[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެންގުޅުއްވި ތަކެތީގެ ތެރެއިން އެއްވެސް އެއްޗެއް މިއަދާ ހަމައަށް ރައްކާތެރިކަމާއެކު އެބައޮތް ހެއްޔެވެ؟ 2

ތިންވަނައީ: ދުވަސްތައް ފާއިތުވެ ޤަރުނުތަކަކަށްފަހު، ރަސޫލާ صلى الله عليه وسلم ގެންގުޅުއްވި ގިނަ ތަކެތި، ހަނގުރާމަޔާއި ފިތުނަތަކާ އަދި އެނޫންވެސް ސަބަބުތަކާހުރެ، ގެއްލިފައިވާކަން ޘާބިތުވެފައިވެއެވެ.

 

މިކަމުގެ ބައެއް މިޘާލުތަކަކީ:

  1. ޞަޙީޙުލް ބުޚާރީއާއި ޞަޙީޙް މުސްލިމުގައި އިބްނު ޢުމަރު رضي الله عنهما ވިދާޅުވިކަމަށް ރިވާކުރައްވާފައިވެއެވެ.

«اتَّخَذَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ خَاتَمًا مِنْ وَرِقٍ، فَكَانَ فِي يَدِهِ، ثُمَّ كَانَ فِي يَدِ أَبِي بَكْرٍ، ثُمَّ كَانَ فِي يَدِ عُمَرَ، ثُمَّ كَانَ فِي يَدِ عُثْمَانَ، حَتَّى وَقَعَ مِنْهُ فِي بِئْرِ أَرِيسٍ، نَقْشُهُ مُحَمَّدٌ رَسُولُ اللهِ» [رواه البخاري (5873) ومسلم (2091)]

މާނައީ: ” ނަބިއްޔާ صلى الله عليه وسلم ރިހި އަނގޮޓިއެއް އެޅުއްވިއެވެ. ފަހެ އެއަނގޮޓި އޮތީ އެކަލޭގެފާނުގެ އަތްޕުޅުގައެވެ. އެއަށްފަހު އަބޫބަކުރުގެފާނުގެ އަތްޕުޅުގައެވެ. އެއަށްފަހު ޢުމަރުގެފާނުގެ އަތްޕުޅުގައެވެ. އެއަށްފަހު ޢުޘްމާނުގެފާނުގެ އަތްޕުޅުގައެވެ. އެއީ އަރީސް އޭ ކިޔުނު ވަޅަށް އެ އަނގޮޓި ވެއްޓެންދެނެވެ. އެ އަނގޮޓީގައި مُحَمَّدٌ رَسُولُ اللهِ މިޢިބާރާތް ކަނޑާނަގާފައިވެއެވެ.”

 

  1. އެކަލޭގެފާނުގެ ބުރުދާއާއި ކަނޑިވަނީ ގެއްލިފައެވެ. އެއީ ޢައްބާސީ ދަޢުލަތުގެ ފަހުކޮޅު، ހިޖުރައިން 565 ވަނަ އަހަރު އެބައިމީހުންގެ ހަނގުރާމައިގައި ތަތާރުން އެތަކެތި އަނދާލުމުންނެވެ. [الآثار النبوية لأحمد تيمور باشا (ص: 27-30)]

އިބްނު ކަޘީރު رحمه الله تعالى ވިދާޅުވެފައިވެއެވެ.

“މިބުރުދާވަނީ ސަލަފުންގެ ފަހުން ބަނުލްޢައްބާސްއަށް ވާރުތަވެފައެވެ. ޢީދު ދުވަހު ޚަލީފާ މިބުރުދާ ތުރުކުރައްވައެވެ. އަދި އެއް އަތުން ނަބިއްޔާ صلى الله عليه وسلم އަށް ނިސްބަތްކުރެވޭ ކަނޑި ހިއްޕަވައެވެ.”  [البداية والنهاية لابن كثير 8/6]

 

  1. ހިޖުރައިން 803 ގައި ދިމިޝްޤުގައި ހިނގި تيمورلنك ގެ ފިތުނައިގެ ތެރޭގައި އެކަލޭގެފާނަށް ނިސްބަތްކުރެވިފައިވާ ފައިވާން ޖޯޑުވަނީ ގެއްލިފައެވެ. [فتح المتعال في مدح النعال لأحمد بن محمد المقري (ص:363)]

 

އެކަލޭގެފާނުގެ ހެނދުންކޮޅެއްނަމަ އެއިން ކަފުން ކުރުމަށް އެތަކެތި ގެންގުޅުއްވި ބައެއް ބޭކަލުން ވަޞިއްޔަތްކުރެއްވުން ވެގެންދިޔައީވެސް އެކަލޭގެފާނު ގެންގުޅުއްވި ތަކެތި ގެއްލުނު ސަބަބަކަށެވެ. އަދި އެކަލޭގެފާނުގެ އިސްތަށިފުޅުފަދަ ބައެއް ތަކެތި އެބޭކަލުންނާއެކު ވަޅުލުމަށް އެބޭކަލުން ވަޞިއްޔަތްކުރެއްވުން ވެގެންދިޔައީވެސް އެތަކެތި ގެއްލުނު ސަބަބަކަށެވެ. [انطر: سير أعلام النبلاء للذهبي، الآثار النبوية لأحمد تيمور باشا]

 

 

ހަތަރުވަނައީ: ފާހަގަކުރެވޭ އަނެއް ކަމަކީ ފަހު ޒަމާނަށް އައިސް އިސްލާމީ ގިނަ ޤައުމުތަކެއްގައި ރަސޫލާ صلى الله عليه وسلم އަށް ނިސްބަތްކުރެވޭ އިސްތަށި އެބައިމީހުންގެ އަތުގައި ވާކަމަށް ދަޢުވާކުރާ ބަޔަކު ގިނަވެގެން ދިޔަކަމެވެ. ބުނެވޭ ގޮތުގައި ހިޖުރައިން 1327 ވަނަ އަހަރު ޤިސްޠަންޠީނިއްޔާގައި އެކަނިވެސް 43 އިސްތަށިކޮޅުވިއެވެ. ދެން އޭގެ ތެރެއިން 25 އިސްތަށިކޮޅު ހަދިޔާކުރެވުނެވެ. އަދި ބާކީ 18 އިސްތަށިކޮޅު އެތަނުގައި އޮތްކަމަށް ވެއެވެ. [الآثار النبوية لأحمد تيمور باشا]

އަދި އެހެންކަމުން، ނަބިއްޔާ صلى الله عليه وسلم ގެ އަޞްޙާބުން رضي الله عنهم އަށްފަހު އެކަލޭގެފާނުގެ އިސްތަށިން ބަރަކާތް ހާސިލުކުރެއްވިކަމަށް އައިސްފައިވާ ޚަބަރުތައް ޛިކުރު ކުރެއްވުމަށްފަހު، الآثار النبوية ގައި ލިޔުއްވާފައިވެއެވެ.

“ފަހެ މީސްތަކުން ގެންގުޅުނު އެފަދަ އިސްތަށިތަކުން ޞައްޙަކޮށް އައިސްފައިވާ އިސްތަށިތަކެއްނަމަ، އެއީ އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންގެ މެދުގައި ބަހާލެވުނު ތަކެއްޗެވެ. ނަމަވެސް މިކަމުގައި އުނދަގޫކަމަކީ ޞައްޙަކޮށް އައިސްފައިވާ ތަކެއްޗާއި މީސްތަކުން ދޮގުހަދައިގެން އެފަދައިން ގެންގުޅޭ ތަކެތި ވަކިކުރުމެވެ.” [الآثار النبوية لأحمد تيمور باشا]

 

= ނުނިމޭ =

____________________________

މަޞްދަރު

މިލިޔުމުގެ އެހެނިހެން ބައިތައް