[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ ޤައުމެއްގައި ފައްޅިއެޅުން ހުއްދަވާނެބާ؟

ﷲ ތަޢާލާ ބާވާލެއްވި މާތްވެގެންވާ އިސްލާމްދީން ފިޔާވާ އެހެން ދީންތަކަކީ ކުފުރާއި މަގުފުރެދުމަށް ގޮވާލާ ދީންތަކެއްކަމާއި މެދަކު ޝައްކެއްނެތެވެ. އެހެނީ އެހެނިހެން ބާތިލު ދީންތަކާއި ޚިލާފަށް އިސްލާމްދީން ބާވައިލެއްވުނީ އަޅުތަކުންގެ އަޅުވެތިކަމުން މީސްތަކުން ނެރެ އަޅުތަކުންގެ ވެރި ރައްބު ﷲ ސުބްޙާނަހު ވަތަޢާލާގެ އަޅުވެތިކަމަށް މީސްތަކުން، ގެނައުމަށެވެ. އެހެން ކަމުން އިސްލާމީ ޝަރީޢަތާއި ޚިލާފަށް އަޅުކަންކުރަން ތައްޔާރުކުރެވިފައިވާ ތަންތަން ބެލެވޭނީ ކުފުރާއި މަގުފުރެދުމަށް ގޮވާލާ އަދި އެފަދަ ޢަމަލުތައް ހިންގުމަށް ތައްޔާރުކުރެވިފައިވާ ތަންތަން ކަމުގައެވެ. އެހެނީ އެއްވެސް އަޅުކަމެއް ﷲ ތަޢާލާ ޝަރުޢު ނުކުރައްވާ ގޮތެއްގައި އަދާ ކުރުމަކީ ހުއްދަވެގެންވާނޭކަމެއްނޫނެވެ. އިސްލާމްދީނަކީ ހުރިހާ ޝަރީޢަތެއްގެ މައްޗަށް ޝަރުޢު ކުރެވިގެންވާ ދުވަހަކުވެސް ބަދަލެއްނާންނާނޭ ފުރިހަމަ ޝާމިލު ޝަރީޢަތެކެވެ. އެންމެހާ އިންސީންނާއި ޖިންނީންގެ މައްޗަށް ބާވައިލެއްވުނު މަތިވެރި ޝަރީޢަތެވެ. މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް އިސްލާމްދީން ބާވައިލެއްވުމާއި އެކު ކުރީގެ އެންމެހާ ޝަރީޢަތްތަށް ވަނީ މަންސޫޚު ކުރެވިފައެވެ. މިކަންތައްތަކަކީ އުއްމަތުގެ ޢިލްމުވެރިން އިޖްމާޢު ވެފައިވާ ކަންތައްތަކެވެ.

އަދި ޔަހޫދީންވަނީ ހައްޤު ގޮތުގައި ކަމަށް ނުވަތަ ނަޞާރާއިން ވަނީ ހައްޤުގޮތުގައި ކަމަށް ޤަބޫލުކޮށްފިމީހާއީ ބަޔާންވެގެންވާ މަގުފުރެދުމަކުން މަގުފުރެދިފައިވާ މީހެކެވެ. އަދި އެ ޔަހޫދީންނާއި ނަޞާރާއިން އެތިބީ ހައްޤުގައިކަމަށް ބުނާމީހާއީ ބޮޑު ދޮގުވެރިއެކެވެ. އެބުނި މީހާއަކީ ޔަހޫދީންގެ ތެރެއިން ނުވަތަ ނަޟާރާއިންގެ ތެރެއިން ވާ މީހެއް ކަމުގައިވިޔަސް ނުވަތަ އެމީހުންގެ ތެރެއިން ނުވާމީހެއް ކަމުގައިވިޔަސް މެއެވެ. މުސްލިމަކު އެފަދައިން ޤަބޫލުކޮށްފިނަމަ އެމީހަކު އެވަނީ މުރުތައްދު ވެފައެވެ. އެފަދަ މީހަކު އެބުނިބަސް އަނބުރާގެނެސް ތަވްބާވެ ﷲ ތަޢާލާގެ ހަޟްރަތައް ރުޖޫޢަ ވާންޖެހޭނެއެވެ. އަދި ނޭންގިހުރެ އެކަން އެގޮތަށް ޤަބޫލުކޮށްފި މީހާއަށް ހައްޤު ބާޔާންކޮށްދިނުމުންވެސް އިސްލާޙު ނުވެއްޖެނަމަ އޭނާވެސް ބެލެވޭނީ މުރުތައްދެއްގެ ގޮތުގައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ” وَمَا أَرْسَلْنَاكَ إِلاَّ كَافَّةً لِّلنَّاسِ بَشِيرًا وَنَذِيرًا وَلَكِنَّ أَكْثَرَ النَّاسِ لا يَعْلَمُونَ “- سَبَأ 28- މާނަ : ” އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި، ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައިމެނުވީ، ތިމަންރަސްކަލާނގެ، އެންމެހާ މީސްތަކުންގެ ގާތަކަށް ކަލޭގެފާނު ނުފޮނުއްވަމެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން އެކަމެއް ނުދަނެތެވެ.”

އަދިވެސް އެއިލާހު ވަހީކުރެއްވިއެވެ. ” قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللَّهِ إِلَيْكُمْ جَمِيعًا ” الأعراف 158 – މާނަ : ” ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުން އެންމެންގެ ގާތަށް ﷲ ފޮނުއްވި رسول އާއެވެ”

އަދިވެސް އެހެން އާޔަތެއްގައި ވަޙީކުރެއްވިއެވެ. ” وَمَن يَبْتَغِ غَيْرَ‌ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَ‌ةِ مِنَ الْخَاسِرِ‌ينَ  ” – سورة آل عمران 85 – މާނަ : ” އިސްލާމްދީން ފިޔަވައި އެހެންދީނެއް އެއީ ދީނެއްގެ ގޮތުގައި ޤަބޫލިކޮށްފި މީހާގެ ކިބައިން ޤަބޫލެއްނުކުރެވޭނެއެވެ. “

އަދިވެސް އެއިލާހު سورة البينة ގެ 6 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. ” إِنَّ الَّذِينَ كَفَرُ‌وا مِنْ أَهْلِ الْكِتَابِ وَالْمُشْرِ‌كِينَ فِي نَارِ‌ جَهَنَّمَ خَالِدِينَ فِيهَا ۚ أُولَـٰئِكَ هُمْ شَرُّ‌ الْبَرِ‌يَّةِ  ” މާނަ : ” އަހުލު ކިތާބީންނާއި މުޝްރިކުންގެ ތެރެއިން ކާފިރުވީ މީހުންވަނީނަރަކައިގެ އަލިފާންގަނޑުގެ ތެރޭގައެވެ.އެތާންގައި ދެމިތިބެނިވިވި ގޮތުގައެވެ. މީސްތަކުންގެ ތެރެއިން ނުބައި ބަޔަކީ އެބައިމީހުންނެވެ. “

البخاري  އަދި  مسلم  އަދި މިނޫންވެސް މުޙައްދިޘުންގެ ކިބައިން ރިވާވެގެން އައިސްފައި ވެއެވެ.  ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ” وَكَانَ النَّبِيُّ يُبْعَثُ إِلَى قَوْمِهِ خَاصَّةً وَبُعِثْتُ إِلَى النَّاسِ عَامَّةً ”  މާނަ : ” އަދި ނަބީބޭކަލުން ފޮނުއްވިފައިވަނީ އެބޭކަލުންގެ ޤައުމުގެ މީހުންގެ ގާތަށް ޚާއްސަކުރެވިގެންނެވެ. ނަމަވެސް ތިމަންކަލޭގެފާނު ފޮނުއްވުނީ ޢާއްމުކޮށް އެއްމެހާ މީސްތަކުންގެ ގާތަށެވެ. “

އެހެންކަމުން ކޮންމެ މީހަކުވެސް ފުރިހަމަ މުސްލިމަކަށް ވުމަށްޓަކައި އެއްމެހާ ބާތިލު ފިކުރިއްޔާތު ތަކުން ދުރުވުމަކީ ލާޒިމުކަމެކެވެ. އާދެ އިސްލާމްދީނަށް ވަނުމަށްފަހު ކާފިރުވުމަކީ އާދެ މުރުތައްދު ވުމަކީ ކަނޑައެޅިގެން ޙަރާމްކަމެކެވެ. އަދި އިސްލާމީ ޝަރީޢަތާއި ޚިލާފަށް ކުރެވޭ ކޮންމެ އަޅުކަމެއް ކުރުންވަނީ ޙަރާމްކުރެވިގެންނެވެ. އަދި އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ މީސްތަކުން އަޅުކަންކުރާ ތަންތަނާއި ފައްޅިތައް އިސްލާމީ މުޖުތަމަޢުތަކުގެ ތެރޭގައި ބިނާކުރުމަކީ ހުއްދަވެގެންވާނޭކަމެއްނޫނެވެ. އެއީ ޔަހޫދީންގެ ނުވަތަ ނަޞާރާއިން އަޅުކަންކުރަން ތައްޔާރުކުރެވޭ ތަނެއްކަމުގައި ވިޔަސްމެއެވެ. އެހެނީ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަޞައްލަމަގެ މައްޗަށް ޝަރީޢަތް ބާވައިލެއްވުމަށްފަހު ކުރީގެ އެއްމެހާ ރަސޫލުބޭކަލުންގެ މައްޗަށް ބާވައިލެއްވިފައިވާ ޝަރީޢަތްތައް ވަނީ މަންސޫޚު ކުރެވިފައެވެ. އިސްލާމީ ޝަރީޢަތަކީ ޤިޔާމަތާއި ހަމައަށް ދެމިގެންދާނޭ އުނިވުމެއްނެއް ހުރިހާ ޒަމާނަކާއި ވަގުތަކަށް ފެތޭނޭ ފުރިހަމަ ޝަރީޢަތެކެވެ. އެ ޝަރީޢަތުގައި އައިސްފައިވާ ގޮތާއި ޚިލާފަށް ޢަމަލުކޮށް އަދި ޝިރުކުކޮށް ﷲ ތަޢާލާ ފިޔަވައި އެހެންފަރާތްތަކަށް އަޅުކަންކޮށް އުޅޭމީހުންގެ ޢަމަލުތަކަށް ޤިޔާމަތްދުވަހު ވެގެންދާނީ ކިހިނެއްތޯއެވެ؟ ﷲ ތަޢާލާ ގެ ވަޙީކުރެއްވިއެވެ. ” وَقَدِمْنَا إِلَىٰ مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَّنثُورً‌ا ” سورة الفرقان 23 – މާނަ : ” އަދި عمل ގެ ތެރެއިން އެއުރެންކުޅަ ކަންތަކަށް، ތިމަންރަސްކަލާނގެ ބައްލަވައި، އެ عمل ތައް ވަޔާބުރައިގެންދާ ކުނޑިފުއްތަކެއް ފަދައިން ލައްވާހުށީމެވެ. “

އެހެންކަމުން ޢިލްމުވެރިންވަނީ އިސްލާމީ ބިމެއްގައި ފައްޅި ، ޗާރޗު ، ޓެންޕަލް އެޅުމަކީ ޙަރާމް ކަމެއްކަމުގައި އިޖްމާޢުވެލައްވާފައެވެ. ސަބަބަކީ އިސްލާމީ ޤައުމެއްގައި ދެފަރާތަކަށް އަޅުކަމެއްނުކުރެވޭނެއެވެ. ކުފުރުގެ ޝިޢާރަކަށް ނުގޮވޭނެއެވެ. އިސްލާމީ މުޖުތަމަޢެއްގައި ، މުސްލިމުންގެ ތެރޭގައި އެފަދަ ފައްޅިއެއް ނުވަތަ ޗާރޗެއް ނުވަތަ ޓެންޕަލް އެއް ހުރިނަމަ އެތަނެއް ތަލާލުމަކީ ވާޖިބުކަމެއް ކަމުގައިވެސް ޢިލްމުވެރިން ދެކިލައްވައެވެ. އަދި ޤައުމުގެ وَلِيُّ الأَمْر  އެކަމާއި (އެފަދަ ފައްޅިއެއް ، ޗާރޗެއް ، ނުވަތަ އެފަދަ ތަނެއް ނައްތާލުމާއި ) ދެކޮޅު ހެދުން ހުއްދަވެގެން ނުވެއެވެ.

އެހެންކަމުން އަޅުގަނޑުމެންނަށް އެނގިގެންދަނީ މިފަދަ ތަންތަން ހެދުމަށް ހުއްދަދީ ހިއްވަރުދީ ހެދުމަކީ އަދި އެކަންކަން ކުރުމަށް ރުހުމަކީ ކުފުރު ފެތުރުމަށް އެޅޭ ވަރަށް ބޮޑު ބާރަކަށް ނޫނީ ނުވާނެކަމެއެވެ. ﷲ ތަޢާލާ އަލްމާއިދާ ސޫރަތުގެ 2 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. ” وَتَعَاوَنُوا عَلَى الْبِرِّ‌ وَالتَّقْوَىٰ ۖ وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ ۚ وَاتَّقُوا اللَّـهَ ۖ إِنَّ اللَّـهَ شَدِيدُ الْعِقَابِ  ” މާނަ : ” އަދި ހެޔޮކަންތައް ކުޅައުމާއި، تقوى ވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި عداوة ތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ عقوبات ގަދަފަދަ ވެގެންވާ ރަސްކަލާނގެއެވެ.  “

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. (( ފައްޅިތަކަކީ ﷲ ތަޢާލާގެ ގެކޮޅު ތަކުގެ ތެރެއިން ގެކޮޅެއްކަމަށް ދެކިގެން އެތާންގައި އަޅުކަންކުރުމަށް ރުހި އަދި ޔަހޫދީންނާއި ނަޞާރާއިން ކުރާ އަޅުކަންތަކަކީ  ﷲ އާއި ރަސޫލާއަށް ކިޔަމަންވުމުގެ ތެރޭގައި ވާކަމެއްކަމުގައި ދެކެފިނަމަ ނުވަތަ އެފަދަކަމަކަށް ރުހިއްޖެމީހާ ނުވަތަ އެފަދަ ތަންތަން އެޅުމަށް ހިއްވަރުދީ އަދި އެތަންތާ އަޅުކަންކުރުމީ ﷲ އަށް ކުއްތަންވުން ކަމުގައި ދެކެފިމީހާ އަކީ ބަޔާންވެގެންވާ ކުފުރަކުން ކުފުރުވެއްޖެ މީހެކެވެ.))

 ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ” إِنَّ الَّذِينَ ارْ‌تَدُّوا عَلَىٰ أَدْبَارِ‌هِم مِّن بَعْدِ مَا تَبَيَّنَ لَهُمُ الْهُدَى ۙ الشَّيْطَانُ سَوَّلَ لَهُمْ وَأَمْلَىٰ لَهُمْ (*) ذَٰلِكَ بِأَنَّهُمْ قَالُوا لِلَّذِينَ كَرِ‌هُوا مَا نَزَّلَ اللَّـهُ سَنُطِيعُكُمْ فِي بَعْضِ الْأَمْرِ‌ ۖ وَاللَّـهُ يَعْلَمُ إِسْرَ‌ارَ‌هُمْ (*) فَكَيْفَ إِذَا تَوَفَّتْهُمُ الْمَلَائِكَةُ يَضْرِ‌بُونَ وُجُوهَهُمْ وَأَدْبَارَ‌هُمْ (*) ذَٰلِكَ بِأَنَّهُمُ اتَّبَعُوا مَا أَسْخَطَ اللَّـهَ وَكَرِ‌هُوا رِ‌ضْوَانَهُ فَأَحْبَطَ أَعْمَالَهُمْ (*) ” ( محمد  25 -28 )  މާނަ : ” ހަމަކަށަވަރުން، އެއުރެންނަށް ތެދުމަގު އެނގި ބަޔާންވުމަށްފަހު، އެއުރެންގެ ފުރަގަހަށް އެނބުރިދިޔަ މީހުންނަށް شيطان އާ އެކަން ޒީނަތް ތެރިކޮށްދެއްކިއެވެ. އަދި އަޖަލުތައް ދިގުވާނެކަމުގެ އެދުން އެއުރެންނަށް ލައިދިނެވެ. (*) އެއީ، ﷲ ބާވައިލެއްވި ފޮތަށް ނުރުހުންވި މީހުންނަށް، އެއުރެން ބުނިކަމަށްޓަކައެވެ. ބައެއްކަންތަކުގައި ތިމަންމެން ތިޔަބައިމީހުންނަށް ކިޔަމަންވާނޫއެވެ. އަދި އެއުރެން ސިއްރުކޮށްފައިވާ ގޮތް ﷲ ދެނެވޮޑިގެންވެތެވެ. (*) އެއުރެންގެ މޫނުތަކާއި، ބުރިކަށިތަކުގައި ތަޅުއްވަމުން ملائكة ން އެއުރެންގެ މަރުހިއްޕަވާހިނދު، އެއުރެންގެ ޙާލު ވާނީ ކޮންފަދައަކުން ހެއްޔެވެ؟ (*) އެއީ، ﷲ ކޯފާވެވޮޑިގެންވާމަގަށް އެއުރެން ތަބަޢު ވީކަމަށްޓަކައެވެ. އަދި އެކަލާނގެ ރުއްސެވުމަށް އެއުރެން ނުރުހުންވީކަމަށްޓަކައެވެ. ފަހެ، އެކަލާނގެ އެއުރެންގެ ޢަމަލުތައް ބާޠިލު ކުރެއްވިއެވެ.(*) “

އެހެންކަމުން އަޅުގަނޑުމެންނަކީ މުސްލިމުންކަމުގައި ވީތީ ، މި އާޔަތުގައި މިވާ މީހުންގެތެރެއިން ވެވިދާނެކަމުގެ ބިރަށްޓަކައި މިފަދަ ފިކުރުތަކުން ހިތްތައް ތާހިރުކުރުން ވާޖިބެވެ.

ދުޢާ އަކީ ﷲ ސުބްޙާނަހު ވަތަޢާލާ މިފަދަ އެއްމެހާ ބާތިލު ފިކުރުތަކުން އަޅުގަނޑުމެން ރައްކާތެރިކުރައްވައި އަޅުގަނޑުމެންގެ މުސްލިމު އުއްމަތް އަދި އަޅުގަނޑުމެންގެ އިސްލާމީ ބިމަކީ ޝިރުކާއި ކުފުރުގެ މުޞީބާތުން ސަލާމަތްވެފައިވާ ތަނެއްކަމުގައި ލެއްވުމެވެ. އާމީން .