ﷲ އަށްޓަކައި ބޭއްވި ގުޅުމެއް ފިޔަވައި އެހެން ހުރިހާ ގުޅުމެއް ޤިޔާމަތް ދުވަހު ޢަދާވާތްތެރިކަމަށް ބަދަލުވެގެންދާނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿الْأَخِلَّاءُ يَوْمَئِذٍ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا الْمُتَّقِينَ﴾ [الزخرف ٦٧]
މާނައީ: “އެކުވެރިން އެދުވަހުން އެއްބަޔަކު އަނެއްބަޔަކަށް ވާހުށީ ދުޝްމަނުން ކަމުގައެވެ. ތަޤްވާވެރިން މެނުވީއެވެ.”
އިބްނު ކަޘީރު އެކަލޭގެފާނުގެ ތަފްސީރުގައި ވިދާޅުވިއެވެ.
“އެބަހީ: ކޮންމެ އެކުވެރިކަމެއްމެ އަދި ކޮންމެ ގާތްކަމެއްމެ ޤިޔާމަތް ދުވަހުން ޢަދާވާތްތެރިކަމަކަށް ބަދަލުވެގެންދާނެއެވެ. އެއީ ﷲ އަށްޓަކައި ކުރިކަމެއް ފިޔަވައެވެ. ފަހެ އެއިލާހަށްޓަކައި ކުރިކަމެއް ދާއިމުވެގެންދާނެއެވެ.” [1]
ﷲއަށްޓަކައި އެކުވެރިވެ އަދި އެއިލާހަށް ކިޔަމަންގަތުމުގައި އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވާމީހުންދެކެ އެއިލާހު ލޯބިވެވޮޑިގަންނަވައެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((أَنَّ رَجُلًا زَارَ أَخًا لَهُ فِي قَرْيَةٍ أُخْرَى، فَأَرْصَدَ اللهُ لَهُ، عَلَى مَدْرَجَتِهِ، مَلَكًا فَلَمَّا أَتَى عَلَيْهِ، قَالَ: أَيْنَ تُرِيدُ؟ قَالَ: أُرِيدُ أَخًا لِي فِي هَذِهِ الْقَرْيَةِ، قَالَ: هَلْ لَكَ عَلَيْهِ مِنْ نِعْمَةٍ تَرُبُّهَا؟ قَالَ: لَا، غَيْرَ أَنِّي أَحْبَبْتُهُ فِي اللهِ عَزَّ وَجَلَّ، قَالَ: فَإِنِّي رَسُولُ اللهِ إِلَيْكَ، بِأَنَّ اللهَ قَدْ أَحَبَّكَ كَمَا أَحْبَبْتَهُ فِيهِ)) [رواه مسلم]
މާނައީ: “ހަމަކަށަވަރުން މީހަކު، އޭނާގެ އަޚެއްގެ ގާތަށް ޒިޔާރަތްކުރިއެވެ. އެއަޚާ އުޅެނީ އެހެން ރަށެއްގައެވެ. ފަހެ ﷲ ތަޢާލާ އެމީހާގެ ގާތަށް މަލާއިކަތަކު ފޮނުއްވިއެވެ. އެމީހާ ދިޔަ މަގުމަތިން އެމަލާއިކަތާ އޭނާއާ ބައްދަލުކުރެއްވިއެވެ. އަދި ސުވާލުކުރެއްވިއެވެ.
ތިޔަ ދަނީ ކޮންތާކަށް ހެއްޔެވެ؟
އެމީހާ ބުންޏެވެ.
މިރަށުގައި ހުރި އަހަރެންގެ އަޚެއްގެ ގާތަށެވެ.
އެމަލާއިކަތާ ވިދާޅުވިއެވެ.
އޭނާއަކީ ތިބާ ޚަރަދުކުރާ، ތިބާގެ ބެލުމުގެ ދަށުގައިވާ މީހެއް ހެއްޔެވެ؟
އެމީހާ ބުންޏެވެ.
ނޫނެކެވެ. އެކަމަކު ﷲ ޢައްޒަ ވަޖައްލަ އަށްޓަކައި އެއަޚާދެކެ އަހަރެން ލޯބިވަމެވެ.
އެމަލާއިކަތާ ވިދާޅުވިއެވެ.
ފަހެ ހަމަކަށަވަރުން ތިމަންކަލޭގެފާނަކީ، ﷲ އަށްޓަކައި ތިބާގެ އަޚާދެކެ ތިބާ ތިޔަ ލޯބިވި ފަދައިން، ﷲ ތަޢާލާވެސް ތިބާދެކެ ލޯބިވެވޮޑިގެންވާކަން އެންގެވުމަށް، އެއިލާހު ތިބާގެ ގާތަށް ފޮނުއްވި ރަސޫލަކީމެވެ.”
______________________
[1] تفسير ابن كثير 4 / 133
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް