ﷲ ތަޢާލާވަނީ ބާއްޖަވެރިކަމުގެ މަރުޖިޢުތަކެއްކަމުގައި މައިންބަފައިން ލައްވާފައެވެ. އަދި އެބައިމީހުންނީ އޯގާތެރިކަމާއި ކުލުނުގެ ބަގީޗާއެވެ. އެދެމީހުންގެ ޙައްޤު ނުހަނު މަތިވެރިއެވެ. އެދެމީހުންގެ ހެޔޮކަމަށް ބަދަލެއް ނުދެވޭނެއެވެ. ޚަލްޤުތަކުންގެ އެންމެހާ ރިވެތިކަމުގެ މައްޗަށް އެދެމީހުން ކޮށްދީފައިވާ ހެޔޮކަން ގިނަގުނަވެގެންވެއެވެ. އިޙްސާންތެރިކަމާއި މާތްކަމުގައި މައިންބަފައިން ވަރުގެ ބައެއް ނުވެއެވެ.
މައިންބަފައިންނަށް ކަމޭހިތުމީ ނަބީބޭކަލުންގެ ޚުލުޤުފުޅެކެވެ. އަދި އެއީ ޞާލިޙުންގެ ރިވެތި އާދައެއްވެސްމެއެވެ. އަދި އެއީ މުޞީބާތްތަކުން ސަލާމްވެވޭ، ބަރަކާތް ޙާޞިލުކޮށްދޭ އަދި ދުޢާ އިޖާބަކުރެއްވުމުގެ ސަބަބެއްވެސްމެއެވެ. އެކަމުގެ ސަބަބުން މޭ ތަނަވަސްވެގެންދެއެވެ. އަދި ދިރިއުޅުން ރަނގަޅުވެގެންދެއެވެ. ޔަޙްޔާ عليه السلام ސިފަކުރައްވާ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَبَرًّا بِوَالِدَيْهِ وَلَمْ يَكُن جَبَّارًا عَصِيًّا﴾ [سورة مريم ١٤]
މާނައީ: “އަދި އެކަލޭގެފާނުގެ މައިންބަފައިންނަށް ހެޔޮކޮށް ހިއްތަވާ ބޭކަލަކު ކަމުގައިވިއެވެ. އަދި ނުކިޔަމަންތެރި، ޖައްބާރަކުކަމުގައި އެކަލޭގެފާނު ނުވެއެވެ.”
އަދި ޢީސާ عليه السلام އާ ބެހޭގޮތުން ވަޙީކުރެއްވިއެވެ.
﴿وَبَرًّا بِوَالِدَتِي وَلَمْ يَجْعَلْنِي جَبَّارًا شَقِيًّا﴾ [سورة مريم ٣٢]
މާނައީ: “އަދި މިއަޅާގެ މަންމައަށް ހެޔޮކޮށް ހިތާމީހަކު ކަމުގައި ލެއްވިއެވެ. އަދި މިއަޅާޔަކީ އަބާއްޖަވެރި، ޖައްބާރަކު ކަމުގައި ނުލައްވަތެވެ.”
މައިންބަފައިންނަށް ހެޔޮކޮށް ހިތާމީހަކު ވާހުށީ ބާއްޖަވެރި ތަވާޟުޢުވެރި މީހަކަށެވެ.
މައިންބަފައިންނަށް ކަމޭހިތުމަކީ ދީލަތިކަމުގެ ސިފައެކެވެ. އަދި އެއީ ފުރިހަމަކާއި މާތްކަމުގެ ދަލީލެކެވެ. އަދި އެއީ ސުވަރުގެއަށް ވާސިލުކޮށްދޭ މަގެކެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.
((الوَالِدُ أَوْسَطُ أَبْوَابِ الجَنَّةِ، فَإِنْ شِئْتَ فَأَضِعْ ذَلِكَ البَابَ أَوْ احْفَظْهُ)) [رواه الترمذي وصححه]
މާނައީ: “ބައްޕައަކީ ސުވަރުގޭގެ އެންމެ ރަނގަޅު ދޮރުކޮޅެވެ. (އެބަހީ: ބައްޕައަށް ކިޔަމަންގަތުމަކީ ސުވަރުގޭގެ އެންމެ މޮޅު ދޮރުކޮޅުން ވަދެވޭނެ މަގެވެ.) ފަހެ އެ ދޮރުކޮޅު ނަގާލުން ނުވަތަ އެއަށް ރައްކާތެރިވުންވެސްވަނީ ތިބާގެ އިޚްތިޔާރުގައެވެ.”
ﷲ ތަޢާލާގެ ޙައްޤު އަދާކުރުމަށްފަހު އެދެމީހުންގެ ޙައްޤު އަދާކުރުމަކީ ވާޖިބެކެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَاعْبُدُوا اللَّـهَ وَلَا تُشْرِكُوا بِهِ شَيْئًا وَبِالْوَالِدَيْنِ إِحْسَانًا﴾ [سورة النساء ٣٦]
މާނައީ: “ތިޔަބައިމީހުން، ﷲ އަށް އަޅުކަންކުރާށެވެ! އަދި، އެއިލާހަށް އެއްވެސް އެއްޗެއް ޝަރީކުނުކުރާހުށިކަމެވެ! އަދި، މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ.”
އެދެމީހުންނަށް ހެޔޮކޮށް ހިތުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލެކެވެ. އަދި އެއީ ﷲ ގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް މަތިވެރިވެގެންވާކަމެކެވެ.
އިބްނު މަސްޢޫދު ވިދާޅުވިއެވެ.
ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލާމެދު ނަބިއްޔާ ﷺ އާ ސުވާލުދެންނެވީމެވެ. ޙަދީޘްކުރެއްވިއެވެ.
((الصَّلاةُ عَلَى وَقْتِهَا))
މާނައީ: “ނަމާދު އޭގެ ވަޤުތުގައި އަދާކުރުމެވެ.”
ވިދާޅުވިއެވެ. އެއަށްފަހު ކޮންކަމެއްތޯއެވެ؟
ޙަދީޘްކުރެއްވިއެވެ.
((ثُمَّ بِرُّ الوَالِدَيْنِ))
މާނައީ: “އެއަށްފަހު މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ.”
ވިދާޅުވިއެވެ. އެއަށްފަހު ކޮންކަމެއްތޯއެވެ؟
ޙަދީޘްކުރެއްވިއެވެ.
((الجِهَادُ فِي سَبِيلِ الله))
މާނައީ: “އެއަށްފަހު ﷲ ގެ މަގުގައި ޖިހާދުކުރުމެވެ.” [متفق عليه]
އެދެމީހުންނަށް ހެޔޮކޮށް ހިތުމަކީ ސުވަރުގެއަށް ކޮށޭ މަގެކެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.
((رَغِمَ أَنْفُ، ثُمَّ رَغِمَ أَنْفُ، ثُمَّ رَغِمَ أَنْفُ»، قِيلَ: مَنْ؟ يَا رَسُولَ اللهِ قَالَ: «مَنْ أَدْرَكَ أَبَوَيْهِ عِنْدَ الْكِبَرِ، أَحَدَهُمَا أَوْ كِلَيْهِمَا فَلَمْ يَدْخُلِ الْجَنَّةَ)) [رواه مسلم]
މާނައީ: “އެ މީހަކު ނިކަމެތިވެ ގެއްލި ހަލާކުވެއްޖެއެވެ. ދެންވެސް އެ މީހަކު ނިކަމެތިވެ ގެއްލި ހަލާކުވެއްޖެއެވެ. ދެންވެސް އެ މީހަކު ނިކަމެތިވެ ގެއްލި ހަލާކުވެއްޖެއެވެ.” އެކަލޭގެފާނަށް ދެންނެވުނެވެ. އޭ ﷲ ގެ ރަސޫލާއެވެ! އެއީ ކާކުތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. “އެއީ އެ މީހެއްގެ މައިންބަފައިން މުސްކުޅި ޙާލުގައި، އެ ދެމީހުން، ނުވަތަ އެއިން އެކަކާ ބައްދަލުވެ، (އޭނާ އެބައިމީހުންނަށް ހެޔޮކޮށް ނުހިތުމުން) އޭނާއަށް ސުވަރުގެ ނުވަދެވުނު މީހާއެވެ.”
_________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.