[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީން (30)

އަދި ހަމައެއާއެކު ތަޖުރިބާއިން އެނގޭގޮތުގައި ޢަދަދުވެސް ނުކުރެވޭހާ ގިނަމީހުންވަނީ ޝައިޠާނާގެ ކިބައިން ރައްކާތެރިވުމާ އެސޮރުމެންނާ ގުޅުންހުރި ކަންކަން ބާޠިލުކުރުމުގައި ކުރުސީގެ އަސަރު ބަޔާންކޮށްދީފައެވެ. ފަހެ ހަމަކަށަވަރުން ޝައިޠާނާގެ ކިބައިން ދިފާޢުވުމުގައްޔާއި ޖިންނި މޮޔަވެފައިވާ މީހުންނާއި ޖިންނީން ވާގިވެރިވާ މީހުންނަށް އޭގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކުރުވައެވެ. މިޘާލަކަށް އަނިޔާވެރިވާ މީހުންނާއި ރުޅިގަދަމީހުން އަދި ޝަހްވަތާ ލަވަޔާ މިއުޒިކުގެ އަހުލުވެރިންނާއި އޭގެ އަޑުއަހާ، ތުމުން ފުމެ އަތްޖަހާ މީހުންނަށް ތެދުވެރިކަމާއެކު އެއާޔަތް ކިޔުމުން އޭނާގެ ކިބައިގައިވާ ޝައިޠާނާ ދުރުހެލިވެއެވެ. އަދި އޭނާއަށް ޝައިޠާނާ ދައްކަމުން ދިޔަ ދަޅަތައްވެސް ބާޠިލުވެއެވެ. އަދި ޝައިޠާނާއާ އެއްބައިވެގެން އުޅޭ މީހުންނަށް އެވާ ކަޝްފުވުންތަކާއި ޝައިޠާނީ ޢަމަލުތަކުންވެސް އެބައިމީހުން ދުރުހެލިވެއެވެ. އެހެނީ ޝައިޠާނާ އެބައިމީހުންގެ ވާގިވެރިންނަށް ވަސްވާސްދޭ ކަންކަމަކީ ﷲ ގެ ވަލީވެރި ތަޤްވާވެރިންގެ ކަރާމާތްތައްކަމަށް ޖާހިލުން ހީކުރެއެވެ. އެހެނެއްކަމަކު އެއީ ކޯފާލެއްވިގެންވާ އަދި މަގުފުރެދިގެންވާ ޝައިޠާނާގެ ވަލީވެރިންގެ އޮޅުވާލުންތަކެވެ.

މީހަކަށް ހަމަލާދޭ މީހަކީ މުސްލިމެއްކަމުގައި ވިޔަސް އަދި ކާފިރެއްކަމުގައި ވިޔަސް އެމީހެއްގެ އެކަން ހުއްޓުވުމަކީ އަނިޔާލިބުނު މީހާގެ ޙައްޤެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((مَنْ قُتِلَ دُونَ مَالِهِ فَهُوَ شَهِيدٌ، وَمَنْ قُتِلَ دُونَ دِينِهِ فَهُوَ شَهِيدٌ، وَمَنْ قُتِلَ دُونَ دَمِهِ فَهُوَ شَهِيدٌ)) [رواه الترمذي وصححه الألباني]  

މާނައީ: “އެމީހެއްގެ މުދާ ރައްކާތެރިކުރުމުގައި ޤަތުލުވެއްޖެމީހަކީ ޝަހީދެކެވެ. އަދި އެމީހެއްގެ ދީން ރައްކާތެރިކުރުމުގައި ޤަތުލުވެއްޖެމީހަކީ ޝަހީދެކެވެ. އަދި އެމީހެއްގެ ނަފްސު ރައްކާތެރިކުރުމުގައި ޤަތުލުވެއްޖެމީހަކީ ޝަހީދެކެވެ.”

އެމީހެއްގެ އެކުގައިވާ މީހުން (އެސޮރުމެންނަށް) ހަވާލުކޮށް އޭނާ ދޫކޮށްލުމާމެދު ދަންނައެވެ. އެއީ އިންސީންގެ ތެރެއިން އަނިޔާ ލިބިފައިވާ މީހުން އެފަދަ ބަޔަކާ ހަވާލުކުރުންފަދަކަމެކެވެ.

އެފަދަ މީހުން އަނިޔާވެރިންނާ ހަވާލު ނުކުރުމަކީ ކުޑަދާނަކަން ލިބިފައިވާ ޙާލު ކިފާޔަތުގެ ފަރުޟެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((الْمُسْلِمُ أَخُو الْمُسْلِمِ لاَ يَظْلِمُهُ وَلاَ يُسْلِمُهُ)) [متفق عليه]

މާނައީ: “އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. އޭނާގެ އަޚާއަށް އަނިޔާވެރި ނުވާނެއެވެ. އަދި އޭނާ (ޢަދާވާތެރިންނާ) ހަވާލުވެސް ނުކުރާނެއެވެ.”

އޭނާއަށް އެފަދައިން (ޖިންނި މޮޔަވެފައިވާ މީހަކަށް) އެހީތެރިވުމުގެ ކުޅަދާނަކަން ލިބިފައިނުވާނަމަ ނުވަތަ އެއަށްވުރެ ވާޖިބުކަން ބޮޑުކަމެއްގައި އޭނާ މަޝްޣޫލުވެފައިވާނަމަ ނުވަތަ އެހެން މީހަކު އެކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންދާނަމަ އޭނާގެ މައްޗަށް އެކަން ވާޖިބެއް ނުވާނެއެވެ.

އަދި އޭނާއަށް (އެހީތެރިވުމުގެ) ކުޅަދާނަކަން ލިބި، އެކަން އޭނާގެ މައްޗަށް ލާޒިމުވެ، އެއަށްވުރެ ވާޖިބުކަން ބޮޑުކަމެއްގައި އޭނާ މަޝްޣޫލުވެފައި ނުވާނަމަ، އެފަދަ މީހަކަށް އެހީވުން އޭނާގެ މައްޗަށް ވާޖިބުވާނެއެވެ.

 

____________________________

މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -رحمه الله- ގެ މަޖްމޫޢުލްފަތާވާގެ ފަތުވާއެއްގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެން ބައިތައް