އަދި ތިބާގެ އުސްތާޛު ދެއްވާ ނަސޭޙަތްތަކަށާއި ތިބާގެ ކަންކަމުގައި އެބަހައްޓާ އިޚްލާޞްތެރިކަމަށް ޝުކުރުއަދާކުރާށެވެ. އެހެނީ މީސްތަކުންނަށް ޝުކުރުވެރިނުވާ މީހަކު، ﷲ އަށް ޝުކުރުވެރި ނުވާނެއެވެ. އަދި އުސްތާޛަށް ޢުޛުރު ހޯދައިދީ، ކިޔަވާ ކުދިން، އެކުދިންގެ އަމިއްލަ ކުށް ފާހަގަކުރުމަކީ އެކުދިން ކިޔަވައިދޭމީހާދެކެ ލޯބިވާކަމުގެ ހެއްކެކެވެ. ވާހަކަދެއްކުމުގައްޔާއި ސުވާލުކޮށް ޖަވާބުދިނުމުގައިވެސް އުސްތާޛާ އިޙްސާންތެރިކޮށް މުޢާމަލާތްކުރާށެވެ. އަދި ބޮޑާވެރިވުމާއި ޖަދަލުކުރުމުން ދުރުހެލިވާށެވެ.
ތިބާގެ އުސްތާޛު ދައްކާ ވާހަކައަށް ކަނުލާ އަޑުއަހާށެވެ. އަދި ދީނީ ކަންކަމުގެ ތެރެއިން އޮޅުން އަރާކަމެއް ތަކުރާރުކޮށް އަހަންޖެހުނަސް އެކަމުގައި ފަސްނުޖެހޭށެވެ. ފަހެ ދީނީ ކަންކަމުގައި ސުވާލުކުރުމަކީ ޝަރަފެކެވެ. އަދި އެކަންކަމުގައި ސުވާލުކުރުމުން ފުރަގަސްދީ، ޖާހިލުކަންމަތީ ދެމިހުރުމަކީ ނިކަމެތިކަމެކެވެ.
ޢާއިޝާ رضي الله عنها ވިދާޅުވިއެވެ.
“އަންސާރިއްޔަ ކަނބަލުންނަށް ﷲ ތަޢާލާ ރަޙުމަތްލައްވާށިއެވެ! ލަދުވެތިކަމަކީ އެކަނބަލުން ދީނީ ޢިލްމުގައި ފިޤުހުވެރިވުމަށް އޮތް ހުރަހެއްކަމުގައި އެކަނބަލުން ނުހަދައެވެ.”
_________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް