الحديث التاسع عشر:
عَنْ أَبِي الْعَبَّاسِ عَبْدِ اللَّهِ بْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ: “كُنْت خَلْفَ النَّبِيِّ صلى الله عليه و سلم يَوْمًا، فَقَالَ: يَا غُلَامِ! إنِّي أُعَلِّمُك كَلِمَاتٍ: احْفَظْ اللَّهَ يَحْفَظْك، احْفَظْ اللَّهَ تَجِدْهُ تُجَاهَك.
إذَا سَأَلْت فَاسْأَلْ اللَّهَ، وَإِذَا اسْتَعَنْت فَاسْتَعِنْ بِاللَّهِ.
وَاعْلَمْ أَنَّ الْأُمَّةَ لَوْ اجْتَمَعَتْ عَلَى أَنْ يَنْفَعُوك بِشَيْءٍ لَمْ يَنْفَعُوك إلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ لَك.
وَإِنْ اجْتَمَعُوا عَلَى أَنْ يَضُرُّوك بِشَيْءٍ لَمْ يَضُرُّوك إلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْك، رُفِعَتْ الْأَقْلَامُ، وَجَفَّتْ الصُّحُفُ)) [رَوَاهُ التِّرْمِذِيُّ، وَقَالَ: حَدِيثٌ حَسَنٌ صَحِيح]
وَفِي رِوَايَةِ غَيْرِ التِّرْمِذِيِّ: ((احْفَظِ اللَّهَ تَجِدْهُ أمامك، تَعَرَّفْ إلَى اللَّهِ فِي الرَّخَاءِ يَعْرِفُك فِي الشِّدَّةِ.
وَاعْلَمْ أَنَّ مَا أَخْطَأَك لَمْ يَكُنْ لِيُصِيبَك، وَمَا أَصَابَك لَمْ يَكُنْ لِيُخْطِئَك.
وَاعْلَمْ أَنَّ النَّصْرَ مَعَ الصَّبْرِ، وَأَنْ الْفَرَجَ مَعَ الْكَرْبِ، وَأَنَّ مَعَ الْعُسْرِ يُسْرًا((
މާނައީ: އަބުލްޢައްބާސް، ޢަބްދު ﷲ ބިން ޢައްބާސް رضي اللّه عنهما ރިވާކުރެއްވިއެވެ. އެއް ދުވަހަކު ނަބިއްޔާ ﷺ ގެ ފަހަތްޕުޅުގައި ތިމަންކަލޭގެފާނު ވަނިކޮށް، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އޭ ކޮއިފުޅާއެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނު ބަސްފުޅުތަކެއް އުނގަންނަވައި ދެއްވާނަމެވެ. ﷲ ގެ ކިބައަށް (އެބަހީ: އެއިލާހުގެ އަމުރުފުޅުތަކަށް) ތިބާ ރައްކާތެރިވާށެވެ. އޭރުން އެއިލާހު ތިބާ ރައްކާތެރި ކުރައްވާނެއެވެ. ﷲ ގެ ކިބައަށް (އެބަހީ: އެއިލާހުގެ އަމުރުފުޅުތަކަށް) ތިބާ ރައްކާތެރިވާށެވެ. އޭރުން ތިބާގެ ކުރިމަތީގައި އެއިލާހު ވޮޑިގެންވާނެއެވެ. (އެބަހީ: އެއިލާހު ތިބާއަށް ހެޔޮމަގު ދައްކަވާނެއެވެ.) ތިބާ ކަމަކަށް އެދޭނަމަ، ﷲ ގެ ޙަޟްރަތުން އެދި ދަންނަވާށެވެ. އަދި ވާތްގަށް އެދޭނަމަވެސް، ﷲ ގެ ޙަޟްރަތުން ވާތްގަށް އެދޭށެވެ. އަދި ދަންނާށެވެ.
ހަމަކަށަވަރުން، މުޅި އުންމަތް އެކަތިގަނޑަކަށްވެ، ތިބާއަށް މަންފާއެއް ޙާޞިލުކޮށްދޭން އުޅުނަސް، ﷲ ތިބާއަށްޓަކައި ލިޔުއްވައިފައިވާ މަންފާއެއް މެނުވީ އެބައިމީހުންނަކަށް ހޯޞިލުކޮށް ނުދެވޭނެއެވެ. އަދި އެބައިމީހުން އެކަތިގަނޑަކަށްވެ، ތިބާއަށް ގެއްލުމެއް ދިނުމަށް އުޅުނަސް، ﷲ ތިބާގެ މައްޗަށް ލިޔުއްވައިފައިވާ ގެއްލުމެއް ނޫނީ އެބައިމީހުންނަކަށް ނުދެވޭނެއެވު. ގަލަންތައް އުފުލިއްޖެއެވެ. އަދި (ލިޔެވުނު) ފަތްތައް ހިކިއްޖެއެވެ. (އެބަހީ: އެންމެހާ ކަމެއްވަނީ ލިޔެވި ނިމިފައެވެ. އަދި އެއިލާހުގެ ނިޔާފުޅާއެކު އެކަންކަން ހިނގާނެއެވެ.)”
އަދި ތިރްމިޒީގެ ރިވާޔަތްނޫން އެހެން ރިވާޔަތެއްގައިވެއެވެ.
“ﷲ ގެ ކިބައަށް (އެބަހީ: އެއިލާހުގެ އަމުރުފުޅުތަކަށް) ތިބާ ރައްކާތެރިވާށެވެ. އޭރުން ތިބާގެ ކުރިމަތީގައި އެއިލާހު ވޮޑިގެންވާނެއެވެ. (އެބަހީ: އެއިލާހު ތިބާއަށް ހެޔޮމަގު ދައްކަވާނެއެވެ.)
އަދި ފާގަތިކަމުގެ ހާލަތުގައި ﷲ ދެނެގަންނާށެވެ. (އެބަހީ: ﷲ ހަނދުމަކޮށް އެއިލާހު އެންގެވި ގޮތަށް އުޅޭށެވެ.) އޭރުން އުނދަގޫކަމުގެ ހާލަތުގައި، އެއިލާހު ތިބާ ދެނެވޮޑިގެންވާނެއެވެ. (އެބަހީ: ތިބާގެ ކަންކަން ފަސޭހަކޮށްދެއްވާނެއެވެ.)
އަދި ދަންނާށެވެ. ހަމަކަށަވަރުން ތިބާއަށް ކުރިމަތި ނުވިކަމަކީ ތިބާއަށް ކުރިމަތިވާން ނެތް ކަމެކެވެ. އަދި ތިބާއަށް ކުރިމަތިވިކަމަކީ ތިބާއަށް ކުރިމަތި ނުވެ ނުދާނެ ކަމެކެވެ.
އަދި ދަންނާށެވެ. ހަމަކަށަވަރުން ކެތްތެރިކަމާއެކު ނަޞްރުވެއެވެ. އަދި ދަތިކަމާއެކު ލުއިކަންވެއެވެ. އަދި އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.”
މި ހަދީސްގައި ﷲގެ އެންގެވުންތަކަށް ރައްކާތެރިވުމަށް އަންގަވާފައިވެއެވެ. ތަޤްވާވެރިވުމަކީވެސް އެއީއެވެ.
ތަޤްވާވެރިކަމުގެ ސަބަބުން ތިމާގެ އެންމެހައި ކަންކަމެއް ފަސޭހަވެގެންދެއެވެ.
﴿وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا﴾ [سورة الطلاق 4]
މާނައީ: “އަދި ﷲ އަށް ތަޤުވާވެރިވާމީހާ ދަންނާށެވެ! އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާޔަށް ފަސޭހަކަން ލައްވާނެތެވެ.”
﴿وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجًا [2] وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ … [3]﴾ [سورة الطلاق]
މާނައީ: “އަދި ﷲ އަށް ތަޤްވާވެރިވެއްޖެމީހާއަށް ދިންނެވުމުގެ މަގެއްދައްކަވާނެތެވެ. އަދި ހީވެސް ނުކުރާފަދަ ގޮތްގޮތުން އޭނައަށް ރިޒުޤު ދެއްވާނެތެވެ.”
مَخْرَجًا ގެ މާނައަކީ މުޞީބާތުން ނިކުތުމެގެ މަގެވެ. ޤުރުއާން ދިވެހިތަރުޖަމާގައި މިބަހުގެ ތަރުޖަމާއެއްގޮތުގައި އައިސްފައިވަނީ ”ދިންނެވުމުގެ މަގު” މި ޢިބާރާތެވެ.
އިބްނުލްޤައްޔިމް އެކަލޭގެފާނުގެ ފޮތް އަލްފަވާއިދުގައި ފާފައިގެ ނޭދެވޭއަސަރުތައް ޒިކުރުކުރައްވަމުން ވިދާޅުވެފައިވެއެވެ.
”ފާފައިގެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ހެޔޮ ޢަމަލުތައް ކުރުމަށް ތައުފީޤު ނުލިބުމާއި، ނުރަނގަޅު އިޚްތިޔާރުތައް ކުރެވުމާއި، ހައްޤުމަގު ނުފެނުމާއި، ހިތް ފަސާދަވުމާއި، ހަނދާންބަލިވުމާއި، ބޭކާރުގޮތުގައި ވަޤުތުހޭދަކުރެވުމާއި، ވަޤުތުގެ ބަރަކާތް ކެނޑިގެންދިޔުމާއި، އެހެން މީހުންގެ ނަފުރަތުލިބުމާއި ތިމާއާއި މާތްﷲއާ ދެމެދުގައި އޮންނަ ގުޅުން ހީނަރުވުމާއި، ދުޢާތައް އިޖާބަނުވުމާއި، ހިތްހަރުވުމާއި، ރޯދިބަރަކާތުން މަޙްރޫމުވުމާއި، ޢިލްމުން މަޙްރޫމްވުމާއި، ނުބައި އެކުވެރިންނާއިއެކު އުޅެންޖެހުމާއި، ހިތް ނުތަނަވަސްވުމާއި، ހިތާމަ ދެމިގެންދިޔުމާއި، ދިރިއުޅުން ދަތިވެ، ކަންކަން އުނދަގޫވެގެންދިޔުން ހިމެނެއެވެ.
ތަޤްވާވެރިކަމާއި ހެޔޮޢަމަލުގެ ސަބަބުން މިދެންނެވި ނޭދެވޭ އަސަރުތަކުގެ އިދިކޮޅު ހެޔޮ އަސަރުފެނިގެންދެއެވެ.’’
އީމާންވެ، ތަޤްވާވެރިވުމުގެ ސަބަބުން ރޯދި ބަރަކާތް އިތުރުވެގެންދާނެކަން އަންގަވާ މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.
﴿وَلَوْ أَنَّ أَهْلَ الْقُرَىٰ آمَنُوا وَاتَّقَوْا لَفَتَحْنَا عَلَيْهِم بَرَكَاتٍ مِّنَ السَّمَاءِ وَالْأَرْضِ﴾ [سورة الأعراف 96]
މާނައީ: ”އަދި ރަށްތަކުގެ އަހުލުވެރިން އީމާންވެ، ތަޤްވާވެރިވާނަމަ، އެބައިމީހުންނަށްޓަކައި އުޑުންނާއި ބިމުން ބަރަކާތުގެ ދޮރުކޮޅުތައް ހުޅުއްވާދެއްވާހުށީމެވެ.”
މި ހަދީސްގައި ކެތްތެރިވުމަށްވެސް ބާރުއަޅުއްވައިފައިވެއެވެ. ދިމާވާ މުޞީބާތްތަކަށް ކެތްކުރުމުގެ އަޖުރު ނުހަނު މަތިވެރިވެފައިވެފައި ބޮޑެވެ.
އިމާމް މުސްލިމް ރިވާކުރައްވާފައިވެއެވެ.
((مَا يُصِيبُ الْمُؤْمِنَ مِنْ وَصَبٍ وَلَا نَصَبٍ وَلَا هَمٍّ وَلَا حَزَنٍ وَلَا أَذًى وَلَا غَمٍّ، حَتَّى الشَّوْكَةُ يُشَاكُهَا، إِلَّا كَفَّرَ اللهُ مِنْ خَطَايَاهُ)) [رواه مسلم]
މާނައީ: “އެ މީހަކަށް ވަރުބަލިކަމެއް، ދާއިމީ ތަދެއް، ހިތްދަތިކަމެއް، ހިތާމައެއް، އުނދަގުލެއް އަދި ގިލަންވެރިކަމެއް ކުރިމަތިވެ، އެކަންކަމަށް އޭނާ ކެތްތެރިވެއްޖެނަމަ، އަދި އެންމެ ކުޑަމިނުން ގަޔަށް ކައްޓެއްހެރުމުން (އެކަމާ ކެތްތެރިވެއްޖެނަމަ) އެކަމުގެ ސަބަބުން މާތްﷲ އެމީހެއްގެ ފާފަފުއްސަވައި ނުދެއްވާނެގޮތަކަށް (މީއިން އެއްވެސްކަމެއް) ނުޖެހެއެވެ.”
މި ހަދީސްގައި ދަތިކަމަކަށްފަހު ފަސޭހަކަމެއް އަންނާނެކަމަށް އައިސްފައިވާގޮތަށް މިފަދަ ޢިބާރާތަކުން ޤުރުއާނުގައިވެސް އައިސްފައިވެއެވެ.
﴿إِنَّ مَعَ الْعُسْرِ يُسْرًا﴾
މާނައީ: “ހަމަކަށަވަރުން ދަތިކަމާއިއެކު ފަސޭހަކަންވެއެވެ.”
ހަމައެފަދައިން، އިމާމް ޝާފިޢީގެފާނު ވިދާޅުވެފައިވެއެވެ.
“وَلَا حُزْنٌ يَدُوْمُ وَلَا سُرُوْر”
މާނައީ: “އަދި ހިތާމައެއްވެސް އަދި އުފާވެރިކަމެއްވެސް އަބަދަށް ދެމިގެންނުދެއެވެ.”