުވެ، އެކަންކަން ޙާޞިލުކުރުމުގައި ހަމައެކަނި ސަބަބުގައި ހިފާމީހަކަށްވެ ވަކީލުކުރުން ދޫކޮށްލާމީހަކަށް ވެދާނެއެވެ. ﷲ ތަޢާލާ ތިބާއަށް ދޮރެއް ބަންދުކުރައްވައިފިނަމަ އެއިލާހުގެ ރަޙްމަތުން އެއަށްވުރެ ފައިދާ ބޮޑު ދޮރެއް ހުޅުއްވާ ދެއްވާނެއެވެ. ފަހެ އެންމެ ބާރުގަދަ މީހުންގެ ތެރެއިންވުމަށް އެދޭ މީހާ ﷲ އަށް ވަކީލުކުރާށެވެ. އަދި އެންމެ ފުދުންތެރިމީހުންގެ ތެރެއިން ވުމަށް އެދޭމީހާ ދަންނައެވެ. އެމީހެއްގެ އަތުގައިވާ އެއްޗަކަށްވުރެވެސް ބޮޑަށް ﷲ ތަޢާލާގެ އަތްޕުޅުގައިވާ އެއްޗަކާމެދު އޮންނަ ޔަޤީންކަން އިތުރުކުރާށެވެ.
_________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.