ފަހެ ތިބާގެ ބަހާއި ޢަމަލުން ﷲ ތަޢާލާގެ ޙަޟްރަތުގައިވާ އެއްޗެއް ހޯދުމަށް މަސައްކަތް ކުރާށެވެ. އެނޫން ކޮންމެ އެއްޗެއް ނެތިގެން ދާނެއެވެ.
އަޅަކު ޢަމަލެއްކުރާއިރު ހެޔޮ ނިޔަތެއް ދެއްކުމަށްފަހު ޙަޤީޤަތުގައި ދުނިޔަވީ މަޤްޞަދެއް ޙާޞިލުކުރުމަށް އެކަމެއްކުރާނަމަ ދަންނައެވެ. އެވެގެންދާނީ ޢަމަލީ ނިފާޤުގެ ވައްތަރަކަށެވެ.
އިބްނު ރަޖަބު ވިދާޅުވިއެވެ.
“ޢަމަލީ ނިފާޤުގެ އެންމެ ބޮޑު އެއް ސިފައަކީ ޢަމަލެއްކުރާއިރު ހެޔޮ ނިޔަތެއްވާކަމަށް ދެއްކުމެވެ. ނަމަވެސް ޙަޤީޤަތުގައި އޭނާ އަކަންކުރަނީ ނުބައި މަޤްޞަދަކަށް ވާސިލުވުމަށްޓަކައެވެ. މިއޮޅުވާލުން ބޭނުންކޮށްގެން، އޭނާގެ ލަނޑުދަޑިއަށް ވާސިލުވެއެވެ. އަދި އޭނާގެ އެރޭވެންތެރިކަމާއި އޮޅުވާލުންތަކާއެކުވެސް އޭނާ އެދެއްކި ކަންކަމަށް މީސްތަކުން ޘަނާކިޔުމުން އެކަމަށް އޭނާ އުފާކުރެއެވެ. އެކަން ބޭނުންކޮށްގެން އޭނާ އެވަނީ އޭނާ ފޮރުވާފައިވާ ނުބައި މަޤްޞަދަށް ވާސިލުވެފައެވެ. ފަހެ މުނާފިޤުންނާއި ޔަހޫދީން މިކަންކުރާކަމަށް ﷲ ތަޢާލާވަނީ ކީރިތި ޤުރުއާނުގައި އަންގަވާފައެވެ.” [1]
ނުކުރާކަމަކަށް ޘަނާލިބުމަށް އެދޭމީހާ ދަންނައެވެ. ފަހެ އެފަދަ މީހުންނަށްވަނީ ނަރަކައިގެ އަލިފާންހުރިކަމުގެ އިންޛާރުދެއްވާފައެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿لَا تَحْسَبَنَّ الَّذِينَ يَفْرَحُونَ بِمَا أَتَوا وَّيُحِبُّونَ أَن يُحْمَدُوا بِمَا لَمْ يَفْعَلُوا فَلَا تَحْسَبَنَّهُم بِمَفَازَةٍ مِّنَ الْعَذَابِ ۖ وَلَهُمْ عَذَابٌ أَلِيمٌ﴾ [سورة آل عمران ١٨٨]
މާނައީ: “އެއުރެންކުޅަ ކަންތަކަށް އުފާކުރާ އަދި އެއުރެން ނުކުރާ ކަންތަކާމެދު ތަޢުރީފު ލިބުމަށް އެދޭ މީހުންނީ ޢަޛާބުން ސަލާމަތްވާނެ ތަނެއްގައި ތިބިބަޔަކު ކަމުގައި ހީނުކުރާހުށިކަމެވެ! އެއުރެންނަށް ވޭންދެނިވި ޢަޛާބު ހުށްޓެވެ.”
_______________________
[1] جامع العلوم والحكم 2/493
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް