ކަންކަމާމެދު ރަނގަޅަށް ވިސްނުމަކީ ﷲ އާމެދު ހެޔޮކޮށް ހީކުރުމެވެ. ނަބިއްޔާ ﷺ އެކަމަށް ލޯބިކުރެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ.
«وَيُعْجِبُنِي الفَأْلُ» قَالُوا: وَمَا الفَأْلُ؟ قَالَ: «كَلِمَةٌ طَيِّبَةٌ» [متفق عليه]
މާނައީ: “އަދި ތިމަންކަލޭގެފާނަށް ހެޔޮ ފާލަ ނުހަނު ކަމުދެއެވެ. (ހެޔޮފާލައަކީ ﷲ ތަޢާލާގެ ޙަޟްރަތުން ހެވާއި ރަޙްމަތަށް އުންމީދުކޮށް ބުނާ ބަސްބަހެވެ.) (ޞަޙާބީ ބޭކަލުން) ދެންނެވިއެވެ. ހެޔޮ ފާލައަކީ ކޮބައިތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. އެއީ ހެޔޮވެގެންވާ ރިވެތި ކަލިމައެވެ.”
ކޮންމެ ޙާލަތެއްގައިވެސް ﷲ އާ މެދު ހެޔޮކޮށް ހީކުރުމަށް މުސްލިމުންނަށް އަމުރުވެވިގެންވެއެވެ. ކަންކަމާމެދު ސުންޕާކޮށް ދެކުމަކީ ﷲ އާމެދު ނުބައިކޮށް ހީކުރުމެވެ. އަޅާގެ އީމާންކަން އިތުރުވުމުން އޭނާގެ ވެރިރައްބާމެދު ހެޔޮކޮށް ހީކުރެއެވެ. އަދި އޭނާގެ އީމާންކަން ބަލިކަށިވުމުން އޭނާ ހެއްދެވި ފަރާތާމެދު ނުބައި ހީކުރުންތައް ހީކުރެއެވެ.
ފަހެ ﷲ ތަޢާލާ އެއިލާހު އެއްކައުވަންތަކުރާ މުއުމިނު އަޅުންނަށް ނަޞްރުނުދެއްވާނޭކަމަށް ހީކުރާމީހާއާއި އެބައިމީހުންނަށް މަތިވެރިކަން ނުދެއްވާނޭކަމަށް ހީކުރާމީހާ ނުވަތަ ﷲ ތަޢާލާ އެއިލާހުގެ ދީން މަތިވެރިނުކުރައްވާނޭކަމަށް ހީކުރާމީހާ ނުވަތަ ﷲ ތަޢާލާގެ ޙަޟްރަތުގައިވާ ކަންކަން، އެއިލާހަށް ކުއްތަންވެ ކިޔަމަންގަތުމުން ލިބޭ ފަދައިން އެއިލާހަށް އުރެދޭ ޙާލުވެސް ލިބޭނެކަމަށް ހީކުރާމީހާ ނުވަތަ ﷲ އަށްޓަކައި ކަމެއް ދޫކޮށްލުމުން އެއިލާހު އެއަށްވުރެ ހެޔޮކަމެއް ނުދެއްވާނެކަމަށް ހީކުރާމީހާ ނުވަތަ ﷲ އަށްޓަކައި ކަމެއްކުރުމުން އެއަށްވުރެ މޮޅު އެއްޗެއް އެއިލާހު ނުދެއްވާނެކަމަށް ހީކުރާމީހާ ނުވަތަ ބިރުވެތިކަމާއި އުންމީދުގައި ތެދުވެރިކަމާއެކު އެއިލާހު ޙަޟްރަތުގައި އެދި ދަންނަވައި ވާތްގަށް އެދި ވަކީލުކުރުމުންވެސް އެއިލާހު އޭނާ ގެއްލެނިކުރައްވައި އޭނާ އެއެދުނު ކަމެއް ނުދެއްވާނެކަމަށް ހީކުރާމީހާ ނުވަތަ ދީލަތިކަމަކީ ފަޤީރުކަމަށް އޮތް މަގެއްކަމުގައި ހީކުރާމީހާ ނުވަތަ ޞަދަޤާތްކުރާ މީހަކު ޞަދަޤާތްކުރުމުން އޭނާގެ މުދާ އުނިވާކަމަށް ހީކުރާމީހާ ނުވަތަ އޭނާ ޞަދަޤާތްކުރުމުންވެސް ﷲ ތަޢާލާ އޭނާއަށް އެހެން މުދަލެއް ނުދެއްވާނެކަމަށް ހީކުރާމީހާ ނުވަތަ މިދީނުގައި ހިފަހައްޓާމީހާއަށް ﷲ ތަޢާލާ މަތިވެރިކަން ނުދެއްވާނެކަމަށް ހީކުރާމީހާ ދަންނައެވެ. ފަހެ އެފަދަ ހީކުރުމެއް ހީކޮށްފިމީހަކީ ﷲ އާ މެދު ނުބައި ހީކުރުންތައް ހީކުރާ މީހެކެވެ. އަދި އެފަދަ މީހަކު އެވަނީ ﷲ ތަޢާލާ ނަހީކުރައްވާފައިވާ ކަމަކަށް އަރައިގަނެފައެވެ.
_________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.