އިބްނުލް ޤައްޔިމް ވިދާޅުވިއެވެ.
“ގިނަ މީހުންގެ ޙާލަކީ އެއީއެވެ. އަދި ކިއެއް ހެއްޔެވެ. ﷲ އިރާދަކުރެއްވި މީހަކު މެނުވީ ހަމަ އެންމެންގެ ޙާލަކީވެސް ﷲ އާމެދު އެއްވެސް ޙައްޤަކާ ނުލައި ނުބައި ހީކުރުންތައް ހީކުރުމެވެ. އާދަމުގެ ދަރިންކުރެ ގިނަ މީހުން ދެކެނީ އޭނާގެ ޙައްޤެއް އުނިވެފައިވާ ކަމަށެވެ. ނުވަތަ އޭނާއަކީ ނަސީބު ދެރަމީހެއްކަމަށެވެ. އަދި އޭނާއަށް ދެއްވުނު މިންވަރަށް ވުރެ އިތުރަށް އޭނާއަށް ޙައްޤުވާކަމުގައެވެ. އޭނާގެ ޙާލުގެ ދުލުން ބުނާކަހަލައެވެ. އަހަރެންގެ ވެރިރައްބުވަނީ އަހަންނަށް އަނިޔާވެރިވެވޮޑިގެންނެވެ. އަދި އަހަރެންގެ ޙައްޤު އެއިލާހު އަހަންނަށް ނުދެއްވައެވެ. އޭނާގެ ނަފްސުވެސް އެކަމާ ދެކޮޅަށް ހެކިދޭނެއެވެ. އަދި އޭނާގެ ދުލުން އޭނާ އެކަން އިންކާރުކުރާނެއެވެ. އަދި ޞަރިޙާކޮށް އެހެން ބުނާކަށް ނުކެރޭނެއެވެ. ނަމަވެސް އެމީހެއްގެ ނަފްސު ދިރާސާކޮށް ހޯދާ ބަލައިފިމީހަކަށް ފެންނާނީ އެންމެ ފުންމިނުގައިވެސް އެކަން ފަސްދާނުލެވިފައިވާކަމެވެ. އެކަން ފޮރުވިފައިވަނީ ލައިޓަރެއްގެ ތެރޭގައި އަލިފާން ފޮރުވިފައިވާ ފަދައިންނެވެ. ފަހެ ތިބާ އެދޭ މީހެއްގެ ލައިޓަރު ރޯކޮށްލާށެވެ. އޭނާގެ އެލައިޓަރުގެ ތެރޭގައި ހުރި ނުބައިކަމުގެ ވާހަކައިން ތިބާއަށް ކިޔައިދޭނެއެވެ. ފަހެ މީހަކާ މިކަމުގައި ސުވާލުކޮށްލައިފިނަމަ ފެނިގެންދާނީ އޭނާ ޤަޟާޤަދަރާމެދު ހިތްހަމަ ނުޖެހިފައިވާކަމެވެ. އަދި އޭނާއަށް މެދުވެރިވާ ގޮތާ ޚިލާފަށް ވުމަށް އޭނާ ޚިޔާލު ހުށަހަޅާނެއެވެ. އަދި ބުނާނެއެވެ. އަޞްލު މިހެން ނުވަތަ އެހެންވުން މާ އެކަށީގެންވެއެވެ. ފަހެ އެކަމުގައި ގިނައިން ވާހަކަ ދައްކާ މީހުންނާ މަދުން ވާހަކަދައްކާމީހުން ވެއެވެ. ފަހެ ތިބާގެ އަމިއްލަ ނަފްސުވެސް ދިރާސާކޮށްލާށެވެ. މިކަމުން ތިބާ ސަލާމަތްވެގެންވޭ ހެއްޔެވެ؟
إنْ تنجُ مِنها تنجُ من ذي عظيمَةٍ *** وإلا فإنِّي لا إخالُكَ ناجياً
ބައިތުގެ ޖުމްލަ މާނަ: ތިބާ އެކަމުން ސަލާމަތްވެއްޖެނަމަ ތިޔަ ސަލާމަތްވީ ވަރަށް ބޮޑުކަމަކުންނެވެ.
ނޫންނަމަ، ތިބާވެސް ސަލާމަތްވާނެހެން އަހަންނަކަށް ހިއެއް ނުވެއެވެ.
ފަހެ އަމިއްލަނަފްސަށް ހެޔޮއެދޭ ބުއްދިވެރިން މިކަމާމެދު ސަމާލުވާށެވެ. ﷲއާ މެދު ނުބައި ހީކުރުންތައް ހީކުރެވިފައިވާތީ އެއިލާހުގެ ޙަޟްރަތަށް ތައުބާވެ ކޮންމެ ވަޤުތެއްގައިމެ ފާފަފުއްސެވުމަށް އެދި ދަންނަވާށެވެ. ފަހެ ނުބައިކޮށް ހީކުރާނަމަ އަމިއްލަ ނަފްސާމެދު ނުބައިކޮށް ހީކުރާށެވެ. އެހެނީ އެއީ ހުރިހާ ނުބައިކަމެއް ފެށޭ އަދި ހުރިހާ ނުބައެއް ނިމޭ ހިސާބެވެ.” [1]
ފަހެ އެހެންކަމުން މުސްލިމު އަޅާގެ މައްޗަށް ވާޖިބުވެގެންވަނީ އޭނާގެ ވެރިރައްބާމެދު ނުބައި ހީކުރުންތައް ހީނުކުރުމެވެ. އަދި ކޮންމެ ކަމެއްގައިމެ އޭނާގެ ވެރިރައްބާމެދު ހެޔޮކޮށް ހީކުރުމެވެ. ޤުދުސިއްޔަ ޙަދީޘެއްގައިވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
((أَنَا عِنْدَ ظَنِّ عَبْدِي بِي)) [متفق عليه]
މާނައީ: “ތިމަން އިލާހު ވޮޑިގެންވަނީ ތިމަން އިލާހުގެ އަޅާ ތިމަންއިލާހާމެދު ހީކުރާގޮތަކަށެވެ.”
____________________
[1] زاد المعاد 3/ 235
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް