الحديث الخامس والعشرون:
عَنْ أَبِي ذَرٍّ رضي الله عنه أَيْضًا: “أَنَّ نَاسًا مِنْ أَصْحَابِ رَسُولِ اللَّهِ صلى الله عليه وسلم قَالُوا لِلنَّبِيِّ صلى الله عليه وسلم يَا رَسُولَ اللَّهِ ذَهَبَ أَهْلُ الدُّثُورِ بِالْأُجُورِ؛ يُصَلُّونَ كَمَا نُصَلِّي، وَيَصُومُونَ كَمَا نَصُومُ، وَيَتَصَدَّقُونَ بِفُضُولِ أَمْوَالِهِمْ.
قَالَ: ((أَوَلَيْسَ قَدْ جَعَلَ اللَّهُ لَكُمْ مَا تَصَّدَّقُونَ؟ إنَّ بِكُلِّ تَسْبِيحَةٍ صَدَقَةً، وَكُلِّ تَكْبِيرَةٍ صَدَقَةً، وَكُلِّ تَحْمِيدَةٍ صَدَقَةً، وَكُلِّ تَهْلِيلَةٍ صَدَقَةً، وَأَمْرٌ بِمَعْرُوفٍ صَدَقَةٌ، وَنَهْيٌ عَنْ مُنْكَرٍ صَدَقَةٌ، وَفِي بُضْعِ أَحَدِكُمْ صَدَقَةٌ))
قَالُوا: يَا رَسُولَ اللَّهِ أَيَأْتِي أَحَدُنَا شَهْوَتَهُ وَيَكُونُ لَهُ فِيهَا أَجْرٌ؟
قَالَ: ((أَرَأَيْتُمْ لَوْ وَضَعَهَا فِي حَرَامٍ أَكَانَ عَلَيْهِ وِزْرٌ؟ فَكَذَلِكَ إذَا وَضَعَهَا فِي الْحَلَالِ، كَانَ لَهُ أَجْرٌ)) [رواه مسلم]
މާނައީ: އަދިވެސް އަބޫ ޛައްރު رضي اللّه عنه ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ﷺ ގެ އަޞްޙާބުބޭކަލުންގެ ތެރެއިން ބައެއް ބޭކަލުން ނަބިއްޔާ صلى الله عليه و سلم އަށް ދެންނެވިއެވެ.
އޭ ﷲ ގެ ރަސޫލާއެވެ! މުދާގިނަބޭކަލުން، އަޖުރުތަކައިގެން ވަޑައިގެންފިއެވެ. ތިމަންބޭކަލުން ނަމާދުކުރާ ފަދައިން އެބޭކަލުންވެސް ނަމާދުކުރައްވައެވެ. އަދި ތިމަންބޭކަލުން ރޯދަހިފާ ފަދައިން އެބޭކަލުންވެސް ރޯދަހިއްޕަވައެވެ. އަދި އެބޭކަލުންގެ އަތުގައިވާ އިތުރުމުދާތަކުން އެބޭކަލުން ޞަދަޤާތްކުރައްވައެވެ.
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުން ޞަދަޤާތްކުރާނޭ އެއްޗެއް ﷲ ލައްވާފައި ނުވޭ ހެއްޔެވެ؟ ހަމަކަށަވަރުން ކޮންމެ ތަސްބީޙައެއްގައި ޞަދަޤާތެެއްވެއެވެ. އަދި ކޮންމެ ތަކުބީރެއްގައި ޞަދަޤާތެެއްވެއެވެ. އަދި ކޮންމެ ތަޙްމީދެއްގައި ޞަދަޤާތެެއްވެއެވެ. އަދި ކޮންމެ ތަހުލީލެއްގައި ޞަދަޤާތެއް ވެއެވެ. (އެބަހީ: سُبْحَانَ اللهِ، اللهُ أَكْبَرُ، الحَمْدُ لِلهِ ، لَا إِلٰهَ إِلَّا اللهُ މިއިން ކޮންމެ ކަލިމައެއް ކިޔުމަކީވެސް ޞަދަޤާތެކެވެ.) އަދި ހެޔޮކަމަކަށް އަމުރުކުރުމީ ޞަދަޤާތެކެވެ. އަދި ނުބައިކަމެއް ނަހީކުރުމީ ޞަދަޤާތެކެވެ. އަދި ތިޔަބައިމީހުން ކުރެ މީހަކު (އޭނާގެ އަނބިމީހާއާއެކު) އެއްދާންކުރުމުގައިވެސް ޞަދަޤާތެއްވެއެވެ.”
(ޞަޙާބީބޭކަލުން) ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ! ތިމަންމެންކުރެ ބޭކަލަކު، ޝަޙުވަތް ފުއްދުމުންވެސް، އެކަމުގައި އެބޭކަލަކަށް އަޖުރުވޭތޯއެވެ؟
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ޙަރާމް ގޮތަކުން އެކަން ފުއްދައިފިނަމަ، އެކަމުގައި އެބޭކަލަކަށް ފާފައެއް ނުވޭ ހެއްޔެވެ؟ ހަމަ އެފަދައިން، ޙަލާލުގޮތުގައި އެކަން ފުއްދައިފިނަމަ، އެބޭކަލަކަށް އެކަމުގެ އަޖުރުވެސްވެއެވެ.”