ދީނަކީ، ދުނިޔަވީ ހަޑިތައް ބޭނުންކޮށްގެން ކިލަނބުކުރުން އެކަށީގެންނުވާ، އެއަށްވުރެ މާ އިތްޒަތްތެރި އެއްޗެކެވެ. އަދި އިޚްލާޞްތެރިކަމާއެކު މެނުވީ ހެޔޮޢަމަލުތަކުގެ ބިންގަލެއް ނޭޅޭނެއެވެ. ފަހެ އުޚްރަވީ ޙަޔާތުގެ ޢަމަލުތައް ދުނިޔަވީ މަޤްޞަދަކަށްޓަކައިކޮށްފި މީހަކު ދަންނައެވެ. އެއީ އެމީހަކަށްހުރި ޢުޤޫބާތަކަށް ބަދަލުވެގެންދެއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.
((مَنْ تَعَلَّمَ عِلْمًا يُبْتَغَى بِهِ وَجْهُ اللَّهِ لَا يَتَعَلَّمُهُ إِلَّا لِيُصِيبَ به عَرَضًا مِنَ الدُّنْيَا لَمْ يَجِدْ عَرَفَ الْجَنَّةِ يَوْم الْقِيَامَة)) [رواه أبو داود وابن ماجه وصححه الألباني]
މާނައީ: “ﷲ ތަޢާލާގެ ވަޖްހުފުޅު އަދައިގެން އުނގެނެންޖެހޭ ޢިލްމެއް، ދުނިޔަވީ ބޭނުމެއް ފުއްދަން މެނުވީ އުނގެނުނު މީހަކު ދަންނައެވެ. އޭނާއަށް ސުވަރުގޭގެ ވަސްވެސް ޤިޔާމަތްދުވަހުން ނުލިބޭނެތެވެ.”
ކިތަންމެ ގިނަ ހެޔޮ ޢަމަލެއް ކުރިޔަސް، ނިޔަތް ފަސާދަވެއްޖެނަމަ އެކަންކުރިމީހަކު ހަލާކުވެގެންދެއެވެ. މުނާފިޤުންނާ ބެހޭގޮތުން ﷲ ތަޢާލާ ޚަބަރުދެއްވާފައިވަނީ އެބައިމީހުންނަކީ ނަމާދުކޮށް ހޭދަކޮށް އަދި ހަނގުރާމައިގައިވެސް ބައިވެރިވާ ބަޔަކުކަމުގައެވެ. އަދި ނަބިއްޔާ ﷺ ޚަބަރުދެއްވާފައިވަނީ އެބައިމީހުންނަކީ ޤުރުއާންވެސް ކިޔަވާ ބައެއްކަމުގައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
((وَمَثَلُ الْمُنَافِقِ الَّذِي يَقْرَأُ القُرْآنَ: كَالرَّيْحَانَةِ رِيحُهَا طَيِّبٌ وَطَعْمُهَا مُرٌّ)) [رواه البخاري]
މާނައީ: “އަދި ޤުރުއާން ކިޔަވާ މުނާފިޤެއްގެ މިޘާލަކީ ގަނދަކޯޅީގެ މިޘާލެވެ. އޭގެ ވަސްމީރުވާނެއެވެ. އެކަމަކު ލާނީ ހިތި ރަހައެވެ.” (ޢަރަބިބަހުން މިގަހަށް ކިޔަނީ الرَّيْحَانَة އެވެ. އަދި އިނގިރޭސިބަހުން ކިޔަނީ basil އެވެ.)
އަދި އިޚްލާޞްތެރިކަމުގައި މުނާފިޤުން ތެދުވެރިނުވުމުން އެބައިމީހުންނާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿إِنَّ الْمُنَافِقِينَ فِي الدَّرْكِ الْأَسْفَلِ مِنَ النَّارِ وَلَن تَجِدَ لَهُمْ نَصِيرًا﴾ [سورة النساء ١٤٥]
މާނައީ: “ހަމަކަށަވަރުން، މުނާފިޤުން ވާހުށީ، ނަރަކައިގެ އެންމެ ދަށުވަތްގަނޑުގައެވެ. އަދި އެއުރެންނަށް ނަޞްރުވެރިވާނޭ އެއްވެސް ފަރާތެއް ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވާނޫއެވެ.”
ޤިޔާމަތްދުވަހުން އެންމެ ފުރަތަމަވެސް ނަރަކަ ރޯކޮށްލެވޭނީ ޤާރީއަކާއި މުޖާހިދަކާ އަދި ޞަދަޤާތްކުރިމީހަކު އެތަނަށް ވައްދަވައިގެންނެވެ. އެބައިމީހުންނީ ޢަމަލުގައި ﷲ އަށް އިޚްލާޞްތެރިބައެއް ނޫނެވެ. އެބައިމީހުން އެކަންކަން ކުޅައީ އެއީ ޤާރީއެކޭ ނުވަތަ އެއީ ވަރަށް ކެރޭ މީހެކޭ ނުވަތަ އެއީ ޞަދަޤާތްކުރިމީހެކޭ ބުނުވުމަށްޓަކައެވެ.
____________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް