ނަބިއްޔާ صلى الله عليه وسلم ގެންގުޅުއްވި ތަކެތީގެ ތެރެއިން އެއްވެސް އެއްޗެއް މިއަދާ ހަމައަށް ރައްކާތެރިކަމާއެކު އެބައޮތް ހެއްޔެވެ؟
އަންނަނިވި ކަންކަން ބަޔާންކޮށްގެން މެނުވީ މިސުވާލުގެ ޖަވާބު ނުދެވޭނެއެވެ.
ފުރަތަމައީ: ޞަޙީޙުލް ބުޚާރީގައި ޢަމްރު ބުން އަލްޙާރިޘް رضي الله عنه ގެ އަރިހުން ރިވާކުރައްވާފައިވެއެވެ.
((مَا تَرَكَ رَسُولُ اللَّهِ صلى الله عليه وسلم عِنْدَ مَوْتِهِ دِرْهَمًا وَلا دِينَارًا، وَلا عَبْدًا وَلا أَمَةً، وَلا شَيْئًا إِلا بَغْلَتَهُ الْبَيْضَاءَ، وَسِلاحَهُ، وَأَرْضًا جَعَلَهَا صَدَقَةً)) [رواه البخاري 2739]
މާނައީ: “ރަސޫލުﷲ صلى الله عليه وسلم އަވަހާރަވީއިރު ދިރުހަމެއް ދީނާރެއް، އަންހެން އަދި ފިރިހެން އަޅެއް އަދި އެހެން އެއްވެސް އެއްޗެއްވެސް ދޫނުކުރައްވައެވެ. ޞަދަޤާތުގެ ގޮތުގައި ލެއްވި، އެކަލޭގެފާނުގެ ހުދުކުލައިގެ ބަޣުލާއި އެކަލޭގެފާނު ހަނގުރާމައިގައި ބޭނުންކުރައްވާ ހަތިޔާރާއި ބިމެއް ފިޔަވައެވެ.” [ބަޣުލަކީ އަހާއި ޙިމާރާ ވައްތަރު ޖަނަވާރެކެވެ.]
ޝައްކެތް ނެތް ގޮތުގައި މިކަމުން ދަލީލުކޮށްދެނީ އެކަލޭގެފާނު ދޫކުރައްވާފައިވާ އެއްޗެހީގެ މަދުކަމެވެ.
ދެވަނައީ: ޞަޙާބީން رضي الله عنهم އާއި ތާބިޢީން رحمهم اللهގެ ޒަމާނަށްފަހު މިއަދާ ހަމައަށް ވާރިދުވެގެން އައިސްފައިވާ ގިނަގުނަ ޚަބަރުތަކުން ދަލީލުކޮށްދެނީ އެކަލޭގެފާނު صلى الله عليه وسلمގެ އަޘަރުތަކެއްވާނަމަ އެއިން ބަރަކާތް ޙާޞިލުކުރެވިދާނެކަމެވެ. އެ ޚަބަރުތައް ނިސްބަތްކުރެވިފައިވަނީ ބައެއް ޚަލީފާއިންނާއި ޢިލްމުވެރިންނާއި ޞާލިޙުންނަށެވެ. ނަމަވެސް މީގެ ތެރެއިން ގިނަ ޚަބަރުތަކަކީ ޞައްޙަ ޚަބަރުތަކެއް ނޫނެވެ. އޭގެ ސަބަބަކީ ގިނަ ރިވާޔަތްތައް ބަލިކަށިވުމެވެ. ނުވަތަ އެއެއްޗެއް ރަސޫލާ صلى الله عليه وسلم އަށް ނިސްބަތްކުރުން ޞައްޙަނުވުމެވެ. ގިނައިން ކަންހިނގާފައި ހުރިގޮތަކީ ފަހުން މިދެންނެވި ފަދައިން އެކަލޭގެފާނަށް ނިސްބަތްކުރުމުގައި ޞައްޙަ ނުވުމެވެ. الآثار النبوية އޭ ކިޔުނު ފޮތުގައި، ޢުޘްމާނީ ޚިލާފަތުގެ ވެރިރަށް، ޤިސްޠަންޠީނިއްޔާގައިވާ، ނަބިއްޔާ صلى الله عليه وسلم އަށް ނިސްބަތްކުރެވޭ އަޘަރުތަކާއި އެނޫންވެސް ތަކެތި ގެންނެވުމަށްފަހު ވިދާޅުވެފައިވެއެވެ.
“ހަމަކަށަވަރުން މީގެން ބައެއް އަޘަރުތަކުގެ ޞައްޙަކަން އެނގޭކަށް ނެތެވެ. އެކަން ޘާބިތުކޮށްދޭނެ ނުވަތަ ނަފީކޮށްދޭނެ އެންމެ މީހަކުވެސް ތިމަން ނުދެކެމެވެ. ފަހެ، އެކަން މޮޅަށް ދެނެވޮޑިގެންވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އަދި އަޅުގަނޑުމެން ވަންހަނާކުރުމެއް ނެތި ބުނެލަން އޮތީ އޭގެ ތެރެއިން ބައެއް ތަކެތީގެ (ޞައްޙަކަމާމެދު ވަރަށް ބޮޑަށް) ތުހުމަތާ ޝައްކުކުރެވޭކަމެވެ.” [من كتاب الآثار النبوية لأحمد تيمور باشا (ص: 78)]
= ނުނިމޭ =
____________________________
މިލިޔުމުގެ އެހެނިހެން ބައިތައް